ކ. މާލެ
|
19 އޭޕްރިލް 2022 | އަންގާރަ 13:41
ސީލައިފްގެ މައްސަލަ
ސީލައިފްގެ މައްސަލަ
ޓްވިޓަރ
ސީލައިފް
އައްމަޓީގެ ޙައްޤާއި އައްމަޓީގެ ކުންފުނިން ފުލެޓް ގަތް މީހުންގެ ޙައްޤު
 
ސީލައިފްގެ މެނޭޖިންގ ޑިރެކްޓަރަކީ އަންމަޓީ
 
280 މީހުން އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި
 
ސީދާ މައްސަލައަށް އަދި ހުކުމެއް ނުކުރޭ

އެއީ އާދައިގެ ދުވަހެއް ނޫނެވެ. ބޯހިޔާވަހިކަމަކަށް ބޭނުންވެފައިތިބި އެތައް ބަޔަކަށް ތަސައްލީއެއް ގެނެސްދީ، ފުލެޓް އެޅުމުގެ ބޮޑު މަޝްރޫއެއް ފެށި ދުވަހެކެވެ. ހުޅުމާލޭގައި އެޕާޓްމަންޓާއި ޝޮޕިން މޯލާއި ފުޑް ކޯޓު ހިމެނޭ ގޮތަށް ހަދާ ސީލައިފް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ އެކު މާރޗް 13، 2014 ގައި ސޮއިކުރި 3000 ފުލެޓް އެޅުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތެވެ. ބިންގާ އަޅުއްވައިދެއްވީ ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. އެ ފްލެޓްތަކުން 300 އެޕާޓްމަންޓުން 280 ތަނެއް ގަންނަން ދުރާލާ މީހުން 50000 ރުފިޔާގެ ބުކިންފީއެއް އެޑްވާންސްކޮށް ދެއްކިއެވެ. ފައިސާ ދެއްކި ބައެއް މީހުން ބުނާގޮތުން ބިމުން މައްޗަށް ފުލެޓް ނުހިއްލެނީސް 14 މިލިއަނެއްހާ ރުފިޔާ ކުންފުންޏަށް ލިބުނީއެވެ. ދުބާއީގެ ދެކުންފުންޏަކާއި ރާއްޖޭގެ ކުންފުންޏެއް ގުޅިގެން ހަދާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރަކީ އަހުމަދު މޫސާ (އަންމަޓީ) އެވެ.

ބިންގާއެޅުއްވި ސަރުކާރުގެ ވެރިކަން ނިމި މިއަދާހަމައަށް އައިއިރުވެސް އެއްކަލަ އެޕާޓްމަންތްތަކެއް ނުފެނުނެވެ. ފައިސާ ދެއްކި މީހުން ރަތަށް އެރިއެވެ. ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކަމާބެހޭ އިދާރާތަކަށް ހުށަހެޅިއެވެ. ދެއްކި ފައިސާއިން ރިފަންޑް ދެވޭ އުސޫލާ އެއްގޮތައް 2000 ރުފިޔާ އުނިކޮށްވެސް އެފައިސާކޮޅު ހޯދަން މަގުމައްޗަށްވެސް ނުކުތީއެވެ. ކަމަކު ދާކަށް ނެތެވެ. ކުންފުނީގެ ޚަބަރެއް ނުވިއެވެ. މެނޭޖިންގ ޑިރެކްޓަރ އުޅުއްވީ ލަންކާގައެވެ. ލިބުނު ގެއްލުމުގައި އާއްމުން ރޮއި ހޭރެނީއެވެ.

އެކި ގޮތްގޮތުން ކުރެވުނު މަސައްކަތުން އެތައް އަހަރެއް ވޭތުވިފަހުން މެނޭޖިންގ ޑިރެކްޓަރ އައްމަޓީ އެވަނީ މާލެ ގެނެސް ޝަރީއަތް ފަށާފައެވެ. އެތައް ބައެއްގެ ޙައްޤު ނިގުޅައިގަނެފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި އައްމަޓީ ކޯޓުން އެވަނީ ދޫކޮށްލާފައެވެ. ދައުލަތުން ދެކޮޅުހަދަހަދާ އޮއްވައެވެ.

ދެން އައީ ބޮޑު ކޯޓު އަމުރެކެވެ. ރާއްޖޭގެ އެންމެމަތީ ކޯޓުންނެވެ. ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރުނީ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އައްމަޓީގެ ފަރާތުން އެދުނު އެދުމުގެ މައްޗަށް ރިއާޔަތްކޮށެވެ. އަންމަޓީގެ ފަރާތުން އެދުނީ އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރުމުން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި އެ އޮފީހުގެ ބައެއް ވަކީލުން ކޯޓުތަކަށް ފާޑުކިޔާތީ އެފަދަ ކަންކަން ހުއްޓުވައިދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ ކުރެވިފައިވާ ކޮންމެ މީހަކީ ވެސް ދައުވާ ސާބިތުވުމާހަމައަށް ކުށެއް ނުކުރާ މީހެއް ކަމަށް ބެލުމުގެ ޙައްޤު ލިބިގެންވާ މީހެއް ކަމަށެވެ. އެގޮތުން އަންމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ވެސް ސާބިތުވެފައިވާ ދައުވާއަކަށް ނުވުމުން އޭނާގެ ޙައްޤަށް އުނިކަން ލިބޭ ކަންކަން ނުކުރުމަށް އެ އަމުރުގައި އަންގާފައިވެއެވެ.

ވަރަށް ސާފެވެ. ތެދެކެވެ. އަދި އަންމަޓީއަކީ ހަމަ ހުދުސާފު ބޯކިރުކޮޅެއްފަދަ މީހެކެވެ. ކުށެއް ސާބިތު ނުވާތީއެވެ. އެހެންކަމުން އޭނާގެ ޙައްޤަކަށް އަރައިގެން ނުވާނެއެވެ. ހަމަ އެކަކުވެސް އަރައިގެން ނުވާނެއެވެ. ދެއްކި ފައިސާއާއި އެއިން އެތައް އާއިލާއަކަށް ލިބުނު ގެއްލުން އިހަށް ބާއްވާށެވެ. އެޙައްޤުގެ ވާހަކަ ދައްކަންވެސް އަންމަޓީއާ ދިމާލަށް ސުއްބުވެސް ބުނެގެން ނުވާނެއެވެ.

ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުން ވަރަށް ރަނގަޅެވެ. އިންސާފްވެރިވެފައި އެހާމެ ސާފެވެ. އަންމަޓީއާއި އޭނާގެ ކުންފުންޏަށް ފައިސާ ދެއްކި މީހުން ކިތައްމެ ރުޅިއައިސްފައި ހިތްހަމަނުޖެހުނަސް ވަރިހަމައެވެ. ކޯޓުގެ ނިންމުމަކީ ހަމަ އެންމެ ޕޮއިންޓެކެވެ. " ކުށެއް ސާބިތު ނުވަންޏާ އެއީ ކުށްވެރިއެއް ނޫނެވެ" އަދި ސާބިތެއް ނުވެއެވެ. ކޯޓުން އެމައްސަލައަށް ހުކުމެއް ނީއްވައެވެ. އެހެންކަމަށްވާނަމަ އަންމަޓީއަކީ އެބުނާވަރުގެ ކުށްވެރިއެއްތޯ ނުވަތަ ނޫންތޯ އަދި އޮތީ ނޭނގިއެވެ.

އެކަމަކު އެނގޭކަމެއް އެބައޮތެވެ. އެފައިސާ ބަޔަކު ދެއްކިއެވެ. އެލާރި ވަނީ އަންމަޓީގެ ކުންފުންޏަށެވެ. އެއީ ތޯތޯ ވާހަކައެއް ނޫނެވެ. ދެން އުފެދޭ ސުވާލަކީ ދެންވާނީ ކިހިނެއް ހެއްޔެވެ. އައްމަޓީ އެހުރީ އޭނާގެ ޙައްޤުގެ ނިވަލުގައެވެ. ފައިސާ ދެއްކި މީހުންގެ ޙައްޤަށް ވާނީ ކީއްހެއްޔެވެ. މިސުވާލުގެ ޖަވާބު ލިބޭނީ ސުޕްރީމް ކޯޓުން ޙަޤީޤީ މައްސަލައަށް ގޮތެއް ނިންމުމުންނެވެ.

އެކަމަކުވެސް ކަންބޮޑުވުމަކީ އެހެންކަމެކެވެ. އަކުރެއްގެ ފިއްޔެއް މަދުވެގެން ނޫންނަމަ ވިޔަ އަކުރެއް ލިޔުމުގައި ޖެހިފައިވާ އޮޅުމަކުން ހަމަ ޙަޤީޤަތުގައިވެސް އަންމަޓީ "ސާފު" ވެދާނެތީއެވެ. މިލިޔަނުން މިލިޔަނުން ހިންގާފައިވާ އެފަދަ ކަންކަމާއި ކިލޯއިން ޓަނުން ގެންނަ މަސްތުވާތަކެއްޗާއެކު އަތުލެވޭ މީހުން "ކުށެއް ނެތް ސާފު މީހަކަށް" ވުމުގެ ކަންބޮޑުވުމެވެ. އަދި އެގޮތް ކަނޑައަޅަން ހޭދަވާ މުއްދަތުންވެސް ފައިސާ ދެއްކި މީހުންނަށް ލިބޭ ގެއްލުމުން އެމީހުންގެ ޙައްޤަށް ވާނުވާ ނޭނގޭތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
0%
0%
0%
0%
75%
ކޮމެންޓް