ކ. މާލެ
|
11 ނޮވެންބަރ 2021 | ބުރާސްފަތި 15:29
ވިލާގެ ކޯޗުގެ މަގާމާ ހަވާލުވި ސްޓީވެން ޖެރާޑް
ވިލާގެ ކޯޗުގެ މަގާމާ ހަވާލުވި ސްޓީވެން ޖެރާޑް
ގެޓީ އިމޭޖަސް
ޖެރާޑް ވިލާއާ ހަވާލުވުން
އެސްޓަން ވިލާގެ އައު ކޯޗަކަށް ޖެރާޑް
 
ޖެރާޑް ސޮއިކުރީ ތިން އަހަރާ ބައިގެ އެއްބަސްވުމެއްގައި
 
ވިލާއިން ވަނީ ކޯޗުގެ މަގާމުން ޑީން ސްމިތު ވަކިކޮށްފައި

ހުސްވެފައިވާ އެސްޓަން ވިލާގެ ކޯޗުގެ މަގާމަށް ލިވަޕޫލުގެ ލެޖެންޑް ސްޓީވެން ޖެރާޑް ހަމަޖައްސައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ވިލާއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން އުމުރުން 50 އަހަރުގެ ޑީން ސްމިތު ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ޖެހިޖެހިގެން އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް މެޗުން އެ ޓީމު ބަލިވުމާ ގުޅިގެންނެވެ.

އެއާއެކު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ވިލާއިން ވަނީ އެ ޓީމުގެ އައު ކޯޗުގެ މަގާމަށް ރޭންޖާސްއަށް އިރުޝާދުދެމުން އައި ޖެރާޑް ހަމަޖައްސާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޖެރާޑް ވަނީ ވިލާއާއެކު ތިން އަހަރާ ބައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވިލާއަށް ސޮއިކުރުމަށްފަހު ދިން އިންޓަވިއުއެއްގައި ޖެރާޑް ބުނީ އެ ޓީމަކީ އިނގިރޭސި ފުޓްބޯޅައިގައި މުއްސަނދި ތާރީޚެއް އޮތް ޓީމެއް ކަމަށެވެ. އެހެންކަމުން ވިލާގެ ކޯޗުގެ މަގާމަށް އޭނާ ހަމަޖެއްސުމަކީ ލިބޭ ފަޚުރެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އުމުރުން މިހާރު 41 އަހަރުގެ ޖެރާޑް 2016 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ކޯޗިން ކެރިއަރު ފެށީ ލިވަޕޫލުގެ ޔޫތު ޓީމުންނެވެ. އަދި އެއަށްފަހު ރޭންޖާސްއާ ހަވާލުވީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

އެއަށްފަހު ޖެރާޑް ވަނީ މެޗަކުން ބަލިނުވެ ރޭންޖާސްއަށް މިދިޔަ ސީޒަނުގެ ސްކޮޓްލެންޑް ލީގު (ސްކޮޓިޝް ޕްރިމިއާޝިޕް) ގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. އެގޮތުން ލީގު ޗެމްޕިއަންކަން ރޭންޖާސްއިން ހޯދީ ކުޅުނު 38 މެޗުގެ ތެރެއިން 32 މެޗުން މޮޅުވެގެންނެވެ. އަނެއް ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއީ ކޯޗިން ކެރިއަރުގައި ޖެރާޑުގެ ފުރަތަމަ ކާމިޔާބީއެވެ.

ވިލާގެ ކޯޗުގެ މަގާމާ ޖެރާޑް ހަވާލުވިއިރު، ލިވަޕޫލުގެ ކޯޗުގެ މަގާމުގައި މި ވަގުތު ހުރި ޔާގެން ކްލޮޕަށްފަހު އެ ޓީމަށް ދެން ކޯޗުކޮށްދޭނީ ޖެރާޑް ކަމަށް ރިޕޯޓުތައް ބުނެއެވެ. ކްލޮޕް މި ވަގުތު ލިވަޕޫލުގެ އެއްބަސްވުމުގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް