ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 15:05
ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ފިތުރު އީދު ދުވަހުގެ ހަރަކާތްތައް
އީދުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ސިޓީ ކައުންސިލުން ސީދާ ހަރަދުތަކެއް ނުކުރަން: މޭޔަރު އާޒިމް
 
އީދު ދުވަހު ވެހިކަލް ދުއްވުން މަނާވަގުތު ވެހިކަލް ދުއްވާނަމަ ޖޫރިމަނާކުރާނެ
 
ވިޔަފާރިވެރިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ
 
އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން

މާލެސިޓީގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މާލެސިޓީ ކައުންސިލުން ސީދާ ހަރަދުތައް ނުކުރާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ އަމާޒަކީ ޖަމިއްޔާ ޖަމާއަތްތައް ބާރުވެރިކުރުވުން ކަމަށެވެ.

އާޒިމް ވިދާޅުވީ މާލެސިޓީ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ކަމަށާއި، ވިޔަފާރިވެރިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި ވިދާޅުވީ މާލެސިޓީ ކައުންސިލުން ސީދާ ހަރަދުތަކެއް ނުކުރި ނަމަވެސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފެސިލިޓޭޓް ކޮށްދޭ ކަމަށެވެ.

އެގޮތުން ބައްދަލުވުންތަކާއި ޕްރެކްޓިސްތައް ބާއްވަން ހޯލްތައް ދޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ޖަމިއްޔާ ޖަމާއަތްތައް ބާރުވެރިކުރުވުން އަޅުގަނޑުގެ އަމާޒަކީ. އެއީ ވަރަށް މުހިންމު ކަމެއް މުޖުތަމައުއެއް ކުރިއަށް ދިއުމުގައި. އެއީ ޖަމިއްޔާ ޖަމާއަތްތައް އެފެދުމުގައި މިވާގޮތަކަކީ އޭބޭފުޅުންގެ ތެރޭގައި ކެޕޭސިޓީ ބިލްޑްވެގެން ގައުމެއް ކުރިއަށް މިދަނީ. ޖަމިއްޔާ ޖަމިއްޔާތައް ވަރުގަދަވެ ފުޅާވެގެން. ސިޓީ ކައުންސިލުން ސީދާ ހަރަދުތަކެއް ނުކުރަން. ފެސިލިޓޭޓް ކޮށްދެނީ. ހުއްދަތައް ދިނުމާއި އަދި އެހެނިހެން މި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެނީ. ކޮންމެ ކަމަކާއި ސަރުކާރާއި ސިޓީ ކައުންސިލުން ހަރަދުކުރަން ނުޖެހޭކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ.
މާލޭގެ މޭޔަރު އާދަމް އާޒިމް

ފިތުރު އީދު ދުވަހުގެ ހަވީރު 4:00ން 6:00ށް ވެހިކަލް ދުއްވުން މަނާވާނެކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާނަމަ ޓްރެފިކް ފުލުހުން ފިޔަވަޅު އަޅާނެ ކަމަށާއި ޖޫރިމަނާ ކުރާނެ ކަމަށެވެ. މިވަގުތުގައި ވެހިކަލް ދުއްވަން ޖެހޭ ފަރާތްތަކަށް ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމުގެ ގޮތުން ސިޓީ ކައުންސިލުން ޚާއްސަ ސްޓިކަރއެއް ދޫކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިމަރޖެންސީ ހާލަތުގައި ނޫން ގޮތަކަށް އެވަގުތު ވެހިކަލް ނުދެއްވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އީދު ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް މާލެސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން އީދު ދުވަހުގެ 7:30 ގައި އެކުވެނި ޓްރެކްގައި އީދު ސައި އަދި ޑަބްލިއުޑީސީއިން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުމާއި، ހެނދުނު 9:30 ގައި ރަސްފަންނުގައި ފެންކުޅި ބޭއްވުމާއި، ހަވީރު 4:00 ގައި އޮލިމްޕަހުން އާޓިފިޝަލް ބީޗަށް ބޮޑުމަސް މާލި ޕެރޭޑު ބޭއްވުމާއި، ހަވީރު 4:00ން 6:00ށް ސަގާފީ ހިނގުމާއި ކުޅިވަރު މާފަންނުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އާޓިފިޝަލް ބީޗްގައި ރޭގަނޑު 8:30 ހަރަކާތްތައް ފެށިގެންދާއިރު، ރޭގަނޑު 10:30 ގައި ހަވާއެރުވުން ވެސް އޮންނާނެއެވެ.

ކަލަންޑަރުގައި ބުނާ ގޮތުގައި މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަހެވެ.

އީދު ދުވަހަށް ތައްޔާރުވުމުގެ ގޮތުން މާލެސިޓީ ކައުންސިލުން ދަނީ މާލެސިޓީ ޒީނަތްތެރި ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް