ހއ. ހޯރަފުށި
|
22 އޭޕްރިލް 2022 | ހުކުރު 20:00
ހއ.ހޯރަފުށީ
ހއ.ހޯރަފުށީ
ސޯޝަލްމީޑިއާ
" ހޯރަފުށީ ރަންއަޑު ޤުރުއާން މުބާރާތް 1443" ގައި ބ
" ހޯރަފުށީ ރަންއަޑު ޤުރުއާން މުބާރާތް 1443" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
 
މިއީ ހޯރަފުށީ ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން ހޯރަފުށީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއް
 
ރަންއަޑު ޤުރްއާން މުބާރާތުގައި ބައިވެރިވެވޭނީ އޮޑިޝަނުން ހޮވޭ ފަރާތްތަކަށް
 
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ޖުލައި 2022 ވަނަ ދުވަހު ހޯރަފުށީގައި

ހޯރަފުށީ ދާއިރާއަށް ހުޅުވާލައިގެން ހޯރަފުށީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ "ހޯރަފުށީ ރަންއަޑު ޤުރުއާން މުބާރާތް 1443" ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހޯރަފުށީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ރަންއަޑު ޤުރްއާން މުބާރާތަކީ ޤުރްއާނުން ހުނަރުވެރި ޖީލެއް ބިނާކޮށް ޤުރްއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މަޤްސަދުގައި ހޯރަފުށީ ކައުންސިލުން އިސްނަގައިގެން ހޯރަފުށީ ދާއިރާގެ ރަށްތައް ކަމުގައިވާ ހޯރަފުށި، އުލިގަމު، އަދި ތުރާކުނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. އަދި މިއީ ކީރިތި ޤުރްއާން އުނގެނުމާއި، އުނގަންނައިދިނުމުގައި ތަޖުވީދުމަގުން ކިޔެވުމުގެ ޤާބިލުކަން އުފެދޭނެފަދަ ވާދަވެރި މާހައުލެއް އުފެއްދުމަށާއި ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް މަސައްކަތްކުރުމުގެ ގޮތުން ބޭއްވޭ މުބާރާތެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ބޭއްވޭ ޤައުމީ ޤުރްއާން މުބާރާތުގައި ހޯރަފުށީ ދާއިރާ އިން ބައިވެރިކުރާނެ ދަރިވަރުން އުފެއްދުމުގެ މަޤްސަދުގައި ބޭއްވޭ މުބާރާތެއް ކަމަށެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފާއިވަނީ ހިތުން ކިޔެވުމުގެ ބަޔާއި ފޮތުން ކިޔެވުމުގެ ބައި ހިމެނޭހެން ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. އެގޮތުން ހޯރަފުށީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި މުބާރާތުގައި ބައިވެރިވެވޭނީ ހޯރަފުށީ ދާއިރާ ތަމްޘީލްކުރާ ރަށެއްގެ، އިދާރާތަކާއި، ސްކޫލް، މަދަރުސާތަކާއި، ރަޖިސްޓްރީ ކޮށްފައިވާ ކްލަބް ޖަމްޢިއްޔާތަކާއި ކުންފުނިތަކުގެ އިތުރުން ޤުރްއާން ކްލާސްތައް ތަމްސީލުކުރާ ކެންޑިޑޭޓުންނަށް ނުވަތަ އަމިއްލަ ގޮތުންބައިވެރިވާ ކެނޑިޑޭޓުންނަށޭވެ. އަދި މުބާރާތުގައި ވާދަކުރާ ބައިވެރިންނަކީ ހޯރަފުށީ ދާއިރާގެ ރަށްތަކުގެ ރަށްވެހީން ކަމުގައި ވުމުގެ އިތުުރުން ދާއިރާގެ ރަށްތަކުގެ ސްކޫލް މަދަރުސާތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި، ރަށުގައި ދިރިއުޅޭތާ 6 މަސްވެފައިވާ ފަރާތްތަކުންނެވެ. އަދި މި މުބާރާތުގައި ބައިވެރިވެވޭނީ ރަންއަޑު ޤުރްއާން މުބާރާތުގެ އޮޑިޝަނުން ހޮވޭ ފަރާތްތަކަށް ކަމަށް ހޯރަފުށީ ކައުންސިލުން މައުލޫމާތު ދޭއެވެ.

މި މުބާރާތުގައި ބައިވެރި ކުރެވޭނީ ކޮންމެ ރަށަކުން ގިނަވެގެން 30 ބައިވެރިންނެވެ. މަދުވެގެން 1 ބައިވެރިއެކެވެ. އަދި މުބާރާތުގެ ކުޑަކުދީންގެގޮފީގައި ކޮންމެ ރަށަކުން 20 ކުޑަކުދީން ބައިވެރިކުރެވޭނެ ކަމަށްވެސް ހޯރަފުށީ ކައުންސިލުން މައުލޫމާތުދެއެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ކަނޑައަޅައިފައިވާ މުއްދަތުގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމް ފުރިހަމަކުރުމަށްފަހު، ހޯރަފުށީ ކައުންސިލް އިދާރާއަށް ހުށަހެޅުމުންނެވެ. އެގޮތުން  [email protected]މިލިންކް މެދުވެރިކޮށް، 14 މެއި 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހޯރަފުށީ ރަންއަޑު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ހޯރަފުށީ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ޖުލައި 2022 ވަނަ ދުވަހު ހޯރަފުށީގައިއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް