ކ. މާލެ
|
1 މެއި 2024 | ބުދަ 13:20
ހަނގުރާމައިގެ މައިދާނުގައި ހަތިޔާރެއްގެ ގޮތުގައި ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރަނީ -- ފޮޓޯ: އަނަޑޯލް
ހަނގުރާމައިގެ މައިދާނުގައި ހަތިޔާރެއްގެ ގޮތުގައި ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރަނީ -- ފޮޓޯ: އަނަޑޯލް
ހަތިޔާރެއްގެ ގޮތުގައި ސޯޝަލްމީޑިއާ ބޭނުންކުރުން
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ވަޓްސްއެޕްގެ ދައުރެއް ވޭތަ؟
 
މުޖާހިދުންގެ ޒާތީ މައުލޫމާތުތައް ވަޓްސްއެޕް މެދުވެރިކޮށް އިސްރާއީލުން ހޯދާކަމުގެ ހެކިތައް ޓެކްކުންފުނިތަކުން ވަނީ ހޯދާފައި

މިދިޔައަހަރުގެ އޮކްޓޯބަރު 7 ވަނަދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލްގެ ނިރުބަވެރިން ހިންގަމުންދާ ގަތުލުއާންމުގައި 34،500 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްފައިވާއިރު، މި މަރުތަކުގެ ފަހަތުގައި ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއް އޮތްކަމަށް ފަހަރެއްގައި ޢާއްމު އިންސާނެއްގެ ވިސްނުމަށް ނައިސްދާނެއެވެ.

ޓެކްނޮލޮޖީގެ ސަބަބުން މިއަދު އިންސާނުން ހައިރާންވާފަދަ އުފެއްދުންތަކާއި، ވިސްނުންތައް ތަޢާރަފްވަމުން އަންނައިރު، އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި، ފަލަސްތީނު މީހުން ޓްރެކްކޮށް އެމީހުންގެ ލޮކޭޝަން ދެނެގަތުމަށްޓަކައި ބޭނުންކުރާ ޓެކްނޮލޮޖީގެ އެއްވަޞީލަތަކީ ގިނަބައެއްގެ މެދުގައި މަޤުބޫލުކަން ހޯދައިފައިވާ މެޓާ ކުންފުނީގެ ވަޓްސްއެޕް ޕްލެޓްފޯމް ކަމަށްބުނެ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. އެހެންކަމުން ހަމަނުޖެހުންތައް އިތުރުވެ، އާންމުންގެ ފުރާނަ ގެއްލެމުންދާ މިންވަރު އިތުރުވަމުންދާއިރު، ލީތަލް ބޭނުމަށް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމުގެ އަޚްލާޤީ އަސަރުތަކާ މެދު ބޮޑެތި ސުވާލުތަކެއް މިވަނީ އުފެދިފައެވެ.

މި މައްސަލައިގެ އަސްލަކީ އިސްރާއީލު ސިފައިން ވަޓްސްއެޕް ޑޭޓާ ބޭނުންކޮށްގެން ފަލަސްތީނުގެ އާންމުންނާއި ހަނގުރާމަވެރިން ތިބި ތަންތަން ދެނެގަނެ، ވައިގެ ހަމަލާތަކާއި އެއްގަމު އޮޕަރޭޝަންތަކުގެ ނާޒުކު އަމާޒަކަށް އެ ތަންތަން ހެދުން ކަމުގައި ރިޕޯޓްތައް ބުނެއެވެ. ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޒަރިއްޔާއިން ޓްރާންސްމިޓްކުރާ ޑޭޓާއާ ފޯނު ނަމްބަރުތަކާއި ތަންތަނުން ފެށިގެން ޓައިމްސްޓޭމްޕްތަކާއި ޝެއާކުރާ މީޑިއާ ފައިލްތަކާ ހަމައަށް ހުރިހާ ކަމެއް ހާމަކުރެވޭނެ ކަމަށް އެފަދަ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

ވަޓްސްއެޕްގެ އެންޑް-ޓު-އެންޑް އެންކްރިޕްޝަންގެ ސަބަބުން މެސެޖުތަކުގެ ހަގީގީ ކޮންޓެންޓަށް ވަނުމަށް ހުރަސް އެޅުނަސް، މެޓާގެ ޑޭޓާ ނުވަތަ މެޓާކުންފުންޏަށް ނިސްބަތްވާ ވަޓްސްއެޕާއި، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ހުންނަ ޔޫޒަރުންގެ ޒާތީ މައުލޫމާތުތައް އަދިވެސް ހާމަވެ، ޒަމާނީ ސަވައިލަންސް ގާބިލުކަން ލިބިފައިވާ އިންޓެލިޖެންސް އެޖެންސީތަކަށް އެފަދަ މައުލޫމާތުތައް އެއްވެސް ހުރަހެއް ނެތި ދަނީ ލިބެމުންކަމަށް ބޮޑެތި ޓެކްކުންފުނިތަކުން ވެސް ޔަޤީންކަން ދެއެވެ.

ޑިޖިޓަލް ޓްރެއިލްތައް އެކްސްޕްލޮއިޓް ކުރުމުގެ ސަބަބުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ނުރުހުން އުފެދިފައިވާއިރު، މިއީ ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުގައި ދިރިއުޅޭ މަދަނީ އާބާދީތައް ހިމާޔަތްކުރާ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް އެ ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ.

މިފަދަ ވާހަކަތަކަށް ބާރުލިބޭ ބޮޑެތި ތުހުމަތުކެއް ހަމައެކަނި ޣައްޒާ ހަނގުރާމައިގައި ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދާ ގުޅުން ހުރި ވަޓްސްއެޕް ގްރޫޕެއްގައި އެ މީހުން ތިބި ތަން ހިއްސާކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިސްރާއީލުން ދިން ވަރުގަދަ ރޮކެޓް ހަމަލާތަކެއްގައި ފަލަސްތީނުގެ އާންމުންގެ ތިން މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ފަސް އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނޭ ހިތާމަވެރި ހާދިސާއަކީ ފާހަގަކޮށްލަން ޖެހޭ ހާދިސާއެކެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަޓްސްއެޕްގެ ޑޭޓާ ބޭނުންކުރާކަން ކަށަވަރުކޮށްދީފައި ނުވިޔަސް، އެފަދަ ހަމަލާތައް ދޭން ޖެހޭ ވަގުތާއި ލޮކޭޝަންތަކުގެ މައުލޫމާތުތައް ސާފުކަމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ވަނީ ބިރުވެރިކަމާއި ޝައްކު އުފެދިފައެވެ.

ގިނަ ޢަދަދެއްގެ އާންމުރައްޔިތުން މަރުވުމުގެ އިތުރުން، މިމައްސަލައިގެ ސަބަބުން ކުރިމަތިވާ ބޮޑެތި ގެއްލުންތަކަކީ، ވަރަށް ބޮޑަށް ނުތަނަވަސްކަން ކުރިމަތި ކުރުވަނިވި ކަންތައްތަކެކެވެ. ޑިޖިޓަލް ޕްލެޓްފޯމްތައް އެހާ ފަސޭހައިން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވޭނަމަ، ދުނިޔޭގެ ފެންވަރުގައި ޕްރައިވެސީ އާއި އިންސާނީ ހައްގުތަކަށް އުނިކަން އަންނާނެ ފަދަ ނުރައްކާތެރި ނަމޫނާއެއް އެއިން ދައްކައެވެ. އެހެނީ މަގުބޫލު މެސެޖިން އެޕްލިކޭޝަނެއް ބޭނުންކޮށްގެން ޓްރެކްކޮށް ޓާގެޓް ކުރުމުގެ ނުރައްކަލުގެ ދަށުގައި ދުނިޔެ އޮތްހާ ހިނދަކު އެއްވެސް ފަރުދަކު ނުވަތަ މުޖުތަމައުއެއްގެ ސަލާމަތާއި ރައްކާތެރި ކަމާމެދު އޮންނާނީ ކޮން ޔަޤީންކަމެއް ތޯއެވެ.

މީގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާއާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ބާރާއި ވަސީލަތްތަކުގެ ހަމަހަމަކަން އެއްވަރެއްގައި ނެތުމަކީ ވެސް ކަންބޮޑުވުންތައް އިތުރުވާ ކަމެކެވެ. އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އިސްރާއީލްގެ ޖާސޫސީއިދާރާގެ ޤާބިލްކަން ނުހަނު ކުރިއަރާފައިވާއިރު، އިސްރާއީލުގެ ވަރުގަދަ ސައިބާ ގާބިލުކަމާއި އޮޕަރޭޝަނަލް ވަސީލަތްތަކުގެ ސަބަބުން ޑިޖިޓަލް ޑޭޓާގެ ބޭނުން ހިފުމުގައި އެގައުމަށް ބޮޑު އެޑްވާންޓޭޖެއް ލިބިގެންދާނެއެވެ.

އިސްރާއީލާ ފަލަސްތީނުގެ މައިގަނޑު މައްސަލަ އަކީ ވަކި ޕްލެޓްފޯމަކަށް ނުވަތަ ހަމަނުޖެހުމަކަށް ވުރެ ވެސް ބޮޑަށް ފެތުރިގެންދާ ބޮޑު މައްސަލައެކެވެ. އަދި މިފަދަ ފުޅާ ގިނަދުވަސްވީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ހަތިޔާރެއްގެ ގޮތުގައި ޓެކްނޮލޮޖީ ވަނުމަކީ ނުހަނު ކަންބޮޑުވާން ޖެހޭނެކަމަކެވެ.  

ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަކީ އަވަސް ޙައްލުތަކެއް ބޭނުންވެފައިވާ ކަމަކަށް މިއަދުވަނީ ވެފައެވެ. އަދި އެކަން ހައްލުނުވެޖެނަމަ ފަލަސްތީނަށް މީންދުވަހަކު ވެސް ކުރިމަތިވެފައި ނުވާވަރުގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ފަދަ ނުރައްކާތެރި މައްސަލައަކަށް ވެސް އެކަން މިއަދު މިވަނީ ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް