ކ. މާލެ
|
25 އޭޕްރިލް 2022 | ހޯމަ 14:38
އައްމަޓީ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފު
އައްމަޓީ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފު
ރާއްޖެއެމްވީ
އިސްތިއުނާފު މުއްދަތު ގުނުން
އިސްތިއުނާފު މުއްދަތު ގުނުމުގެ އޮޅުންބޮޅުން ސުޕްރީމް ކޯޓުން ޙައްލުކޮށްދީފި
 
ސުޕްރީމް ކޯޓުގެ ޙައްލަކީ ފުށު އަރާ މާއްދާ އުވާލުން
 
ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު
 
ޤާނޫނަކާއި ޤަވާއިދެއްގެ މި ފުށުއެރުން އަންނަ ޙާލަތުގައި ރުޖޫއަވާން ޖެހޭނީ ޤާނޫނަށް

ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވާ 48 ގަޑިއިރު ގުނާނެ ގޮތާއި ގުޅޭގޮތުން އަރާފައިވާ "އޮޅުން ބޮޅުން" ސުޕްރީމް ކޯޓުން މިވަނީ ޙައްލުކޮށްދީފައެވެ.

ޤާނޫނަކާއި ޤަވާއިދެއްގެ ފުށުއެރުން:

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވަނީ ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައިވާ ގޮތެވެ.

އެއާ ވިދިގެން ދެން އެ ވާހަކައިގެ ބަހުސް އަންނަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ (މުއްދަތު ގުނާނެ ގޮތާއި ގުޅޭ މާއްދާ) ގެ (ހ) ގައި ބަޔާން ކޮށްފައިވާ އުސޫލާއި ވިދިގެންނެވެ.

އެ މާއްދާގައިވާ ގޮތުން އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި، އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. މިއީ ޤަވާއިދެއްގައި ބަޔާން ކޮށްފައިވާ ގޮތެވެ.

އެހިސާބުން ޤާނޫނަކާއި ޤަވާއިދެއްގެ ފުށުއެރުމެއް އަންނައިރު، ދާދި ފަހުން ކޯޓުތަކުން ނިންމާފައިވާ ބައެއް ނިންމުންތަކުގައި މި މައުޟޫއަށް ވަނީ ބަހުސް ކުރެވިފައެވެ.

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.

ނަމަވެސް ދައުލަތުން ބުނާ ގޮތުގައި އެ ޙާލަތުގައި މުއްދަތު ގުނަން ޖެހޭނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަށް ބަލައިގެންނެވެ. އެ މާއްދާއަށް ބަލައިގެން ގުނާނަމަ، ދައުލަތުން އިސްތިއުނާފު ހުށައަޅާފައިވަނީ އެކަށީގެންވާ މުއްދަތުގައިކަން އެނގެން އޮވެއެވެ.

ހައިކޯޓުން ދާދި ފަހުން ވަނީ ހަމަ އެ އުސޫލުގެ މަތިން އެހެން މައްސަލައެއްވެސް ބޭރުކޮށްލާފައެވެ. އެ މައްސަލަވެސް ބޭރުކޮށްލެއްވީ ދަށު ކޯޓުން އަމުރު ނެރުނު ވަގުތުން ފެށިގެން ވިދިވިދިގެން 48 ގަޑިއިރަށް ވަގުތު ގުނައި، އެ މައްސަލަ ހުށައަޅާފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުންކަމަށް ބަޔާންކޮށެވެ. އެއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ގދ. މަޑަވެލި އަފްޡާމް ޢަބްދުއްސައްތާރު ބަންދުން ދޫކޮށްލި މައްސަލައެވެ.

ސުޕްރީމް ކޯޓުގެ ޙައްލު: ފުށު އަރާ މާއްދާ އުވާލުން

އެ ދެ ނިންމުންވެސް ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅިއެވެ. އަދި ހޯމަ ދުވަހު ސުޕްރީމް ކޯޓުން މިވަނީ މި މައްސަލައަށްޙައްލެއްހޯދައިދީފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު މުޙައްމަދު އިބްރާހިމް ހިމެނިވަޑައިގެންނެވި ބެންޗުން މިވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) އުވާލެއްވުމަށް ނިންމަވާފައެވެ.

ފަނޑިޔާރުން ދެކިލައްވާ ގޮތުގައި ޤާނޫނަކާއި ޤަވާއިދެއްގެ މި ފުށުއެރުން އަންނަ ޙާލަތުގައި ރުޖޫއަވާން ޖެހޭނީ ޤާނޫނަށެވެ. އަދި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ ގެ (ހ) ޤާނޫނާ ޚިލާފުކަމަށް ހޯމަ ދުވަހު ކަނޑައެޅި ކަނޑައެޅުމާ ހަމައަށް، އެއަށް ބަރޯސާވެ ދައުލަތުން ކޮށްފައިވާ އަމަލުތައް ބާތިލުނުވާކަމަށް ބަލަންޖެހޭކަމަށްވެސް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

ވުމާއެކު، އައްމަޓީ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށާއި، އެއީ ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް ފަނޑިޔާރުން ވަނީ ކަނޑައަޅުއްވާފައެވެ.

އަފްޡާމް ޢަބްދުއްސައްތާރު ބަންދުން ދޫކޮށްލި މައްސަލައިގައިވެސް ސުޕްރީމް ކޯޓުން ވަނީ އައްމަޓީ މައްސަލައިގައި ނިންމެވި އުސޫލު ތަތުބީޤު ކުރައްވައި، އެ މައްސަލަ ނިންމަވާފައެވެ. އައްމަޓީ މައްސަލަ ފަދައިން މި މައްސަލަވެސް އަލުން ހައިކޯޓުން ބަލައި ގޮތެއް ނިންމަންޖެހޭކަން ފަނޑިޔާރުން ވަނީ ފާހަގަ ކުރައްވާފައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި
މިރުޒާގެ ވާރިސުންގެ މައާފާއެކު މަރުގެ އަދަބުން ސަލާމަތްވި ނަޒީފަށް ޤާނޫނީ އަދަބު ދިނުމުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުދޭން އެންގި އެންގުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި
ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
"ކޯޓުތަކަށް ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސްކުރަން އުއްމީދުކުރުމަކީ، ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާކަމަށް ބުނެ މެންބަރުންގެ ކަންބޮޑުވުން