3 ޖޫން 2018 | އާދީއްތަ 20:54

އެއް ދުވަހަކު ޖުހާ ގާތުގައި ބަޔަކު އޭނާގެ އުމުރަކީ ކޮބާތޯ އަހައިފިއެވެ.

"އަހަރެންގެ އުމުރަކީ ސާޅީސް." ޖުހާ ބުންޏެވެ.

އޭގެ ދިހަ އަހަރު ފަހުން ހަމަ އެމީހުން އަނެއްކާވެސް ޖުހާ ގާތުގައި އުމުރަކީ ކޮބާތޯ އެހިއެވެ.

ޖާވާބުގައި މި ފަހަރުވެސް ޖުހާ ބުނީ 40 އަހަރު ކަމަށެވެ.

"މީގެ 10 އަހަރު ކުރިން އުމުރަކީ ކޮބާހޭ އެހީމަ އޭރު ބުނީ 40 އޭ، މިހާރު އަނެއްކާ ވެސް 40، ކިހިނެއްވާ ކަމެއް މިއީ؟" އެމީހުން ހައިރާންވެފައި މި ވާ ގޮތަކާ މެދު ޖުހާ އާ އިތުރަށް ސުވާލު ކުރިއެވެ.

"ބުނަން ރަނގަޅު ވާހަކަ އެއް." ޖުހާ ބުންޏެވެ. "މަ މީ ދެ ދުވަހު ދެ ގޮތައް ވާހަކަ ދައްކާނެ މީހެއް ނޫން، ނޫނީ އެއް ދުވަހު އެއްޗެއް ބުނެފަ އަނެއް ދުވަހު އެއެއްޗެއް ގޯސްވެގެން އެ ވާހަކަ އަނބުރާ ގެންނާނެ މީހެއް ނޫން، މީގެ 20 އަހަރު ފަހުން އެހިޔަސް އަހަރެން ބުނާނީ އެކައްޗެއް، ދޭނީ އެއް ޖަވާބެއް، އެއީ މަގޭ ގޮތް."