raajjemv logo
ސްކޮޓްލެންޑް ލީގު
ސްކޮޓްލެންޑް ލީގުގެ ޗެމްޕިއަންކަން ޖެރާޑުގެ ރޭންޖާސްއަށް
 
މިއީ ފާއިތުވި 10 އަހަރުގެ ތެރޭ ރޭންޖާސްއިން ލީގު ހޯދި ފުރަތަމަ ފަހަރު
 
ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ރޭންޖާސް ބަލިވެފައެއް ނުވޭ
އިސްމާޢީލް ޝާހް
2,440
ކ. މާލެ |
8 މާރޗް 2021 | ހޯމަ 00:04
ރޭންޖާސް ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް
ގެޓީ އިމޭޖާސް

ސްކޮޓްލެންޑް ލީގު (ސްކޮޓިޝް ޕްރިމިއާޝިޕް) ގެ ޗެމްޕިއަންކަން ސްޓީވެން ޖެރާޑް އިރުޝާދުދެމުން އަންނަ ރޭންޖާސްއިން ކަށަވަރުކޮށްފިއެވެ.

ރޭންޖާސްއިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ބާކީ ހަ މެޗު އޮއްވައި، ހޮނިހިރު ދުވަހުގެރޭ ސެއިންޓް މިރެން އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭ ރޭންޖާސްއިން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ރޭންޖާސްއިން ކަށަވަރުކުރިއިރު، މި ސީޒަނުގައި ޖެރާޑުގެ ކޯޗުކަމުގައި ރޭންޖާސް އޮތީ ތަފާތު ފޯމެއްގައެވެ. އެގޮތުން ލީގުގައި މިހާތަނަށް ރޭންޖާސްއިން 32 މެޗު ކުޅެފައިވާއިރު، އެ ޓީމު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެގޮތުން 28 މެޗުން ރޭންޖާސް މޮޅުވިއިރު، އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. މީގެ އިތުރުން މި ސީޒަނުގެ ލީގުގައި ރޭންޖާސްއިން 77 ލަނޑު ޖަހާފައިވާއިރު، އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ނުވަ ލަނޑެވެ.

ސްކޮޓްލެންޑް ލީގު ރޭންޖާސްއިން ކާމިޔާބުކުރިއިރު، މިއީ ކޯޗިންގ ކެރިއަރުގައި ލިވަޕޫލުގެ ލެޖެންޑް ޖެރާޑުގެ ފުރަތަމަ ކާމިޔާބީއެވެ. އުމުރުން 40 އަހަރުގެ ޖެރާޑް 2016 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ކޯޗިންގ ކެރިއަރު ފެށީ ލިވަޕޫލުގެ ޔޫތު ޓީމުންނެވެ. އަދި އެއަށްފަހު ރޭންޖާސްއާ ހަވާލުވީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

މި ސީޒަނުގައި ޖެރާޑާއެކު ރޭންޖާސްއިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، މި ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގެ މެޗަކުންވެސް ރޭންޖާސް ބަލިވެފައެއް ނުވެއެވެ. އެއާއެކު އެ ޓީމު ވަނީ ޔޫރޮޕާ ލީގުގެ ގަދަ 16 އިންވެސް ޖާގައެއް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް