ކ. މާލެ
|
25 އޭޕްރިލް 2022 | ހޯމަ 13:47
އައްމަޓީ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފު
އައްމަޓީ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފު
ރާއްޖެއެމްވީ
އައްމަޓީ ދޫކޮށްލި މައްސަލަ
އައްމަޓީ ދޫކޮށްލި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު
 
ފަނޑިޔާރު މުހައްމަދު އިބްރާހީމްވެސް ނިންމެވީ ފަނޑިޔާރު މަހާޒްގެ ރައުޔަށް ތާއިދު ކުރެއްވުމަށް
 
މިއީ ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ކަނޑައަޅުއްވާފައި
 
ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެމައްސަލަ ބޭރުކޮށްލާފައިވަނީ ރަނގަޅަށް ނޫންކަމަށް ބަޔާންކޮށް, ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމްކުުރުމުގެ އަޑުއެހުން ހޯމަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

ކަން ހިނގި ގޮތް:

ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރުކަން ބަޔާންކޮށް، ދައުލަތުން ހުށައެޅި އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލީ 6 އޭޕްރީލްގައެވެ. ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވި ގޮތުގައި އިސްތިއުނާފު ގަޑި ގުނާނީ ދަށު ކޯޓުގެ އަމުރު ނެރޭތާ ހުއްޓުމެއް ނެތި 48 ގަޑިއިރު ހަމަވާ ވަގުތަށެވެ.

އެ ނިންމުން އިސްތިއުނާފު ކުރަމުން ދައުލަތުން ބުނެފައިވަނީ، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހާ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާކަމަށެވެ.

ވީއިރު، މިމައްސަލައިގައި 20 މާރިޗު 2022އަކީ ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަސްކަމަށް ވުމުން، އެއީ ނުގުނާނެ ދުވަހެއްކަމަށް ދައުލަތުން ދެކެއެވެ. މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތްކަމަށް ހައިކޯޓުން ބުނެފައިވަނީ ރަނގަޅަކަށް ނޫން ކަމަށާއި، އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބައޮތްކަމަށްވެސް ދައުލަތުން ބުނެއެވެ.

އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ 2022 މާރޗު 20 ވަނަ ދުވަހުގެ 16:00ގައި ކަމަށްވާއިރު، 48 ގަޑިއިރު ހަމަވާނީ މާރޗު 22 ވީ އަންގާރަ ދުވަހުގެ 15:59އާ ހަމައަށް ކަމަށް އޭނާގެ ވަކީލުން ދެކެވަޑައިގަންނަވައެވެ.

ދައުލަތުން އެ އަމުރު އިސްތިއުނާފު ކޮށްފައިވަނީ މާރޗު 23 ވަނަ ދުވަހުގެ 12:12ގައެވެ. ދައުލަތުން ބުނާގޮތުގައި، ފުރަތަމަ މަރުހަލާއިން ކޯޓުން ނިންމާ ދުވަހާއި އިސްތިއުނާފު މުއްދަތު ހަމަވާ ދުވަސް ނުހިމަނައި މުއްދަތު ގުނާއިރު، 48 ގަޑިއިރު ހަމަވާނީ 23 މާރޗަށް ނަމަވެސް، އެއީ ގުނާނެ ދުވަހެއް ނޫނެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު އިބްރާހީމާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ފަނޑިޔާރުންގެ ރައުޔު:

އެންމެ ފުރަތަމަ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔު ވަނީ އިއްވަވާފައެވެ. ފަނޑިޔާރު މަހާޒް ވިދާޅުވި ގޮތުގައި ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރުކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި ސާފުކޮށް ވަނީ ބަޔާންވެގެންނެވެ. ދަށު ކޯޓުން މައްސަލަ ނިންމާ ދުވަހުން ފެށިގެން 48 ގަޑިއިރު ހަމަވުމާއި ދޭތެރޭގައި ހިނގާ ބަންދު ދުވަސްތައް އޭގެ ތެރޭގައި ނުހިމެނޭނެކަމަށް ފަނޑިޔާރު މަހާޒު ދެކިލައްވައެވެ.

އެހެންނަމަވެސް، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ (މުއްދަތު ގުނާނެ ގޮތާއި ގުޅޭ މާއްދާ) ގެ (ހ) ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި، އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވީއިރު، މި ދެ މާއްދާގައި ފުށުއެރުންތަކެއް ހުރިކަން ފަނޑިޔާރު މަހާޒުވެސް ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ، ފުރަތަމަ މަރުޙަލާގެ ކޯޓުން ނިންމި ދުވަސް ގުނާނަމަ، 48 ގަޑިއިރަށްވުރެ ގިނަ އިރު އެބަ ހޭދަވާ ކަމަށެވެ. އެހެންވާނަމަ، ޤާނޫނުގެ މަޤްސަދު ޙާސިލުވާކަމަށް ދެކިވަޑައިނުގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެ ދެ މާއްދާގެ ފުށުއެރުން އޮތްނަމަވެސް، އެއީ މި މައްސަލަ ފެންމަތިވިއިރުވެސް ދިރިދިރި އޮތް މާއްދާއެއް ކަމަށާއި، އެ މާއްދާ އުވާނުލާހާ ހިނދަކު، ދައުލަތުން އެއަށް ބަރޯސާވެގެން މުއްދަތު ގުނާފައިވާ ގޮތަށް ބަލާނަމަ، ދައުލަތުން އިސްތިއުނާފު ހުށައަޅާފައިވަނީ އެ މާއްދާއަށް ފެތޭ މުއްދަތެއްގެ ތެރޭގައިކަމަށް ފަނޑިޔާރު މަހާޒް ދެކިލައްވައެވެ.

ވުމާއެކު، މި މައްސަލަ ހައިކޯޓުން އަލުން ބަލައި ގޮތެއް ނިންމަންޖެހޭކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. އަދި ހައިކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ރައުޔު އިއްވަވަމުން ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ ގެ (ހ) ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި މުއްދަތު ގުނާނެ ގޮތް ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް މުއްދަތު ގުނާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި މުއްދަތު ގުނަން ފަށަން އޮންނަ ގޮތާއި ފުށޫއަރާކަމަށް ފަނޑިޔާރު ޝުޖޫންވެސް ދެކިލައްވައެވެ. ޤަވާއިދަކާއި ޤާނޫނެއްގެ ފުށުއެރުން އަންނަ އެ ޙާލަތުގައި ބަލަން ޖެހެނީ ޤާނޫނަށް ކަމަށްވެސް ޝުޖޫން ދެކިލައްވައެވެ.

ޝުޖޫން ދެކިލައްވާ ގޮތުގައި 48 ގަޑިއިރު ހަމަވާނީ މާރޗު 22 އެވެ. ނަމަވެސް ދައުލަތުން އަމަލު ކޮށްފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ ގެ (ހ) ގައި ބަޔާން ކޮށްފައިވާ އުސޫލަކަށް ބަލައިގެންކަމަށްވާތީ، ދައުލަތުން ބަަލައިގަތް ގޮތް ފަނޑިޔާރު ޝުޖޫންވެސް ގޯހެއް ނުކުރައްވައެވެ. ފަނޑިޔާރު ޝުޖޫންވެސް ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ ގެ (ހ) އުވާލުމަށް ކަނޑައަޅުއްވާފައެވެ.

ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ ގެ (ހ) ޤާނޫނާ ޚިލާފުކަމަށް މިއަދު މި ކަނޑައެޅި ކަނޑައެޅުމާ ހަމައަށް، އެއަށް ބަރޯސާވެ ދައުލަތުން ކޮށްފައިވާ އަމަލުތައް ބާތިލުނުވާކަމަށް ބަލަންޖެހޭކަމަށް އަހުރެން ދެކެން،
ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު

މި މައްސަލައިގައި ފަނޑިޔާރު މުހައްމަދު އިބްރާހީމްވެސް ނިންމެވީ ފަނޑިޔާރު މަހާޒްގެ ރައުޔަށް ތާއިދު ކުރެއްވުމަށެވެ.

ވުމާއެކު، މިއީ ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ކަނޑައަޅުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި
މިރުޒާގެ ވާރިސުންގެ މައާފާއެކު މަރުގެ އަދަބުން ސަލާމަތްވި ނަޒީފަށް ޤާނޫނީ އަދަބު ދިނުމުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުދޭން އެންގި އެންގުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި
ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
"ކޯޓުތަކަށް ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސްކުރަން އުއްމީދުކުރުމަކީ، ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާކަމަށް ބުނެ މެންބަރުންގެ ކަންބޮޑުވުން