ކ. މާލެ
|
25 ނޮވެންބަރ 2021 | ބުރާސްފަތި 16:52
ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ، ދީބާޖާ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ، ދީބާޖާ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
ދީބާޖާ މައްސަލަ
ދީބާޖާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، ހުކުމާ ހަމައަށް!
 
އެއްބަސްވުން ބާތިލް ކުރުމުން 70.5 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެކަން، އެ ކުންފުނިން ހުށަހެޅި ހިސާބުތަކުން އެނގޭނެ
 
މިއީ 348 މިލިއަން ރުފިޔާ ނަގައިދިނުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް އެ ކޯޓުން ބާތިލް ކުރުމުން، އެ މައްސަލަ އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް

ދީބާޖާ އިންވެސްޓްމަންޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމަކީ ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް އެ ކޯޓުން 7 އޭޕްރީލްގައި ބާތިލުކުރުމުން، ދީބާޖާއިން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެކެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ދީބާޖާއަށް އަމާޒު ކޮށްގެން ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ދީބާޖާއިން ބުނަނީ ކީއްވެގެންތޯ ބެންޗުން ފުރަތަމަ ސުވާލު ކުރެއްވިއެވެ.

ދީބާޖާގެ ފަރާތުން ވަކީލް ވިދާޅުވެފައިވަނީ، ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިން، ޓްރާންސްޕޯޓް މިނިސްޓްރީން ފޮނުވާފައިވާ ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އެއްބަސްވުން ބާތިލުކޮށްފައި ވަނީ ފެރީގެ ޚިދުމަތް ކެނޑުނު ރަށްތަކަށް އަލުން ޚިދުމަތް ފެށުމަށް މިނިސްޓްރީގެ ފަރާތުން ފުރުސަތު ދިނުމުން އެ ޚިދުމަތް ކުރިއަށް ގެންދަނިކޮށް ކަމަށާއި، އެހެންކަމުން އެއްބަސްވުން ބާތިލުކުރީ ގޯސްކޮށްކަމަށް ބުނެފައެވެ. މި ވާހަކަ ދިފާއުން ވަނީ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ތަކުރާރުކޮށްފައެވެ.

އަދި އެއްބަސްވުން ބާތިލްކޮށްފިނަމަ ދައުލަތުން ބަދަލު ދޭންޖެހޭނެކަން އެނގޭނެ ކަމަށާއި، މިފަދަ މައްސަލަތަކުގައި މީގެކުރިން ސުޕްރީމް ކޯޓުން ބައެއް މައްސަލަތައް ނިންމާފައިވާ ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.

ދީބާޖާއަށް ގެއްލުމެއް ލިބުނުތޯ ތަކުރާރުކޮށް ބެންޗުން ސުވާލުކުރުމުން ދިފާއީ ވަކީލުން ވިދާޅުވީ އެއްބަސްވުން ބާތިލް ކުރުމުން 70.5 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަން، އެ ކުންފުނިން ހުށަހެޅި ހިސާބުތަކުން އެނގޭނެ ކަމަށެވެ. މީގެ އިތުރުން އެއްބަސްވުމުގެ ދަށުން، ސަރުކާރުން ދީބާޖާއާ ހަވާލުކުރަން ޖެހޭ 47 ބިން ހަވާލު ނުކޮށް އޮތުމުން ވެސް ގެއްލުންތަކެއް ލިބުނު ކަމަށާއި، އެކަމަށް ދަށުކޯޓުގައި ދައުލަތުން އިންކާރު ނުކުރާކަމަށް ދިފާއުން ވަނީ ބުނެފައެވެ.

ދައުލަތުން ބުނެފައިވަނީ ދީބާޖާއިން ނަގައިދިނުމަށް އެދެމުން އައި ބަދަލާމެދު އަބަދުވެސް ދައުލަތުން އިންކާރު ކޮށްފައިވާނެ ކަމަށާއި، އެއްބަސްވުން ބާތިލް ކޮށްގެން ލިބުނު ސީދާ ގެއްލުމުގެ އަދަދު ދީބާޖާއަށް ދަށު ކޯޓުގައި ސާބިތުވެސް ކޮށްނުދެވޭ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ފަނޑިޔާރުންގެ ބެންޗުން އިއުލާނު ކުރެއްވީ، އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އަދި ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.

ދީބާޖާއެކު ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަކުރަން ދައުލަތުން ކުރިން އެއްބަސްވި އެވެ. ނަމަވެސް ސަރުކާރުން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

މި މައްސަލައަކީ ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީއާމެދު 2010 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސްގެ (ނ، ރ، ބ އަދި ޅ އަތޮޅުގެ) ދަތުރުފަތުރު ޚިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލުކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލުކުރުމުން، ދީބާޖާއިން ގެއްލުމުގެ ބަދަލު ހޯދުމަށް ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވަނީ، 2،410،343،580ރ (ދެ ބިލިއަން ހަތަރުސަތޭކަ ދިހަ މިލިއަން ތިންލައްކަ ސާޅީސްތިންހާސް ފައްސަތޭކަ އަށްޑިހަ ރުފިޔާ) އެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، 348،995،154ރ (ތިންސަތޭކަ ސާޅީސްއަށް މިލިއަން ނުވަލައްކަ ނުވަދިހަފަސްހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ދީބާޖާއަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ، ހުކުމް ކުރި ތާރީޚް ކަމަށްވާ 5 ފެބްރުއަރީ 2015 ވަނަ ދުވަހުން ފެށިގެން މަސް ދުވަހުގެ ތެރޭގައި ދީބާޖާއަށް ދައްކާ ޚާލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް