ކ. މާލެ
|
19 ޖޫން 2023 | ހޯމަ 10:00
ޕާކިސްތާން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން: އިންޑިޔާ އަށް ދެވޭނީ މާދަމާ
ޕާކިސްތާން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން: އިންޑިޔާ އަށް ދެވޭނީ މާދަމާ
ފޭސްބުކް
ސާފް ޗެމްޕިއަންޝިޕް
މައްސަލަ އުޅެނީ ޕާކިސްތާނު ޓީމުގައި، ގަޑިއަށް ނުގޮސްފިނަމަ ވިސާ ކެންސަލްވާނެ
 
އިންޑިޔާގެ ފުޓްބޯޅަ އޮފިޝަލު ވިދާޅުވީ ވިސާ ދޭން އަދި ވަގުތު ނަގާނެ ކަމަށް

ބުދަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލަށް ބަދަލު ނުގެންނާނެ ކަމަށާއި ވަގުތަށް ނުގޮސްފިނަމަ އިންޑިޔާ އަށް އެތެރެވުމަށް ދީފައިވާ ވިސާ ކެންސަލްކުރާނެ ކަމަށް ސާފުން ބުނެފި އެވެ.

ދެކުނު އޭޝިޔާގެ މައި ފުޓްބޯޅަ ޖަމާއަތުން މިހެން ބުނީ ވިސާގެ މައްސަލަ ހައްލުނުވާތީވެ، ޕާކިސްތާން ޓީމަށް އިންޑިޔާ އަށް ނުދެވި، މޮރިޝަސްގައި ތިބެން ޖެހިފައިވަނިކޮށެވެ.

ބުދަ ދުވަހު ފަށާ މުބާރާތަށް ޕާކިސްތާން ޓީމު އިންޑިޔާގެ ބެންގަލޫރަށް ފުރަން އޮތީ އިއްޔެ އެވެ. ނަމަވެސް މޮރިޝަސްގައި ހުންނަ އިންޑިޔާގެ އެމްބަސީން ވަނީ ޕާކިސްތާނުގެ ޓީމު ނުފުރައި މަޑުކުރަން އަންގައިފަ އެވެ. ސަބަބަކީ އެ ގައުމުގެ ބައެއް ކުޅުންތެރިންގެ ވިސާގެ ކަންކަން މުޅިން ހަމަޖެހިފައިނުވާ ކަމަށް ބުނެ އެވެ. ސާފް ޗެމްޕިއަންޝިޕުގައި ޕާކިސްތާން ކުޅެންޖެހޭ ފުރަތަމަ މެޗު އޮންނާނީ ބުދަ ދުވަހު ހަވީރު އިންޑިޔާއާ ދެކޮޅަށެވެ.

މި މައްސަލައާ ބެހޭ ގޮތުން ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގު ހިލާލް އިންޑިޔާގެ ނިއުސްނައިން ސްޕޯޓްސްއަށް ވާހަކަ ދައްކަމުން ވިދާޅުވީ ޕާކިސްތާނަށް ވަގުތަށް ނާދެވުނަސް މުބާރާތުގެ މެޗު ތަރުތީބަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.

މެޗު އޮތީ ބުދަ ދުވަހު. އުއްމީދު ކުރަނީ (ޕާކިސްތާން) ހޯމަ ދުވަހު އަންނާނެ ކަމަށް. މެޗުގެ ތާރީހަށް ބަދަލެއް ނާންނާނެ. އެއީ ސުވާލެއް ވެސް އޮތް ކަމެއްނޫން. ސަބަބަކީ އެއިރުން އެހެން ހުރިހާ މެޗެއްގެ ގަޑި ވެސް ބަދަލުކުރަންޖެހޭނެތީވެ. އެއީ ކުރެވޭނެ ކަމެއްނޫން. ޕާކިސްތާން ނައިސްނަމަ އަހަރުމެންނަށް ޖެހޭނީ އެމީހުންގެ މެޗުތައް ކެންސަލްކުރަން
އަންވަރުލް ހައްގު / ސާފްގެ ޖެނެރަލް ސެކްރެޓަރީ

އޭނާ މިހެން ވިދާޅުވިއިރު ކަރްނާޓަކާ ސްޓޭޓް ފުޓްބޯޅަ އެސޯސިއޭޝަންގެ އޮފިޝަލަކު ނަން ހާމަނުކޮށް ބުނެފައިވަނީ ޕާކިސްތާނަށް އިންޑިޔާ އަށް އެތެރެވުމަށް ވިސާދޭން ދެތިން ދުވަސް ނަގާނެ ކަމަށެވެ.

ބައެއް މީހުންނަށް (ޕާކިސްތާނުގެ ބައެއް ކުޅުންތެރިންނަށް) އަދިވެސް ވިސާގެ ކަންކަން ހަމަނުޖެހޭ. މިހެންވެ އެމީހުންނަށް އަންގާފައިވަނީ (އިންޑިޔާ އަށް ދާން) ނުފުރަން. ވިސާގެ ކަންކަން ލަސްވެގެން އުޅެނީ އެމީހުން (ޕާކިސްތާނުގެ) ފަރާތުން. އަހަރުމެން (އިންޑިޔާގެ) ފަރާތަކުންނޫން. މިނިސްޓްރީން ވަނީ އޯލް އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަނަށް އަންގާފައި އެމީހުންގެ ވިސާގެ ކަންކަން ކުރިއަށްދާކަމަށް. އެކަމަށް ދެ ދުވަހެއްވަރު ވެދާނެ. އަހަރުމެން އުއްމީދު ކުރަނީ މާދަމާ (އަންގާރަ ދުވަހު) ހަވީރު އެމީހުންނަށް އާދެވޭނެ ކަމަށް
އޮފިޝަލް

އޭނާ އަދި ބުނީ މޮރިޝަސްއިން ފުރައިގެން އިންޑިޔާގެ މުމްބާއީގައި މަޑުކޮށްފައި ބެންގަލޫރަށް ދިޔުމަށް ވެސް ގައިގަނޑަކަށް 8 ގަޑިއިރުގެ ވަގުތެއް ހޭދަވާނެ ކަމަށެވެ.

ޕާކިސްތާނާއި އިންޑިޔާ އަކީ ސިޔާސީ ގޮތުން ވަރަށް ވާދަވެރި ދެ ގައުމެވެ. އަދި ދެ ގައުމުގެ ގުޅުން ގޯސްވެ، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. މިކަން މިހާރު ކުޅިވަރުގެ މައިދާނަށް ވެސް ވަނީ ފޯރާފަ އެވެ. މިގޮތުން މިދިޔަ މަހު ބޭއްވި ސާފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކަށް ޕާކިސްތާނުގެ އޮފިޝަލުން އިންޑިޔާ އަށް ދިއުމަށް ވެސް ވަނީ ވިސާ ނުދީފަ އެވެ. އަދި މުބާރާތުގައި ވިސާގެ މައްސަލަ ފެންމަތިވީ މުބާރާތް ކުޅޭ ޓީމުތަކަށް ވިސާގެ ކަންކަން ހަމަޖެހޭނެ ކަމަށް އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަން މެދުވެރިކޮށް ސާފުން އަންގާފައިވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
60%
20%
20%
0%
0%
0%
ކޮމެންޓް