raajjemv logo
ސީލައިފްގެ އައްމަޓީ ހައްޔަރުކުރުން
ފްލެޓް ދޭނެ ކަމަށްބުނެ، އެޑްވާންސަށް ފައިސާ ނެގުމަށްފަހު ރާއްޖެއިން ބޭރަށްގޮސް ފިލި އައްމަޓީ ހައްޔަރުކޮށްފި
 
އައްމަޓީއަކީ ކުރީގެ ރައީސް ޔާމީނާ ގާތްގުޅުމެއް އޮންނަ މީހެއް
 
ސީލައިފްއަށް 230 ފަރާތަކުން ފައިސާ ދައްކާފައިވޭ
މުހައްމަދު ފަޒީން
5,558
ކ. މާލެ |
22 ފެބްރުއަރީ 2021 | ހޯމަ 14:25
ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ): ގިނަ ބަޔަކު އަތުން ފައިސާ އަތުލުމަށްފަހު ރާއްޖެއިން ބޭރަށް ގޮސް ވަނީ ފިލާފައި
ޓްވިޓަރ

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ޑިރެކްޓަރ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް އޭނާ ހައްޔައްރުކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުން ބަލަމުންދާ މައްސަލައަކާގުޅިގެން ހައްޔަރުކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައިވާ، ވ. ތިނަދޫ ހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައްޔަރުކޮށްފައިވާކަން އިންޓަރޕޯލްއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން އިންޓަރޕޯލާ ގުޅިގެން ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ފުލުހުންގެ އިދާރާއިން ބުނެއެވެ.

ސީލައިފްގެ ފަރާތުން 180 އަށް ވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ އިރު ސީލައިފްއިން ފައިސާ ނެގި އެކި ފަރާތްތަކާ އެގްރީމެންޓް ވެސް ކުރެވިފައި ވަނީ އެކި ގޮތްގޮތަށެވެ. އެގޮތުން ތިން ރޫމް އެޕާޓްމެންޓް 3 މިލިއަން ރުފިޔާއަށް ވިއްކުމަށް ބައެއް ފަރާތްތަކާ އެގްރީމެންޓް ކުރެވިފައިވާ އިރު އަނެއްބައި ފަރާތްތަކާ ތިން ރޫމް އެޕާޓްމެންޓް އެއް މިލިއަން ރުފިޔާއަށް ވެސް ވިއްކުމަށް އެގްރީމެންޓް ކުރެވިފައިވެއެވެ.

ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި ހިންގަން އުޅުނު މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެހެންނަމަވެސް ކުންފުނީގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރަން ހަވާލުކުރެވުނު 3000 ހައުސިންގ ޔުނިޓްގެ މަޝްރޫޢު އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައިނުވާއިރު އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އައްމަޓީއަކީ ރައީސް ޔާމީންއާ ވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ސީ ލައިފަށް ފައިސާ ދެއްކި ފަރާތްތަކަށް ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މި މައްސަލައާ ގުޅުހުންހުރި މައްސަލަތަކެއް ސިވިލް ކޯޓަށް ވެސް ހުށަހެޅުނެވެ. ސީލައިފްގެ ފަރާތުން ވެސް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެގޮތުން، ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދައުލަތުން ވެފައިވާ ސެޓްލްމަންޓް އެގްރީމަންޓު ބާތިލުކުރުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކުންފުންޏާ ދެކޮޅަށް ވަނީ ނިމިފައެވެ.

ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، އެގްރީމަންޓު ބާތިލުކުރިކަން ހައުސިންގ މިނިސްޓްރީން އެ ކުންފުންޏަށް އަންގާފައިވަނީ 2018 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ކަމަށެވެ. އަދި އައު ސަރުކާރު އައިސް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލާފައިވާކަން ސިވިލް ކޯޓުގެ ޙުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މި މައްސަލައިގެ ލިއެކިއުންތައް ހިސާބުކޮށް ބެލިއިރު، ސީލައިފުން ކޮށްފައިވާ ޚަރަދުތައް ކަމަށް ސެޓެލްމަންޓް އެގްރީމަންޓުގައި ބަޔާން ކޮށްފައިވާ ޚަރަދުތައް ދިމާނުވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. އަދި އެގްރީމަންޓުގައި ބަޔާންކޮށްފައިވާ އަދަދުތަކާމެދު ކޮމިޝަނުން ވެސް ސުވާލު އުފައްދާފައިވާކަން ފާހަގަކޮށް ސިވިލް ކޯޓުން ބުނީ، އެއީ ބާތިލުކުރުމުގެ އިޚުތިޔާރު ލިބިގެންވާ އެއްބަސްވުމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
11%
އަންތަރީސް ވެއްޖެ
44%
އުފާ ވެއްޖެ
11%
ދެރަ ވެއްޖެ
33%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް