ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 17:07
ތޮކާޗްލެގެ ރަށްވެހިން ޤަބޫލު ކުރާ ގޮތުގައި، ޒަމާނީ އުކުޅުތަކަށްވުރެ އެންމެ އިހުގެ ގޮތަށް އެމީހުން ތައްޔާރު ކުރާ ޒައިތޫނި ތެލަކީ ފެންވަރުގެ ގޮތުން ބަލާއިރު އެންމެ މަތީ ފަންތީގެ ތެޔޮ
ތޮކާޗްލެގެ ރަށްވެހިން ޤަބޫލު ކުރާ ގޮތުގައި، ޒަމާނީ އުކުޅުތަކަށްވުރެ އެންމެ އިހުގެ ގޮތަށް އެމީހުން ތައްޔާރު ކުރާ ޒައިތޫނި ތެލަކީ ފެންވަރުގެ ގޮތުން ބަލާއިރު އެންމެ މަތީ ފަންތީގެ ތެޔޮ
ރޮއިޓާސް
ޒައިތޫނި ތެޔޮ އުފެއްދުން
ސާފު ފެންގަނޑެއްގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ޒައިތޫނި ތެޔޮ: މި ވަނީ ކިހިނެއް؟
 
އެކި ގޮތް ގޮތަށް ޒައިތޫނި ތެޔޮ އުފައްދާ، އެކަމަކު، ތޮކާޗްލެގެ އަވަށް ތަފާތު ވާ ކަމަކީ އެއްވެސް ކަހަލަ މެޝިނަކާ ނުލާ މިކަން ކުރާތީ
 
ޒައިތޫނި ތެލުގެ ފެންވަރު ވަޒަން ކުރުމަށްޓަކައި ތެޔޮގަނޑުގެ ތެރެއަށް ޕިޓާ ބްރެޑް އަޅާ، ފޯ ކުރޭ

ތުރުކީވިލާތުގެ ދެކުނުގެ އަވަށެއް ކަމަށްވާ ތޮކާޗްލެގެ ރަށްވެހިންނަށް، ކޮންމެ އަހަރެއްގެވެސް ޚަރީފު މޫސުމަކީ ބަހާރު މޫސުން ކަމުގައި ދެންނެވުމަކުން ގޯހެއް ނެތެވެ. އަވަށުގެ ވަޒަންވެރިން އަވަދިނެތި އުޅެނީ ދަނޑުތަކުން ޒައިތޫނި ބިނުމާއި، ޒައިތޫނި މުގުރުމުގެ މަސައްކަތުގައެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. މުގުރި ޒައިތޫނިން ތެޔޮވެސް ހާނައެވެ. މި ހުރިހާ ކަމެއްވެސް ކުރަނީ، ތޮކާޗްލޭގެ ކާބަފައި ޒަމާނުގައިވެސް އެކަން ކޮށް އުޅުނު ގޮތަށެވެ. އެތައް ޖީލެއްގެ އަތްމަތިން ވާރުތަވެގެން އައި އަގު ބޮޑު ތަރިކައެއްގެ ގޮތުގައެވެ. 

ދަނޑުތަކުން ޒައިތޫނިތައް ބިނދެ، މުގުރާ ތުން ބޭނުންކޮށްގެން އެ ޒައިތޫނިތައް ހިމުން ޕޭސްޓުގަނޑަކަށް ހަދައެވެ. މުގުރާ ތުން ހިންގަނީ އޭގެ ލީވަރު އަހެއްގައި އައްސައިގެންނެވެ. މުގުރާ ތުން ވަށައިގެން އަސް އެނބުރެމުން ދާ ވަރަކަށް ޒައިތޫނިތައް ހިމުންވެގެން ފައިބައެވެ.  

އަހަރެމެންގެ ކާފަމެންގެ ޒަމާނަށް ބަލާއިރުވެސް، މިކަން ކުރާތާ 300، 400 އަހަރުވެއްޖެ. މީ ސާފު ފެނުން ނަގާ ޒައިތޫނި ތެޔޮ. އެމީހުން ކިޔައި އުޅެނީ 'ޒައިތު އަސީރު' ޢަރަބިން. މި ސަރަޙައްދުގަ އެކި ގޮތް ގޮތަށް މި ޒައިތޫނި ތެޔޮ އުފައްދާ. އެކަމަކު، އަހަރެމެންގެ އަވަށް ތަފާތު ވާނެ. އެއްވެސް ކަހަލަ މެޝިނަކާ ނުލާ މިކަން މި ކުރަނީ.
އަސްކިން ދިމިރް؛ ޒައިތޫނި ތެޔޮ އުފައްދާ މީހެއް

މުގުރި، ހިމުންވެގެން ފައިބައިފައި ހުރި ޒައިތޫނި ޕޭސްޓުގަނޑު ދެން އޮއްސާލަނީ ފެން އެއްޗަކަށެވެ. އިސާހިތަކު ތެޔޮގަނޑު ފެނުން މައްޗަށް އަރައެވެ. ފެނުން މައްޗަށް އެރި ތެޔޮތައް ވަކި އެއްޗަކަށް ބަދަލު ކުރަނީ މަސައްކަތުގައި އުޅޭ މީހުންގެ އަމިއްލަ އަތުންނެވެ. އިތުރު އެއްވެސް ޢާލާތަކާ ނުލައެވެ. ފެންގަނޑުގެ ތެރޭގައި ބާކީ ހުރި ޒައިތޫނީގެ ބައިތައްވެސް ބޭކާރު ގޮތެއްގައި ކުންޏަށް އުކާލަނީއެއް ނޫނެވެ. އެ ބައި ބޭނުން ކުރަނީ ސައިބޯނި އުފެއްދުމަށެވެ.

