ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 07:39
އިޓަލީގެ އާބާދީ އަންނަނީ މުސްކުޅިވަމުން
އިޓަލީގެ އާބާދީ އަންނަނީ މުސްކުޅިވަމުން
ރޮއިޓާސް
އިޓަލީގެ އާބާދީ މުސްކުޅިވުން
އިޓަލީގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ރިކޯޑް މިންވަރަކަށް މައްޗަށް
 
2022 ވަނަ އަހަރު އުފަންވެފައިވަނީ 393،000 ކުދިން
 
މިއަހަރުގެ ޖެނުއަރީ މަހު، އިޓަލީގައި އުމުރުން 100 އަހަރުން މަތީ މީހުންގެ އާބާދީ ވަނީ 22،000ށް އަރާފައި

އިޓަލީގައި އުމުރުން 100 އަހަރު މަތީގެ މީހުންގެ އާބާދީ ރިކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާކަމަށް، އެގައުމުގެ ނޭޝަނަލް ސްޓެޓިސްޓިކްސް އޮފީހުން ބުނެފިއެވެ.

އިޓަލީގެ އާބާދީ އަންނަނީ ޔޫރަޕްގެ އެހެން ގައުމުތަކުގެ އާބާދީއާ އަޅައިބަލާއިރު އަވަހަށް މުސްކުޅިވަމުންނެވެ. އެގައުމުގެ ނޭޝަނަލް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ އަހަރީ ރިޕޯޓުން ހާމަވާގޮތުގައި، މިގަރުނު ފެށުނުއިރާ އަޅައިބަލާއިރު މިހާރު އިޓަލީގައި 100 އަހަރުން މަތީގެ މީހުންގެ އާބާދީ ވަނީ ތިންގުނަ އިތުރުވެފައެވެ. މިއަހަރުގެ ޖެނުއަރީ މަހު އިޓަލީގައި އުމުރުން 100 އަހަރުން މަތީ މީހުންގެ އާބާދީ 22،000ށް އަރާފައިވާކަމަށާއި، އޭގެތެރޭގައި ގިނައީ އަންހެނުން ކަމަށްވެސް ރިޕޯޓް ބުނެއެވެ.

އަނެއްކޮޅުން އިޓަލީގައި އުފަންވާ ރޭޓް ވަނީ މިއިން ދުވަހަކު ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ. އެގޮތުން 2022 ވަނަ އަހަރު އުފަންވެފައިވަނީ 393،000 ކުދިންކަމަށާއި މިއީ ފާއިތުވި 150 އަހަރުގެ ތެރޭގައި އެންމެ މަދުން ކުދިން އުފަންވި އަހަރު ކަމަށް ރިޕޯޓް ބުނެއެވެ.

2014 ވަނަ އަހަރުން ފެށިގެން އިޓަލީގެ އާބާދީ އަންނަނީ މަދުވަމުންނެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވެ އެމީހުން ބަލާނެ ނިޒާމުތައް ގާއިމުކުރުމަކީ އިޓަލީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ވަނީ ވެފައެވެ.

އިޓަލީގެ ނޭޝަނަލް ސްޓެޓިސްޓިކްސްއިން ލަފާކުރާގޮތުގައި، އުމުރުން 80 އަހަރުން މަތީގެ މީހުންގެ އާބާދީ 2041 ވަނަ އަހަރު ހުންނާނީ 6 މިލިއަނަށްވުރެ މަތީގައެވެ. އެއީ 2021 ވަނަ އަހަރާ އަޅައިބަލާއިރު 35 އިންސައްތައިގެ މަތިވުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް