raajjemv logo

ކޮވިޑް-19: އެންމެ ފަހުގެ

997,199
  • ޓުއަރިސްޓް އުޅަނދުފަހަރުތަކަށް ދެމުންގެންދާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި
  • ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް އަންގައިފި
  • ރާއްޖެއަށް އަންނަ ގިނަ ދިވެހިން އަންނަނީ ރެޖިސްޓަރނުވެ: މަބްރޫކް
ހުސެއިން މަޚްތޫމް
 
ޓުއަރިސްޓް އުޅަނދުފަހަރުތަކަށް ދެމުންގެންދާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

ރާއްޖެއަށް އަންނަ ކަނޑުއުޅަނދުފަހަރަށް ސައިން އޮން އަދި ސައިން އޮފްގެ ޚިދުމަތް ދިނުން ވަގުތީފޮތުން މެދުކަނޑާލައިފިއެވެ.

އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 19 މާރިޗު 2020 ވަނަ ދުވަހުގެ ރޭގަނޑު 12:00 އިން ފެށިގެން ވަކިގޮތެއް އަންގަންދެން، ޔޮޓާއި ސަފާރީ ފަދަ އުޅަނދުތައް އެހެން ޤައުމަކުން ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކުރުމާއި ގުޅިންގެން، ސީޕޯރޓް އިމިގްރޭޝަނުން ދެމުންގެންދާ ޚިދުމަތްތަކަށް ބަދަލުގެނެވިފައިވާ ކަމަށެވެ.

ޓުއަރިސްޓް އުޅަނދުފަހަރުތަކަށް ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ އެންޓްރީ ވީސާ ދިނުން، ބިދޭސީން ސައިން އޮން ކުރުން، ބިދޭސީން ސަން އޮފް ކުރުމެވެ. އެގޮތުން 19 މާރިޗު 2020 ވަނަ ދުވަހުގެ ރޭ 12:00 ކުރިން ރާއްޖޭގައި ބަނދަރުކޮށްފައިވާ އުޅަނދުތައް ފިޔަވައި މި އިޢުލާނާއި ގުޅިގެން ރާއްޖެ އެތެރެވާ ކަނޑުއުޅަނދުފަހަރު ތަކުން، 20 މާރިޗު 2020 ވަނަ ދުވަހުންފެށިގެން، ކްރޫ ޗޭންޖް (ސައިން އޮން އަދި ސައިން އޮފް) ގެ ޚިދުމަތް ދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވެއެވެ.

އަދި ދިވެއްސަކު އުޅަނދަކުން ސައިން އޮން އަދި ސައިން އޮފް ކުރެވޭނީ އިންޓަރނޭޝަނަލް ބޯޑަރ ހެލްތުން ހުއްދަ ލިބިގެން ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

21 މާރޗް 2020 | ހޮނިހިރު 05:38
ހުސެއިން މަޚްތޫމް
 
ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް އަންގައިފި

ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ނެރުއްވާފައިވާ އެންގެވުމުގައި ވަނީ ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވީސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށެވެ.

މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަޔަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާފައިވެއެވެ.

މި އެންގުން އަންގާފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރި ކަމަށްޓަކައި ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނުކޮށްފައިވާތީއެވެ.

މި ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އާއި، 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ބައެއް ބާރުތައްވަނީ ދީފައެވެ.

އަދި އެންގުން އަންގާ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ގޮތަކަށް އަމަލުކުރަންޖެހެއެވެ.

21 މާރޗް 2020 | ހޮނިހިރު 05:37
އުމްނާ އިސްމާއިލް
 
ރާއްޖެއަށް އަންނަ ގިނަ ދިވެހިން އަންނަނީ ރެޖިސްޓަރނުވެ: މަބްރޫކް

ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭއަންނާނެ ދިވެހިންގެ އަދަދު އަންދާޒާ ކުރުމުގައި މައްސަލަތަކެއް ކުރިމަތިވާކަމަށެވެ. ރާއްޖެ އަންނަ ގިނަ ދިވެހިން އަންނަނީ ރެޖިސްޓަރ ނުވެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ހުކުރު ދުވަހު އައި ދިވެހިންގެ ތެރެއިން ގިނަ މީހުން ރާއްޖެ އަންނަ ކަން އެންގުނީ ފުރި ފަހުން ކަމަށެވެ. ފޮރިން މިނިސްޓްރީގައި ރެޖިސްޓަރ ވުމަށް އިލްތިމާސްކުރައްވާ މަބްރޫކް ވިދާޅުވީ ލޮކްޑައުން ކުރި ގައުމުތަކާއި އެކު މަޝްވަރާ ކުރަމުންދާކަމަށެވެ.

20 މާރޗް 2020 | ހުކުރު 21:59
އުމްނާ އިސްމާއިލް
 
ފަރުކޮޅުފުށި: އިތުރަށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފަރުކޮޅުފުށީގައި ގާއިމުކުރެވިފައި ހުރި ފެސިލިޓީއާއި ގުޅިގެން ޝަކުވާތަށް ހުރުމާއިއެކު އެތަން އިތުރަށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެތަނަކީ

ބޭނުން ކުރަން ރަނގަޅު ފެސިލިޓީއެއް ނަމަވެސް އިތުރަށް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

20 މާރޗް 2020 | ހުކުރު 21:49
އުމްނާ އިސްމާއިލް
 
އިތުރު ކޭސްތަކުގެ އަޕްޑޭޓް:

ހޮލިޑޭ ވިލެޖް ބޮޑު ފުޅަދޫ:މޮނީޓަރިންގެ ހާލަތުގައި. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދަނީ.

ޕެރެޑައިސް އައިލެންޑް ރިސޯޓު:ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިފައި. 58 ފަރާތެއް އައިސޮލޭޝަންގައި. ރަށުގެ އަނެއްބައި އާއްމު ހާލަތަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން.

ޝެވަލް ބްލަންކް:ނެގުނު ސާމްޕަލްގެ ނަތީޖާ ނެގެޓިވް. 37 ފަރާތެއް އައިސޮލޭޝަންގައި. ރަށް ވަނީ އާއްމު ހާލަތަށް ގެނެވިފައި.

20 މާރޗް 2020 | ހުކުރު 21:45
އުމްނާ އިސްމާއިލް
 
އީކުއޭޓަރ ސަފާރީ: ކަރަންޓީނުކުރެވިފައި

އީކުއޭޓަރ ސަފާރީން ނެގުނު ސާމްޕަލްގެ ނަތީޖާ ނެގެޓީވް ނަމަވެސް، ބޯޓު އޮޓީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރެވިފައިކަމަށް މަބްރޫކް ވިދާޅުވިއެވެ.

20 މާރޗް 2020 | ހުކުރު 21:40
އުމްނާ އިސްމާއިލް
 
ރަޝިއާގައި ތިބި ތިން ދިވެހި ކިޔަވާކުދިންގެ އަޕްޑޭޓް: ދެ ނަތީޖާ ނެގެޓިވް، އެއް ނަތީޖާ ޕެންޑިންގްގައި

ދެ ކުއްޖެއްގެ ނަތީޖާ ނެގެޓިވް

އަނެއް ކުއްޖާގެ ސާމްޕަލް ނެގިފައި. ނަމަވެސް އަދި ނަތީޖާ ނުލިބޭ.

އެކުދިންގެ ކަރަންޓީނުގެ މުއްދަތުވަނީ 10 ދުވަހަށް އިތުރުކުރެވިފައި.

20 މާރޗް 2020 | ހުކުރު 21:39
އުމްނާ އިސްމާއިލް
 
ކޮވިޑް-19: ކޯލްސެންޓަރުގެ އަޕްޑޭޓް

(ފާއިތުވި 24 ގަޑިއިރު ތެރޭގައި) : 1145 ފޯން ކޯލް

ޖުމްލަ 10،000 ފޯންކޯލަށް ޖަވާބު ދެވިފައި.

20 މާރޗް 2020 | ހުކުރު 21:36
އުމްނާ އިސްމާއިލް
 
ކްލިނިކްތަކުގެ އަޕްޑޭޓް

(އިއްޔެގެ ނިޔަލަށް)

ސެނެހިޔާ : 1232 މީހުން ބަލާފައިވޭ

ޓްރެވެލް ކްލިނިލް: 298 މީހުން ބަލާފައިވޭ

އެޗްޕެޓް ކްލިނިކް: 113 މީހުން ބަލާފައިވޭ

20 މާރޗް 2020 | ހުކުރު 21:34
އުމްނާ އިސްމާއިލް
 
ކޮވިޑް-19: ސާމްޕްލިންގްގެ އަދަދުތައް

ޖުމްލަ: (މިއަދުގެ 15:30 ގެ ނިޔަލަށް) 565

ނެގެޓިވް: 550

20 މާރޗް 2020 | ހުކުރު 21:30
އުމްނާ އިސްމާއިލް
 
ކޮވިޑް-19: ރާއްޖޭގެ ހާލަތު

މިހާތަނަށް ޕޮޒިޓިވް ވި އަދަދު: 13

(އޭގެ ތެރެއިން ދެ މީހަކު ބަލިން ރަނގަޅުވެފައި)

ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން 11 ފަރާތަކަށް ދަނީ ފަރުވާދެމުން

ކަރަންޓީނުގައި؛

ވިލިވަރު: 28

އެޗްއައިއެޗް: 120

ޑީއެޗް-11: 3

ވެލިދޫ އައިސޮލޭޝަންގައި: 15

ފަން އައިލެންޑް ކަރަންޓީނުގައި: 59

20 މާރޗް 2020 | ހުކުރު 21:29
އުމްނާ އިސްމާއިލް
 
ކުއްލި ހާލަތުގައި އެއްފަހަރާ 100 ފަރާތަށް އައިސީޔޫގައި ފަރުވާދެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ

ކުއްލި ހާލަތުގައި އެއްފަހަރާ 100 ފަރާތަށް އައިސީޔޫގައި ފަރުވާދެވޭނެ އިންތިޒާމް ވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ރާއްޖޭގެ ހާލަތަށް އަންނަ ބަދަލުތަކާއި އެކު ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ވަސީލަތްތައް ވެސް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ.

20 މާރޗް 2020 | ހުކުރު 20:59
އުމްނާ އިސްމާއިލް
 
70 އަހަރު މީހާ ބައްޔަށް ނެގެޓިވް ނަމަވެސް އިތުރު 30 ދުވަހަށް މޮނީޓަރ ކުރެވޭނެ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ މޫސާ ވިދާޅުވީ މިހާރު ބައްޔަށް ނެގެޓިވް ވެފައިވާ 70 އަހަރުން މަތީ މީހާ 30 ދުވަހަށް މޮނީޓަރ ކުރަން ބޭނުންވާ ކަމަށެވެ. ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު އޮތުމުން އިތުރަށް ހަދަން ޖެހޭ ޓެސްޓުކުރާނެ ކަމަށާއި ގައުމަށް ފޮނުވާލާނީ އޭގެ ފަހުން ކަމަށް

20 މާރޗް 2020 | ހުކުރު 20:56
އުމްނާ އިސްމާއިލް
 
ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ނެގެޓިވް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ނެގެޓިވްފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދެމަފިރިންގެ ހާލު ރަނގަޅުކަމަށެވެ.

އައިޖީއެމްއެޗްގެ ޑރ. މޫސަ ވިދާޅުވެފައިވަނީ އެ 70 އަހަރުން މަތީގެ މީހާ މިހާރު ރަނގަޅުކަމަށާއި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ހެދި ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އޭނާ ހޮނިހިރު ދުވަހު ޑިސްޗަރޖުކުރުމަށް ގަސްތުކުރާ ކަމަށް

20 މާރޗް 2020 | ހުކުރު 20:48
އުމްނާ އިސްމާއިލް
 
ޝެވަލް ބްލަންކް ރަންދެލިން ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް!
20 މާރޗް 2020 | ހުކުރު 20:00
އުމްނާ އިސްމާއިލް
 
ހޮނިހިރު ދުވަހުން ފެށިގެން ޖޯޑަންގައި ކަރފިއު އިއުލާނުކުރަނީ

ހޮނިހިރު ދުވަހުން ފެށިގެން ޖޯޑަންގައި ކަރފިއު އިއުލާނުކުރަން ނިންމައިފިއެވެ.

އެގައުމުގެ ސަރުކާރާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ހޮނިހިރު ދުވަހުން ފެށިގެން އެއްވެސް މީހަކަށް އިމަރޖެންސީގެ ހާލަތުގައި ނޫނީ ބޭރަށް ނުނިކުމެވޭނެއެވެ.

20 މާރޗް 2020 | ހުކުރު 19:31
އިސްމާޢީލް ޝާހް
 
ކޮވިޑް-19: އެފްއޭއެމްގެ އަހަރީ ބައްދަލުވުން ފަސްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަހަރީ ބައްދަލުވުން މުއްދަތެއް ނެތް ގޮތައް ފަސްކޮށްފިއެވެ.

އެފްއޭއެމް އަހަރީ ބައްދަލުވުން ކުރިން ބާއްވަން ނިންމާފައި އޮތީ ހުކުރު ދުވަހުގެރޭ 20:30 ގައެވެ. އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ރާއްޖެ.އެމްވީ އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެފްއޭއެމްގެ އަހަރީ ބައްދަލުވުން ފަސްކުރަން ނިންމައިފައިވާ ކަމަށާއި އަދި އަލުން އަހަރީ ބައްދަލުވުން ބޭއްވޭނެ ދުވަހެއް އަންގާނެ ކަމަށެވެ. މީގެ އިތުރުން ޖަވާ ވިދާޅުވީ އަހަރީ ބައްދަލުވުން ބާއްވާނެ ތާރީހެއް އިއުލާން ކުރާނީ ސަރުކާރު ހުޅުވުމުން ކަމަށެވެ.

20 މާރޗް 2020 | ހުކުރު 15:10
ލައިޝާ އަހްމަދު
 
ކޮވިޑް-19 އާ ގުޅިގެން އެމްއެމްއޭއިން ފިޔަވަޅުތަކެއް
20 މާރޗް 2020 | ހުކުރު 12:40
ލައިޝާ އަހްމަދު
 
ކޮވިޑް-19: ސާމްޕަލްތައް ނެގެޓިވްވުމުން ޕެރެޑައިސް ރިސޯޓުގެ މޮނިޓަރިން އުވާލައިފި
20 މާރޗް 2020 | ހުކުރު 12:40
ލައިޝާ އަހްމަދު
 
މާދަމާ ރެެއިން ފެށިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އާއްމުންނަށް ބަންދު، ޓޭކް އަވޭ ހެދޭނެ
20 މާރޗް 2020 | ހުކުރު 12:39
ސިމާހާ ނަސީމް
 
ކޮވިޑް-19: ކަރަންޓު ބިލުން %40 އަދި ފެން ބިލުން %30 ހިލޭ

ކޮވިޑް-19 އަށް ގުޅިގެން އާންމު ރައްޔިތުންނަށް ދަތިތައް ދިމާވާނެތީ ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ކަރަންޓު ބިލުން ބައެއް ސަރުކާރުން ދައްކާ ގޮތަށް ނިންމައިފި. ބުރާސްފަތި ދުވަހު ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ފިނޭންސް މިނިސްޓްރީއާ، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އެމްއެމްއޭއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އޭޕްރީލް އަދި މެއި މަހުގެ ކަރަންޓް ބިލުން %40 އަދި ފެންބިލުން %30 ސަރުކާރުން ދައްކައިދޭ ގޮތަށް ނިންމައިފި. ކޮވިޑް-19 އާ ގުޅިގެން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ދޫކުރާ ފެނުގެ ޚިދުމަތުން ކޮންމެ ބިލަކުން އެއް ޓަނު ފެން ހިލޭ ލިބޭގޮތަށް ވަނީ ހަމަޖައްސާފަ. އެއް ޓަނު ފެނަކީ 1،000 ލީޓަރު. އެހެންކަމުން ދުވާލަކަށް ކޮންމެ ކަސްޓަމަރަކަށް 33 ލީޓަރު ފެން ހިލޭ ލިބޭނެ. އެއީ ގާތްގަނޑަކަށް 5 ލީޓަރުގެ 6 ފުޅި ފެން. އެމްޑަބްލިޔުއެސްސީން ބުނީ މި މާރޗު މަހުގެ 12 އިން ފެށިގެން 30 ދުވަހުގެ ނިޔަލަށް އެއްޓަނު ފެން ކޮންމެ ކަސްޓަމަރަކަށްވެސް ހިލޭ ލިބޭނެ ކަމަށް.

20 މާރޗް 2020 | ހުކުރު 12:00
ޒިހްނަތު ހަސަން
 
ކޮވިޑް-19: ވައިރަސްގެ ނުރައްކަލަށް މަސްޖިދުލް ޙަރަމްއާއި މަސްޖިދުއް ނަބަވީގައި ނަމާދު ކުރުން މެދުކަނޑާލައިިފި

މައްކާގައި ހުންނަ އަލް-މަސްޖިދުލް ހަރަމްއާއި، މަދީނާގައި ހުންނަ އަލް-މަސްޖިދުއްނަބަވީގެ ހަރިންމައާއި ހަރިންމައިން ބޭރުގައި ފަރްޟު ފަސް ނަމާދާއި، ހުކުރު ނަމާދުކުރަން މީހުން ވެއްދުން ހުއްޓާލައިފިއެވެ. މިފަދަ ފިޔަވަޅެއް ސައުދީ އަރަބިއްޔާގެ ރަސްކަމުގެ ދަރުބާރުން ނިންމީ، މިހާރު ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، މިއީ އެންމެ އެކަށީގެންވާ ފިޔަވަޅެއްގެ ގޮތުގައި ފެންނާތީއެވެ. އަދި ވައިރަސް ފެެތުރެމުންދާ މިންވަރު ދަށް ކުރުމުގެ ބޭނުމުގައެވެ.

20 މާރޗް 2020 | ހުކުރު 03:38
ޒިހްނަތު ހަސަން
 
ކޮވިޑް-19: "އޯ" ގްރޫޕް ގެ ލޭހުންނަ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުޞަތު ކުޑަ: ދިރާސާ

ކޮވިޑް-19 ފެތުރެމުންދާ ޒާތައް ބަލާއިރު، "އޯ" ގްރޫޕުގެ ލޭ ހުންނަ މީހުންނަށް ވައިރަސް ޖެހޭ މިންވަރު ދަށް ނުވަތަ ވައިރަސް ޖެހުމުގެ ފުރުޞަތު ކުޑަ ކަމަށް ޗައިނާގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ. "ރިލޭޝަންޝިޕް ބިޓްވީން ދަ އޭބީއޯ ބްލަޑް ގްރޫޕް އެންޑް ދަ ކޮވިޑް-19 ސަސްޕެކްޓިބިލިޓީ" ގެ ނަމުގައި ވައިރަސް އަލަށް ފެނުނު ޗައިނާގެ ވުހާން ސިޓީގެ ޖިންޔިންތާން ހޮސްޕިޓަލުން ހެދި މި ދިރާސާ ބިނާކޮށްފައިވަނީ ވައިރަސް ޖެހުނު 1،775 މީހެއްގެ ލޭގެ ސާމްޕަލް ބޭނުންކޮށްގެންނެވެ. ދިރާސާގައި ބޭނުން ކުރި ލޭގެ ސާމްޕަލް ތަކުން ހޯދުނު ހޯދުންތަކައް ބަލާއިރު، "އޯ" ލޭގެ ގްރޫޕް މީހުންނަށް ވައިރަސް ޖެހުމުގެ ފުރުޞަތު ކުޑައެވެ. އަދި ވައިރަސް ޖެހުމުގެ ފުރުޞަތު އެންމެ ބޮޑީ "އޭ" ގްރޫޕް މީހުންނަށްކަން މި ދިރާސާއިން ދައްކައެވެ.

20 މާރޗް 2020 | ހުކުރު 03:30
ޒިހްނަތު ހަސަން
 
ކޮވިޑް-19: ވައިރަސްއާއި ބެހޭ މަޢުލޫމާތު ފެތުރުމަށް އެމްއާރްސީން މީހުން ތަމްރީނު ކުރަނީ

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ފެތުރުމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޖަމާއަތުގެ މާލެ ގޮފިން، ވައިރަސްއާއި ބެހޭ މަޢުލޫމާތުދޭ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން މި ތަމްރީނު ޕްރޮގުރާމުގައި ބައިވެރިވާން އެދޭ ފަރާތްތަަކައް މިހާރު ވަނީ އެފުރުޞަތު ހުޅުވާލާފައެވެ.

މި ތަމްރީނު ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދަކީ ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތްކުރާ ފަރާތްތަކަކީ ވައިރަސްއާއި، ވައިރަސްއިން ރައްކާތެރިވުމާއި ބެހޭ ޞައްޙަ ނުވަތަ ކަށަވަރު މަޢުލޫމާތު ލިބިގެން ތިބެ، އެކަންކުރާ ބަޔަކަށް ހެދުމެވެ.

20 މާރޗް 2020 | ހުކުރު 03:05
ޒިހްނަތު ހަސަން
 
ކޮވިޑް-19: ސަރުކާރު ބަންދުވި ނަމަވެސް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުރިޔަށްދާނެ

ސަރުކާރު ބަންދުވީ ނަމަވެސް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ "ސޯޝަލް ޕްރޮޓެކްޝަސް ސަރވިސް" އާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބައިގެން ބަލަހައްޓަމުންދާ މަރުކަޒުތަކުގެ ޚިދުމަތްތައް ލިބެމުންދާނެކަމަށް އެމިނިސްޓްރީން ބުނެފިއެވެ. ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި، ހުޅުމާލޭގައި ހުންނަ ފިޔަވައްޗާއި، ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ކުރިޔެކޭ އެއްގޮތައް ލިބެމުންދާނެކަމަށެވެ.

އަދި އެމިނިސްޓްރީގެ ހޮޓްލައިން 3328393 އާއި ޗައިލްޑް ހެލްޕް ލައިން 1412ގެ ޚިދުމަތްވެސް ލިބެން ހުންނާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

20 މާރޗް 2020 | ހުކުރު 02:47