ކ. މާލެ
|
6 ނޮވެންބަރ 2023 | ހޯމަ 05:30
މެޗުގައި ލަނޑު ޖެހުމަށް ފަހު އުދިނޭސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު އުދިނޭސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
އުދިނޭސީ އަތުން ބަލިވެ އޭސީ މިލާނުން ފުރުސަތު ނަގާލައިފި
 
މިއީ މި ސީޒަންގެ ލީގުގައި އޭސީ މިލާންގެ ތިން ވަނަ ބަލި

އިޓާލިއަން ލީގުގައި އުދިނޭސީއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން ބަލިވެއްޖެ އެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ރޭ އޭސީ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވެ، ތާވަލްގެ ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ. އެހެން ނަމަވެސް، އުދިނޭސީ އިން ވަނީ 1-0 އިން އޭސީ މިލާންގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗު ފަށައިގެން އޭސީ މިލާނުން ވަނީ ރަނގަޅަށް ކުޅެފަ އެވެ. އެގޮތުން އެޓޭކުތައް އުފައްދައި އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. މެޗުގެ ކުރީ ކޮޅު އޭސީ މިލާންގެ އޮލީވިއޭ ޖިރޫޑަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. އޭގެ އިތުރުން އެ ޓީމުގެ ފޯވާޑް ލޫކާ ޖޮވިކަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ. މެޗުގައި ލަނޑު ޖެހުމަށް އުދިނޭސީން މަސައްކަތް ކުރި ނަމަވެސް، އޭސީ މިލާންގެ ގޯލް ކީޕަރު ވަނީ ބޯޅަތައް ސަލާމަތް ކޮށްފަ އެވެ. މެޗުން އުދިނޭސީ މޮޅުވީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. 62 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމު މޮޅު ކޮށްދިނީ ރޮބާޓޯ ޕެރޭރާ އެވެ.

މިއީ މި ސީޒަންގެ ލީގުގައި އޭސީ މިލާންގެ ތިން ވަނަ ބައްޔެވެ. މިހާތަނަށް ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. އެއް މެޗުން އެއްވަރުވެފައިވާއިރު، ތިން މެޗުން ބަލިވީ އެވެ. އެ ޓީމު އޮތީ 22 ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. އޭސީ މިލާން އަތުން މޮޅުވި އުދިނޭސީ އޮތީ 11 މެޗުން 10 ޕޮއިންޓާއެކު 16 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް