ކ. މާލެ
|
10 ނޮވެންބަރ 2021 | ބުދަ 18:32
ރޭންޖާސްގެ ކޯޗު ސްޓީވެން ޖެރާޑް
ރޭންޖާސްގެ ކޯޗު ސްޓީވެން ޖެރާޑް
ގެޓީ އިމޭޖަސް
ޖެރާޑް ވިލާއާ ހަވާލުވުން
އެސްޓަން ވިލާގެ ކޯޗަކަށް ޖެރާޑް ހަމަޖައްސަނީ؟
 
ވިލާއިން ވަނީ ކޯޗުގެ މަގާމުން ޑީން ސްމިތު ވަކިކޮށްފައި
 
ޕްރިމިއާ ލީގުގެ ކުލަބަކުން ޖެރާޑް ފެނުމުގެ ފުރުސަތު ބޮޑު

ހުސްވެފައިވާ އެސްޓަން ވިލާގެ ކޯޗުގެ މަގާމަށް ލިވަޕޫލުގެ ލެޖެންޑް އަދި މި ވަގުތު ރޭންޖާސްއަށް އިރުޝާދުދެމުން އަންނަ ސްޓީވެން ޖެރާޑް ހަމަޖައްސަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ދާދި ފަހުން ވިލާއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން އުމުރުން 50 އަހަރުގެ ޑީން ސްމިތު ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ޖެހިޖެހިގެން އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް މެޗުން އެ ޓީމު ބަލިވުމާ ގުޅިގެންނެވެ. އެއާއެކު އެ ޓީމުގެ އައު ކޯޗުގެ މަގާމަށް ޖެރާޑް ހަމަޖައްސަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 41 އަހަރުގެ ޖެރާޑް 2016 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ކޯޗިން ކެރިއަރު ފެށީ ލިވަޕޫލުގެ ޔޫތު ޓީމުންނެވެ. އަދި އެއަށްފަހު ރޭންޖާސްއާ ހަވާލުވީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

އެއަށްފަހު ޖެރާޑް ވަނީ މެޗަކުން ބަލިނުވެ ރޭންޖާސްއަށް މިދިޔަ ސީޒަނުގެ ސްކޮޓްލެންޑް ލީގު (ސްކޮޓިޝް ޕްރިމިއާޝިޕް) ގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. އެގޮތުން ލީގު ޗެމްޕިއަންކަން ރޭންޖާސްއިން ހޯދީ ކުޅުނު 38 މެޗުގެ ތެރެއިން 32 މެޗުން މޮޅުވެގެންނެވެ. އަނެއް ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއީ ކޯޗިން ކެރިއަރުގައި ޖެރާޑުގެ ފުރަތަމަ ކާމިޔާބީއެވެ.

ލިވަޕޫލްގެ ކޯޗުގެ މަގާމުގައި މި ވަގުތު ހުރި ޔާގެން ކްލޮޕުގެ އެއްބަސްވުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އޭނާއަށް ފަހު ދެން ލިވަޕޫލަށް ކޯޗުކޮށްދޭނީ ޖެރާޑް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން އެހާތަނަށް ޕްރިމިއާ ލީގުގެ އެހެން ކުލަބަކުން ޖެރާޑް ފެނުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
50%
0%
0%
ކޮމެންޓް