މިތާ، 10 ކިލޯގެ ޒައިތޫނިން މި ލިބެނީ 1 ކިލޯގެ ޒައިތޫނި ތެޔޮ. އެކޮޅުގަ، 1 ކިލޯ ޒައިތޫނި ތެޔޮ ލިބޭނެ، ގާތްގަނޑަކަށް 5 ކިލޯގެ ޒައިތޫނިން. މިކޮޅުގަ ކުނީގެ ބައިވެސް ބޮޑުވޭ. އެއީ، މިތާ މި ހާނަނީ ހަމަ އެންމެ މަތީ ފަންތީގެ ޒައިތޫނި ތެޔޮ ކަމަށް ވާތީ. ޒައިތޫނީގެ އޮށާއި، ދެވެންވެސް ހުރި ބައިތަކުން މި ނަގާ ރިވިއޭރާއޭ އެމީހުން އެ ކިޔާ ތެލެއް މިތާކު ނުއުފައްދަން.
އަސްކިން ދިމިރް؛ ޒައިތޫނި ތެޔޮ އުފައްދާ މީހެއް

ދެން އޮންނަނީ، ތައްޔާރު ކުރި ޒައިތޫނި ތެޔޮ ތަޖުރިބާ ކުރުމުގެ މަރުޙަލާއެވެ. އެކަމުގައިވެސް އުޅެނީ ހަމަ ތޮކާޗްލެގެ މީހުންނެވެ. ޒައިތޫނި ތެލުގެ ފެންވަރު ވަޒަން ކުރުމަށްޓަކައި ތެޔޮގަނޑުގެ ތެރެއަށް ޕިޓާ ބްރެޑް އަޅާ، ފޯ ކުރެއެވެ. ތޮކާޗްލެގެ ރަށްވެހިން ޤަބޫލު ކުރާ ގޮތުގައި، ޒަމާނީ އުކުޅުތަކަށްވުރެ އެންމެ އިހުގެ ގޮތަށް އެމީހުން ތައްޔާރު ކުރާ ޒައިތޫނި ތެލަކީ ފެންވަރުގެ ގޮތުން ބަލާއިރު އެންމެ މަތީ ފަންތީގެ ތެލެކެވެ. ތޮކާޗްލެގައި ޒަމާނުއްސުރެ ޒައިތޫނިން ތެޔޮ ހާނަމުން އަންނަ އައުމުގައި، ފަހަރެއްގައިވެސް ޒައިތޫނިގެ އޮށް ޗިސްވިސްވެގެންނެއް ނުދެއެވެ. އެހެންކަމުން، ޒައިތޫނި ތެލުގައި މީރު ފޮނި ރަހައެއް ހުރެއެވެ. 

ތޮކާޗްލެގެ ރަށްވެހިން އުފައްދާ ޒައިތޫނި ތެލަކީ ޢާންމުކޮށް ލިބެން ހުންނަ ޒައިތޫނި ތެލަށް ވުރެ 50 ޕަސެންޓް އަގުވެސް ބޮޑު އުފެއްދުމެކެވެ. ޖަރުމަނުވިލާތާއި، ވިލާތުގެ އެހެންވެސް ޤައުމުތަކުގައި ދިރިއުޅޭ އާސޫރީ ދަރިފަސްކޮޅުގެ މެދުގައި، ތޮކާޗްލެގެ ޒައިތޫނި ތެޔޮ އިންތިހާއަށް މަޤުބޫލެވެ.

މި ހިސާބުގަނޑު މީހުން ވަރަށް ލޯބިކުރާނެ މިކަމަށް. ވަރަށް ހަރަކާތްތެރިކޮށް މި ދުވަސްތައް ދާނީ. ދަތުރެއް ގޮސްގެން އުޅޭހެން ހީވާނީ. ކޮންމެ އަހަރަކުވެސް މި ދުވަސްވަރަށް ވަރަށް އިންތިޒާރު ކުރެވޭނެ. ޖަރުމަނުވިލާތާއި، އޮސްޓްރިއާއާއި، ވިލާތުގެ އެހެންވެސް ޤައުމުތަކުގަ އުޅޭ މީހުން އަންނާނެ މި ކޮޅަށް މި ދުވަސްވަރަށް. މި ޒައިތޫނި ތެޔޮ ފުޅިތައް ގެންދަންވެގެން.
އަސްކިން ދިމިރް؛ ޒައިތޫނި ތެޔޮ އުފައްދާ މީހެއް-

ތޮކާޗްލެ އޮންނަނީ، ތުރުކީވިލާތުގެ ދެކުނުގެ ހަތޭ ޕްރޮވިންސްގައެވެ. އެ ސަރަޙައްދަކީ ފެބުރުއަރީ 6 ވަނަ ދުވަހު ބާރުގަދަ ބިންހެލުމެއް އައި ސަރަޙައްދެވެ. އެ ހާދިޘާގައި އެ ސަރަޙައްދުން ބައި ލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް