ކ. މާލެ
|
3 އޭޕްރިލް 2022 | އާދީއްތަ 13:45
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް - ފްލެޓްތަކުގެ މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރާއެކު, ފިނިޝިންގ މަސައްކަތް ކުރުމަށް އެއްބަސްވެވިފައެއް ނުވޭ
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް - ފްލެޓްތަކުގެ މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރާއެކު, ފިނިޝިންގ މަސައްކަތް ކުރުމަށް އެއްބަސްވެވިފައެއް ނުވޭ
ރާއްޖެއެމްވީ
ހިޔާ ފްލެޓުން ކުލި ނެގުން
ހިޔާ ފްލެޓުތަކަށް ކުލި ދެއްކުން އޮމާންކަމާއެކު ކުރިއަށްދޭ: ސުހައިލް
 
ކައުންޓަރުންވެސް ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ
 
މިހާތަނަށް އެއްވެސް މައްސަލައެއް ދިމާނުވެ، އޮމާންކަމާއެކު ކުލި ދެއްކުމުގެ ކަންކަން ކުރިއަށްދޭ
 
"މައި ހުޅުމާލެ" އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ

7 މަހަށްފަހު ހިޔާ ފްލެޓުތަކުން ކުލި ނަގަން ފަށާފައިވާއިރު، ކުލި ނެގުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްދާކަމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސުހައިލް އެހެން ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުލި އޭޕްރީލް މަހުން ފެށިގެން ނަގާނެކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހާމަކުރުމާއެކު، ކުލި ނަގާ ތާރީޚު ފަސްކޮށްދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ގޮވާލެއްވި ގޮވާލެއްވުމާއި ގުޅިގެން ރާއްޖެއެމްވީން ސުވާލު ކުރުމުންނެވެ.

މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ ރަމަޟާން މަހު ހިޔާފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް ޢާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެންދާނޭކަމެއް ކަމަށެވެ. އެހެންކަމުން މިނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަން ޖެހޭ ތާރީޚް ފަސްކޮށްދިނުމަށް ގޮވާލާކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ސުހައިލް ވިދާޅުވީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިޔާ ފްލެޓުތަކަށް ކުލި ނަގަން ފަށާފައިވާ ކަމަށެވެ. މިހާތަނަށް އެއްވެސް މައްސަލައެއް ދިމާނުވެ، އޮމާންކަމާއެކު ކުލި ދެއްކުމުގެ ކަންކަން ކުރިއަށްދާކަން ސުހައިލް ފާހަގަ ކުރެއްވިއެވެ.

ހިޔާ ފްލެޓުން ކުލި ނަގަން ފެށިކަން ހާމަކޮށް އެޗްޑީސީން ބުނީ އެ ކުންފުނީގެ "މައި ހުޅުމާލެ" އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށެވެ. އަދި ކައުންޓަރުންވެސް ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.

ސުހައިލް ވިދާޅުވީ، ކޮންމެ މަހެއްގެ 1 ގައި ކުލި ދައްކަން ޖެހޭނެ ކަމަށާއި، ޖޫރިމަނާއަކާ ނުލައި، އެ މަހެއްގެ 10 ގެ ކުރިން ކުލި ދެއްކޭނެ ކަމަށެވެ. އަދި ކުލި ދައްކަން އެއްވެސް ފަރާތަކުން އިންކާރު ކުރާނަމަ އަމަލު ކުރެވިދާނެ ގޮތްތައް އެގްރީމަންޓުގައި ބަޔާންކޮށްފައިވާނެކަން ސުހައިލް ފާހަގަކުރެއްވިއެވެ.

ހިޔާ ފްލެޓުން ކުލި ނަގަން ފަށާފައިމިވަނީ 3 ފަހަރެއްގެ މަތިން ކުލި ނެގުން ސަރުކާރުން ފަސް ކޮށްދިނުމަށް ނިންމުމަށްފަހުއެވެ.

ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން, ފްލެޓްތައް ނިންމުމަށްޓަކައި، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރައްވާފައިވަނީ 26 ޑިސެންބަރު 2021ގައި ބޭއްވި, އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އަދި އެމަނިކުފާނު ވިދާޅުވީ 2022 ވަނަ އަހަރުގެ މާޗު މަސް ނިމޭއިރު، ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އެތަނުގައި ފްލެޓް ލިބުނު ފަރާތްތަކަށް ދިރިއުޅެން ފެށޭވަރުވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރާއެކު, އެތަނުގެ ފިނިޝިންގ މަސައްކަތް ކުރުމަށް އެއްބަސްވެވިފައެއް ނުވެއެވެ. އެހެންކަމުން، މި ތަންތަން އާންމުންނާއި ހަވާލު ކުރެވިފައިވަނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. ވުމާއެކު ފްލެޓްތަކުގައި މުށިޖެހުމާއި، ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި، ފަންކާއާއި ބޮކިވެސް ހަރުކުރަންޖެހުނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ.

އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދިނީ ފިނިޝިންގ މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާކަމަށް ވަނީ ނިންމާފައެވެ. އަދި ފްލެޓްގެ މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހެނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
20%
40%
0%
0%
20%
20%
ކޮމެންޓް
4 އޭޕްރިލް 2022 | ހޯމަ 10:47
އަހަރެން
ކިތަންމެހާވެސް ދެރަ ، އެޗް.ޑީ.ސީ އަށް ވެސް ސަރުކާރަށް ވެސް ހުރިހާކަމެއް އެނގި ހުރެ ތިޔަކަން ތިކުރަނީ.. ރައްޔިތުންނަށް ދީފައިހުރީ ފްލެޓެއް ނޫން ހަމައެކަނި ހަތަރު ފާރު.. އެތަން ފްލެޓަށް ހެދީ ރައްޔިތުމީހާގެ އަތްމަތި ހުސްވެ ދަރަނިވެރި ވެގެން.
4 އޭޕްރިލް 2022 | ހޯމަ 10:15
ހިޔާ
ތިހާ އޮމާން ކޮށް 2023 ގެ އިންތިހާބު ވެސް ފެންނާނެ😡
4 އޭޕްރިލް 2022 | ހޯމަ 09:20
ޑިމޮކްރަސީ
ޢޮމާންކޮށް ކުލިދައްކަނިއްޔޭ ކިހާތާހިރު ގޮތެއްފޮތެއްނެތް ބައެއްތީ ކުލި ނުދައްކާ ކީއްކުރާނި އިންސާނިއްޔަތުކަމެއް ހުރި ބައެއްނަމަ ރަމަޟާންމަހާ ދިމާކޮށް ކުލިނަގާނެތަ މީހުން އަތްމަތިހުސްކޮށް ދަރާވިކިގެން އެތަނަށް ވަދެ އެތިބީ