ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 10:26
އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ގޫގުލް
ސީލައިފް މައްސަލަ
އައްމަޓީގެ އުދާސްތައް ބަންޑުން: ޝަކުވާ އަކީ ޝަރީއަތާ ހުރެ މައުސޫމްކަން ހާމަކޮށްދޭން ފުރުސަތެއް ނެތުން
 
ސީލައިފް ގްލޯބަލްގެ އެހެން މީހަކަށް ދައުވާ ނުކުރާތީ އައްމަޓީގެ ކަންބޮޑުވުން
 
އައްމަޓީ ބުނަނީ ދައުލަތުން ދޮގު ވާހަކަ ފަތުރާ ކަމަށް

ޝަރީއަތުގައި މައްސަލަތައް ކުރިއަށް ދާތީ އާއްމުންނަށް ބުނެދޭން ބޭނުންވާ އެތައް ވާހަކައެއް ބުނެ ނުދެވޭ ކަމަށާއި ދޮގު އެތައް ތުހުމަތެއް ކުރަމުންދާ ކަމަށް ބުނެ ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު  އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އޭނާގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ފްލެޓްތަކުގެ ހައްގުވެރި ފަރާތްތަކަށް ދޭން ޖެހޭ ފްލެޓް ނުދީވާ މައްސަލައިގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ވަނީ ބާއްވާފައެވެ. އެ އަޑު އެހުމުގައި އައްމަޓީ ވަނީ އޭނާ ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމަށް ފުރުސަތަކަށް އެދިފައެވެ. އެ މައްސަލަ ބައްލަވާ ގާޒީ އައްމަޓީ އަށް ފުރުސަތު ދެއްވުމުން އޭނާ ވަނީ ދައުލަތުން ކުރާ ބައެއް ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި މީޑިއާ މެދުވެރިކޮށް އާއްމުންނަށް ދޮގު މަންޒަރެއް ދައްކާ ކަަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން އޭނާ ފިލާފާނެ ކަަމަށް ބުނެ ބަންދުގައި ބަހައްޓަން މިހާރު ވެސް ދައުލަތުން ބުނަމުން ދާއިރު އޭނާ ފުރުމަށް މަނާ ކުރާ ހާލަތެއް ނެތް އިރުގައި ވެސް ތަނަކަށް ފުރުމަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ހުރީ ޑީޕޯޓްކޮށްފައި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އޭނާގެ އަގު ވައްޓާލަން ދައްކާ ވާހަކަތަކެއް ކަމަށް އައްމަޓީ ވަނީ ބުނެފައެވެ.

އަދި ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށް ވެފައިވާ އެއްބަސްވުމަކީ އޭނާގެ އަމިއްލަ ނަމުގައި ވެފައިވާ އެއްބަސްވުމަކަށް ނުވާ އިރު އެކަމާއި އޭނާ އެކަނި ޒިންމާ ވާންޖެހެނީ ކީއްވެގެންތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. ސީލައިފް ގްލޯބަލް އަކީ ރާއްޖެއިން ބޭރު ބަޔަކު ހިއްސާވާ ކުންފުންޏެއް ކަަަމަށާއި އޭނާ އެ ކުންފުނީގައި ހުރީ އައްޔަންކޮށްފައިވާ މަޤާމެއްގައިކަމަށްވުމާ އެކު ކުންފުނިން ކުރި މަދަނީ މުއާމަލާތަކަށް އޭނާ ޒިންމާވާން ޖެހެނީ ކޮން ހަމައަކުންތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އޭނާ ވަނީ ދައުލަތުން ދައްކާ ވާހަކަތައް ފަހުން ތަފާތު ގޮތަކަށް ދައުލަތުން ދައްކާ މަންޒަރު ފެންނަ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އޭނާ ޑީޕޯޓްކޮށްފައިވާ ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫންކަން މިހާރު ހާމަވަމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަލްހަމްދުލިއްﷲ، ﷲ އަށް ހަމްދު ހުރި. މި ބޭފުޅުން ދައްކާ ވާހަކަތައް މި ބޭފުޅުންގެ އަނގައިން މި ހާމަވަނީ. ޝަރީއަތްތައް ކުރިއަށްގެންދާތީ މި މައްސަލައިގެ ހަގީގަތް އަޅުގަނޑަށް ހާމަކޮށްދެވޭކަށް ނެތް. މި ވާހަކަދެއްކޭކަށް ނެތް.
އައްމަޓީ

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑީސީން ސޮއިކޮށްފައި ވަނީ 13 މާޗު 2014 ގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކާއި ނުލައި އެތައް ރައްޔިތުންގެ އަތުން އޭނާ ވަނީ ފައިސާ ނަގާފައެވެ. މި މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ 16 ނޮވެމްބަރު 2022ގައެވެ. އައްމަޓީ ރާއްޖެ އިން ބޭރަށް ފުރި އިރު އޭނާ އާއި ގުޅޭ މައްސަަލަ އެއް ނެތް ނަމަވެސް އޭނާ ރާއްޖެ ގެނައީ އޭނާ ހޯދަން އިންޓަޕޯލް އިން ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށެވެ. އޭނާ ރާއްޖެ ގެނައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލަންކާ ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް