ކޮވިޑް-19: އެންމެ ފަހުގެ

19,068,873
  • ކޮވިޑް-19: ދުނިޔޭގެ އެކި ޤައުމުތަކުގައި ތިބި ދިވެހިން ރާއްޖެއަށް އައުމުގެ ކުރިން އެޤައުމެއްގައި ހުރި މިޝަންއާއި މައުލޫމާތު ހިއްސާކުރަން އެދިއްޖެ
  • ކޮވިޑް-19: ނޭޕާލްއިން ދަތުރުކުރާ އަދި ނޭޕާލްގައި ދިރިއުޅޭ ދިވެހިންގެ ސަމާލުކަމަށް
  • ކޮވިޑް-19: ރާއްޖެއިން ބޭރުގައި ތިބި ދިވެހިން އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ އެމަރޖެންސީ ނަންބަރަށް ގުޅުއްވާ!
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދުނިޔޭގެ އެކި ޤައުމުތަކުގައި ތިބި ދިވެހިން ރާއްޖެއަށް އައުމުގެ ކުރިން އެޤައުމެއްގައި ހުރި މިޝަންއާއި މައުލޫމާތު ހިއްސާކުރަން އެދިއްޖެ

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިމިނެއްގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި، ދިވެހިން ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިންނާއި، އަދި މިވަގުތު އެކި ޤައުމުތަކުގައި ތިބި ދިވެހިން ރާއްޖެ އައުމުގެ ކުރިން އެޤައުމެއްގައި ހުރި ނުވަތަ އެމީހަކު ހުރި ޤައުމަކާއި އެންމެ ކައިރީގައި ހުރި މިޝަން ނުވަތަ ކޮންސިއުލޭޓަށް މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން އެދިއްޖެއެވެ.

އެގޮތުން ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަންބަރާއި ދަތުރު ކުރާ ފްލައިޓުގެ ތަފުޞީލު ދުރާލާ މިމިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށް އެދެމެވެ.

21 މާރޗް 2020 | ހޮނިހިރު 18:19
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ނޭޕާލްއިން ދަތުރުކުރާ އަދި ނޭޕާލްގައި ދިރިއުޅޭ ދިވެހިންގެ ސަމާލުކަމަށް

މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ނޭޕާލްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެޤައުމުގެ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަަޅަން ނިންމާފައެވެ. އެހެންކަމުން އެޤައުމުގައި ދިރިއުޅޭ ދިވެހިން މިކަންކަމަށް ސަމާލުވުމަށް ދިވެހި ޚާރިއްޖިއްޔާއިން ވަނި އިލްތިމާސްކޮށްފައެވެ.

21 މާރޗް 2020 | ހޮނިހިރު 18:13
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރާއްޖެއިން ބޭރުގައި ތިބި ދިވެހިން އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ އެމަރޖެންސީ ނަންބަރަށް ގުޅުއްވާ!

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ދިވެހި ރައްޔިތުން މި ދަނޑިވަޅުގައި ސަރުކާރުގެ އެއްވެސް އެހީތެރިކަމަށް ބޭނުންވާނަމަ، ނުވަތަ އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ގެ ކޮންސިއުލަރ އެމަރޖެންސީ ނަންބަރަށް ގުޅުއްވަމުން ގެންދެވުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. އެމިނިސްޓްރީން ވަނީ މި ދުވަސްވަރު އެ ބޭފުޅަކު އުޅުއްވާ ޤައުމެއްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ ކޮންސިއުލޭޓުގައި ރަޖިސްޓްރީ ކުރުމަށާއި، އަދި އެފަދަ ތަނެއް ނެތް ޤައުމެއް ނަމަ، އެންމެ ކައިރި ޤައުމެއްގައި ހުރި ހައިކޮމިޝަނަކާއި މަޢުލޫމާތު ހިއްސާކުރެއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ރާއްޖެއިން ބޭރަށް ދަތުރުކުރައްވާނަމަ، އެމިނިސްޓްރީގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު ދަތުރު ފެށުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

21 މާރޗް 2020 | ހޮނިހިރު 18:10
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރާއްޖެއަށް އެހީވުމަށް އައި އިންޑިއާގެ މެޑިކަލް ރިލީފް ޓީމް އިންޑިއާއަށް ފުރައިފި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެހީތެރިވުމަށް އިންޑިއާއިން ފޮނުވި 14 މެންބަރުންގެ މެޑިކަލް ރިލީފް ޓީމް މަސައްކަތް ނިންމާލުމަށް ފަހު މިއަދު ފުރައިފިއެވެ. މިޓީމުން ރާއްޖޭގައި ހޭދަ ކުރި ދުވަސްތަކުގައި ވަނީ އެކި ރަށްރަށަށް ގޮސް ވަރކްޝޮޕްތަކާއި ތަމްރީނު ޕްރޮގުރާމުތަކެއް ބާއްވާފައެވެ. އަދި އައިޖީއެމްއެޗުގައިވެސް ޓިމުގެ ބައެއް ބޭފުޅުން ޙަރަކާތްތެރިވިއެވެ.

21 މާރޗް 2020 | ހޮނިހިރު 18:04
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރާއްޖެ ޓީވީން ފަހިކޮށްދެނީ ތިޔަ ބޭފުޅުންނަށް މުނިފޫހި ފިލުވުމުގެ ފުރުޞަތު: މިރޭ 11 ޖަހާއިރު ޑިޓިއުން ބޭންޑާއެކު

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު ގޭގައި މަޑުކުރަން ޖެހިފައިވާއިރު، ރާއްޖެ ޓީވީން އަހައްމިއްޔަތުކަން ދެނީ ދިވެހި ރައްޔިތުންނަށް މިކަމާއި ގުޅޭ އެންމެ ޞައްޙަ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއެކު، އަހުލުވެރިކުރުވުމަށެވެ.

ހަމަ އެއާއެކު، ގިނަ ބަޔަކު މިވަގުތު ގޭގައި ވަގުތު ގުނަމުންދާއިރު އެމީހުންނަށް މުނި ފޫހި ފިލުވައި ދިނުމާއި، އަދި ގޭގައި ތިބެގެން އެހެނިހެން ދިިރިއުޅުމުގެ ވަށްޓަފާޅި ދަސްކޮށްދޭނެ ބައެއް ޙަރަކާތްތައް ގެނެސްދިނުމަށް ވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިރޭ 11:00 ޖަހާއިރު ޑިޓިއުން ބޭންޑުގެ ލައިވް މިއުޒިކް ޝޯވއެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ޝޯވ ކުރިޔަށްގެންދަނީ އާންމުކޮށް ރިކުއެސްޓް ކުރެވޭ ގޮތައް ފުރުޞަތު ހުޅުވާލައިގެންނެވެ. ރާއްޖެޓީވީގެ ޓްވިޓަރ އަދި ފޭސްބުކް މެދުވެރިކޮށް ތިޔަ ބޭފުޅުން ބޭނުންވެލައްވާ ލަވަޔަކަށް ރިކުއެސްޓްކުރެވިދާނެއެވެ.

21 މާރޗް 2020 | ހޮނިހިރު 17:48
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސަރުކާރުން ތަންފީޒު ކުރަމުންގެންދާ "އިޖުތިމާޢީ ގައިދުރުކަމަށް" ދިވެހިން އަމަލުކުރަމުންދާތީ ފުލުހުން އެކަމަށް ޝުކުރު އަދާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން ތަންފީޒު ކުރަމުންދާ "އިޖުތިމާޢި ގައިދުރުކަން" އާންމު ރައްޔިތުން ބަލައިިގަނެ، އެއަށް އެގޮތުގެ މަތިން އަމަލުކުރަމުންދާތީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެކަމަށް ޝުކުރު އަދާކުރައްވައިފިއެވެ. ހަމަ އެއާއެކު، އެމްޕީއެސްއިން ސަރުކާރުން މިހާރު މިކަމާއި ގުޅިގެން އަޅަމުންދާ މުހިންމު ފިޔަވަޅުތަކައް އެއްބާރުލުން ދިނުމުގައި ރައްޔިތުން ދެމިތިބޭނެކަމަށް އުންމީދުކުރާކަމަށްވެސް ބުނެފައެވެ.

21 މާރޗް 2020 | ހޮނިހިރު 17:26
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކަރަންޓީންއާއި، އައިސޮލޭޝަން ފެސިލިޓީސްގައި ތިބި ދިވެހިންގެ ކެތްތެރިކަމަށް ޑިފެންސް މިނިސްޓަރުގެ ތަަޢުރީފު

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރެއްވުމުގެ ގޮތުން، ބައެއް ޤައުމުތަކުން އަންނަ ދިވެހިން 14 ދުވަސްވަންދެން ކަރަންޓީން ފެސިލިޓީސްތަކުގައި ބައިތިއްބަން ވަނީ ނިންމާފައެވެ. އެގޮތުން މިހާރުވެސް ގިނަ އަދަދެއްގެ މީހުން މިފަދަ ފެސިލިޓީސްތަކުގައި ދުވަސްތައް ގުނަމުންދާއިރު، އެބޭފުޅުންގެ ކެތްތެރިކަން ބަލައިގަނެ، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ އެމީހުންނާއި އެމީހުންގެ އާއިލާތަކައް ޝުކުރު ދަންނަވާފައެވެ. އަދި ޚިދުމަތްތައް ދެއްވުމުގައި އެކި ދާއިރާތަކުގެ ފަންނުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްފުޅަށްވެސް މިނިސްޓަރ ވަނީ ތަޢުރީފުކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

21 މާރޗް 2020 | ހޮނިހިރު 17:19
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ބައެއް މިސްކިތްތައް ބަންދުކުރީ ކާޕެޓް ނަގަންވެގެން

ކޮވިޑް-19 އާއި ގުޅިގެން މިސްކިތްތައް ބަންދުކުރީ، ބައެއް މިސްކިތުގައި ހުރި ކާޕެޓް ނެގުމަށް ކަމަށާއި އެގޮތުން ބަންދުކުރި މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ހުޅުވާފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

21 މާރޗް 2020 | ހޮނިހިރު 17:07
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އިބްރަހިމޮވިޗް ފަންޑެއް ހުޅުވައިފި
21 މާރޗް 2020 | ހޮނިހިރު 15:33
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: މުސާރަ ނުނަގަން މޮންޗެންގްލަޑްބެކްގެ ކުޅުންތެރިން ނިންމައިފި
21 މާރޗް 2020 | ހޮނިހިރު 15:32
Writer Profile Picture
ލައިޝާ އަހްމަދު
ކަރަންޓީން ފެސިލިޓީ ގޮތުގައި ރިސޯޓުތައް ބޭނުންކުރަނީ ހިލޭ

ކަރަންޓީން ފެސިލިޓީ ގޮތުގައި ނަގާ ރިސޯޓުތަކަށް ދައުލަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭ، އެއްވެސް ރިސޯޓަކަށް ދައްކަންޖެހޭ ކުއްޔެއްވެސް ނެތް، އެއީ ރިސޯޓުތަކުން އިސްނަގައިގެން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކޮށްދޭ މަސައްކަތެއް- މަބްރޫކް

21 މާރޗް 2020 | ހޮނިހިރު 15:15
Writer Profile Picture
ލައިޝާ އަހްމަދު
އިންޑިއާގައި ތިބި ދިވެހިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން

އިންޑިއާގެ ޙާލަތާ ގުޅިގެން އިންޑިއާގެ އެއާސްޕޭސް ބަންދަކަށް އަންނައިރު، މީގެ ކުރިން ފިލިޕީންސްއާ މެލޭޝިއާއިންވެސް އެފަދަ ޙާލަތްތަކެއް ކުރިމަތިވި. މިކަމުގައި ސަރުކާރުގެ ވިސްނުމަކީ އެމީހުންނަށް ތިބެވޭނެ ގޮތްތަކާއި، ރައްކާތެރިކަމާއެކު މަޑުކުރެވޭނެ ގޮތް ހެދުން އިތުރު ގޮތެއް އެރޭންޖް ކުރެވި އިތުރު ނިންމުމެއް ނިންމެންދެން. ފިލިޕީންސްއާއި މެލޭޝިއާގައިވެސް އެގޮތަށް ޢަމަލު ކުރެވެމުންދޭ.

ދިވެހިން އެ ޤައުމުގައި ތިބެގެން ނުރައްކަލަކަށް ހުށައެޅޭނެ ހާލަތްތަކެއްގައި ވުހާން ސިޓީގައި ތިބި ދިވެހިން ގެނަގޮތަށް އެ ދިވެހިން ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ކުރާނެ - މަބްރޫކް

21 މާރޗް 2020 | ހޮނިހިރު 15:13
Writer Profile Picture
މުހައްމަދު ފަޒީން
ކުރިން ޕޮޒިޓިވްވެ، ފަރުވާ ދިން މީހަކު ނެގެޓިވް ވުމުން ދޫކޮށްލައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު މީހަކަށް ފަރުވާ ދިނުމަށްފަހު، ބަލީގެ އަލާމަތްތައް ނެތުމުން ކުރި ދެ ޓެސްޓުން ނެގަޓިވް ވުމުން ދޫކޮށްލައިފި. އެ މީހަކީ ކުރެއްދޫ ރިސޯޓުން ކަރަންޓީންކުރި މީހެއް

21 މާރޗް 2020 | ހޮނިހިރު 14:58
Writer Profile Picture
ލައިޝާ އަހްމަދު
ރާއްޖެއިން އިތުރު މީހަކު ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު މީހަކު ރަނގަޅުވެއްޖެ. ޑަބަލް ޓެސްޓު ކުރިއިރުވެސް އޭނާ ނެގެޓިވްވެފައިވާއިރު، އޮންނަ އުސޫލުގެ ދަށުން އިތުރަށް މޮނިޓަރ ކުރެވޭނެ،

އޭނާއަކީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކުރެވުނު މީހެއްކަމަށް އެޗްޕީއޭއިން ބުނޭ.

އޭގެ އިތުރުން، 18 ވަނަ ދުވަހާއި، 20 ވަނަ ދުވަހު ހެދި ޓެސްޓުވެސް ނެގެޓިވްވެފައިވާ ކަމަށް ޑޮކްޓަރ މޫސާ މުރާދު ވިދާޅުވި. އަދި ފެސިލިޓީތަކުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާ ކުރައްވާފައިވޭ.

21 މާރޗް 2020 | ހޮނިހިރު 14:56
Writer Profile Picture
ލައިޝާ އަހްމަދު
ސިންގަޕޫރުން ވައިރަސް ޖެހިގެން ފުރަތަމަ ފަހަރަށް 2 މީހަކު މަރުވެއްޖެ

ސިންގަޕޫރުން ފުރަތަމަ ފަހަރަށް ވައިރަސްގެ ސަބަބުން މީހަކު މަރުވެފައިވާއިރު، އެ ޤައުމުގެ ހެލްތު މިނިސްޓްރީއާ ޙަވާލާދީ ރިޕޯޓުތައް ބުނާގޮތުން ހޮނިހިރު ދުވަހު ވައިރަސްގެ ސަބަބުން 2 މީހަކު ވަނީ މަރުވެފައެވެ. އެގޮތުން މަރުވެފައިވަނީ 75 އަހަރުގެ ސިންގަޕޫރު އަންހެނަކާއި، 64 އަހަރުގެ އިންޑޮނޭޝިއާއަށް ނިސްބަތްވާ ފިރިހެނެއް.

ވައިރަސްގެ ސަބަބުން މަރުވި ދެ މީހުންނަކީވެސް ހިތުގެ މައްސަލަތަކެއް ހުންނަ 2 މީހުން ކަމަށާއި، އަދި ސިއްޙީ އެހެނިހެން މައްސަލަތަކެއްވެސް ހުންނަ 2 މީހުން ކަމަށް ރިޕޯޓްތައް ބުނޭ.

އޭގެ އިތުރުން، ފިރިހެން މީހާ ފުރަތަމަ އެޑްމިޓް ކުރެވުނީ ނިއުމޯނިއާއަށް ފަރުވާދިނުމަށް ކަމަށްވެސް ރިޕޯޓްތައް ބުނޭ. ނަމަވެސް ފަހުން ބެލި ބެލުމުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައި.

މި ދެ މީހުންނަކީވެސް ވައިރަސްއަށް ޕޮޒިޓިވްވި ސިންގަޕޫރު މީހެއްގެ ކްލޯސް ކޮންޓެކްޓްއެއް.

ސިންގަޕޫރުން ހުކުރު ދުވަހު އެކަނިވެސް 40 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 30 މީހުންނަކީ އެހެން ޤައުމުތަކުން އެތެރެވި މީހުން (އިމްޕޯޓަޑް) ކޭސްތަކެއް

ސިންގަޕޫރުން މިހާތަނަށް 385 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ

21 މާރޗް 2020 | ހޮނިހިރު 14:08
Writer Profile Picture
ލައިޝާ އަހްމަދު
އޭޑީކޭގެ ފާރުތަކުގައި ހުންނަ ސެނިޓައިޒަރ ފުޅިތައް ވަގަށް ނަގާތީ އެކަން ހުއްޓާލުމަށް އެދިއްޖެ
21 މާރޗް 2020 | ހޮނިހިރު 13:05
Writer Profile Picture
ލައިޝާ އަހްމަދު
އޯގާތެރިކަމަކީވެސް ފަރުވާއެއް، މިދަނޑިވަޅުގައި އެކަކު އަނެކަކަށް އަޅާލާ: ޑަބްލިއުއެޗްއޯ
21 މާރޗް 2020 | ހޮނިހިރު 12:58
Writer Profile Picture
ލައިޝާ އަހްމަދު
ލަންކާއިން ރާއްޖެ އައުން މަނާކޮށްފި
21 މާރޗް 2020 | ހޮނިހިރު 12:57
Writer Profile Picture
ލައިޝާ އަހްމަދު
ކުޑަކުދިންނަށް ވައިރަސްގެ އަސަރު ކުރާ މިންވަރު ކުޑަ: އެޗްޕީއޭ
21 މާރޗް 2020 | ހޮނިހިރު 12:38
Writer Profile Picture
ލައިޝާ އަހްމަދު
ސެންޓާރާ ގްރޭންޑުން ދިވެއްސެއް ޓެސްޓު ކުރަނީ، ރިސޯޓް އޮތީ މޮނިޓަރިންގ ގައި
21 މާރޗް 2020 | ހޮނިހިރު 12:08
Writer Profile Picture
ލައިޝާ އަހްމަދު
އަދާރަން ކްލަބް ރިސޯޓުން ދިވެއްސެއް ޓެސްޓު ކުރަނީ
21 މާރޗް 2020 | ހޮނިހިރު 12:06
Writer Profile Picture
ޒިހްނަތު ހަސަން
ތެލުގެ އަގުތަކައް ހެޔޮ ބަދަލެއް އެސްޓީއޯއިން ގެނެސްފި

މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 10 ރުފިޔާ 39 ލާރިއަށެވެ. މިއީ ކުރީގެ އަގާއި އަޅާ ބަލާއިރު 1 ރުފިޔާ 68 ލާރީގެ ހެޔޮވުމެކެވެ.

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 08 ރުފިޔާ 07 ލާރިއަށެވެ. މިއީ ކުރީގެ އަގާއި އަޅާ ބަލާއިރު 1 ރުފިޔާ 53 ލާރީގެ ހެޔޮވުމެކެވެ.

އެސްޓީއޯ އިން ތެލުގެ އަގަށް ގެނައި ބަދަލުތަކުގެ ތަފުޞީލު
21 މާރޗް 2020 | ހޮނިހިރު 11:03
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވާރކް ވިސާއާއި، ޓްރެވެލް ޑޮކިއުމެންޓް ނެތް ބިދޭސީން ސަރުކާރުގެ ޚަރަދުގައި އެބައެއްގެ ޤައުމަށް ފޮނުވާލަނީ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓުން ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ވަރކްވިސާއާއި، ޓްރެވލް ޑޮކިއުމެންޓެއް ނެތި ހަރަކާތްތެރިވާ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ދިވެހި ސަރުކާރުގެ ޚަރަދުގައި ފޮނުވާގޮތައް ނިންމާފައިވާކަމަށެވެ. އަދި އެމީހުން އަނބުރާ ޤައުމަަށް ދާން ބޭނުންވާ ލިޔެކިޔުންވެސް އެޤައުމެއްގެ ހައިކޮމިޝަން ނުވަތަ އެމްބަސީން ހޯދައިދޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ދިވެހި ސަރުކާރުން ފަހިކޮށްދޭ މި ފުރުޞަތުގެ ތެރެއިން އަމިއްލަ ޤައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީއަށް ހާޟިރުވުމުގެ ބަދަލުގައި، ޕާސްޕޯޓް ނަންބަރ/ އައިޑީ ނަންބަރު އެ މިނިސްޓްރީގެ ނަންބަރ 7205648 އަށް ފޮނުވާލަދެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އެ ފޮނުވާ ހިސާބުން އެކަމާއި ގުޅޭ މުއާމަލާތްތައް ހިންގަން ފަށާނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ވާރކް ވިސާ ނެތި ނުވަތަ ރަޖިސްޓްރީ ނުކޮށް މަސައްކަތް ކުރާ އާބާދީގައި ނިޞްބަތުން ގިނަައީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވުމާއެކު، އެ މިނިސްޓްރީން ވަނީ ބަންގްލަދޭޝް ބަހުންވެސް މި މެސެޖް އާންމުކޮށްފައެވެ. ތިރީގައި މިވަނީ މިކަމާއި ގުޅިގެން ބަންގްލަދޭޝް ބަހުން އާންމު ކުރި މެސެޖެކެވެ.

মালদ্বীপের মিনিস্ট্রি অফ ইকনোমিক ডিভেলপমেন্ট কর্তৃক পরিচালিত বৈধকরণ/নিয়মিতকরণ উদ্যোগের অংশ হিসেবে যাদের বৈধ কাগজ-পত্র (পাসপোর্ট/ট্রাভেল ডকুমেন্ট) নেই তাদেরকে স্বদেশ প্রত্যাবর্তনের সুযোগ দেয়া হচ্ছে। যাদের বৈধ কাগজ-পত্র (পাসপোর্ট/ট্রাভেল ডকুমেন্ট) নেই তাদেরকে স্বদেশ প্রত্যাবর্তনের জন্য সংশ্লিষ্ট এমব্যাসি/হাই-কমিশনের সহায়তায় ট্রাভেল ডকুমেন্ট প্রদান করা হবে এবং তাদের ভ্রমণ ব্যয় মালদ্বীপ সরকার বহন করবে। ট্রাভেল ডকুমেন্ট পেতে হলে আপনার নাম, পাসপোর্ট নম্বর অথবা পরিচিতি নম্বর 7205648 এ মেসেজ করুন। ট্রাভেল ডকুমেন্ট পেতে হলে অফিসের বাইরে ভিড় করবেন না, শুধুমাত্র মেসেজ করলেই হবে। আমরা সুবিধাজনক সময়ে আপনাদের সাথে যোগাযোগ করবো। ধন্যবাদ।

21 މާރޗް 2020 | ހޮނިހިރު 10:12
Writer Profile Picture
ޙުސައިން މަޚްތޫމް
ހުކުރު ދުވަހުގެ ނިޔަލަށް ކޮވިޑް-19 ގައި މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް

ކޮވިޑް-19 ރޯގާގެ ސަބަބުން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގައި މަރުވި މީހުންގެ އަދަދު 11،398 ށް އަރާފައިވާއިރު ޔޫރަޕްގެ ގައުމުތަކަށް މަރުވި މީހުންގެ އަދަދު އެކަނި ވެސް 5000 އަށް އަރައެވެ. މިއާއެކު މި ބަލި މިހާރު ފެތުރެމުންދާ އާ މަރުކަޒަކަށް ޔޫރަޕްގެ ގައުމުތައް ވަނީ ވެފައެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން މީންހުން މަރުވަމުން ދަނީ އިޓަލީ، ސްޕެއިން އަދި ޖަރުމަންވިލާތުންނެވެ.

ހުކުރު ދުވަހު އެކަނި ވެސް އިޓަލީން ވަނީ 627 މީހުން މި ބަލީގައި މަރުވެފައިވާކަން ހާމަކޮށްފައެވެ. މިއީ ފާއިތުވި ހަތަރު ހަފްތާ ތެރޭގައި އިޓަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަދި މިއާއެކު ޗައިނާއިން މަރުވި މީހުންނަށްވުރެ އިޓަލީގައި މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މިހާތަނަށް ޗައިނާއިން މަރުވެފައިވަނީ 3255 މީހުންނެވެ. އަދި ހުކުރު ދުވަހު އެގައުމުން މަރުވެފައިވަނީ 7 މީހެކެވެ. ނަމަވެސް އިޓަލީން އެކަނި މަރުވި މީހުންގެ އަދަދު ވަނީ 4032 އަށް އަރާފައެވެ. އަދި ހުކުރު ދުވަހު މަރުވި މީހުންގެ އަދަދު އުޅެނީ 627 ގައެވެ.

ޔޫރަޕްގެ އެހެން ގައުމުތަކަށް ބަލާލައިރު، ސްޕެއިން އިން މިހާތަނަށް 21،571 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު ހުކުރު ދުވަހު އެކަނި އެގައުމުން ވަނީ 3494 އާ ކޭސް ރިޕޯޓް ކޮށްފައެވެ. އަދި ހުކުރު ދުވަހު މަރުވި 262 މީހުންނާއެކު އެގައުމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1093 އަށް އަރާފައެވެ.

މީގެ އިތުރުން ޖަރުމަނުވިލާތުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 19848 އަށް އަރާފައެވެ. އެގައުމުން ވަނީ ހުކުރު ދުވަހު އެކަނި ވެސް 4528 އާ ކޭސް ރިޕޯޓް ކޮށްފައެވެ. އަދި ހުކުރު ދުވަހު މަރުވި 24 މީހުންނާއެކު އެގައުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު އުޅެނީ 68 ގައެވެ.

ހުކުރު ދުވަހުގެ ނިޔަލަށް މުޅި ދުނިޔެއިން ކޮވިޑް-19 އަށް 275،944 (ދެ ލައްކަ ހަތްދިހަ ފަސް ހާސް ނުވަސަތޭކަ ސާޅީސް ހަތަރު) މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 91،912 މީހަކު ބަލިން ސަލަމަތްވެފައިވެއެވެ. ނަމަވެސް މީގެ ކުރިން ބަލިން ފަސޭހަވި މީހުންގެ އަދަދު މަތީގައި އުޅުނު ނަމަވެސް ޔޫރަޕްގެ ގައުމުތަކުން ފެންނަ ކޭސްތައް އިތުރުވުމާއި ގުޅިގެން ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ 164،869 (އެއްލައްކަ ފަސްދޮޅަސް ހަތަރު ހާސް އަށްސަތޭކެ ފަސްދޮޅަސް ނުވަ) އަކަށް އަރާފައެވެ. އަދި މީގެ ތެރެއިން ސީރިއަސް ނުވަތަ ކްރިޓިކަލް ހާލަތުގައި 7764 މީހަކު އެބަތިއްބެވެ.

21 މާރޗް 2020 | ހޮނިހިރު 07:43
Writer Profile Picture
ޙުސައިން މަޚްތޫމް
ތައިލެންޑަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ދިވެހި ސަރުކާރުން އަންގައިފި

ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ތައިލެންޑުގައި ކޮވިޑް-19 އާއި ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމުމާއި ގުޅިގެން، ދަތުރުކުރާ ދިވެހިން އަދި އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ތައިލެންޑްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 22 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ ރޭ ތައިލެންޑް ގަޑިން 00:00 އިން ފެށިގެން، ފިޔަވަޅުތަކެ އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ތައިލެންޑަށް ދަތުރުކުރާ ހުރިހާ ބިދޭސީންނާއި ފަތުރުވެރިން، އެޤައުމުގެ ސަރުކާރުން ނިންމާ ގޮތުގެމަތިން ކަރަންޓީންކުރުން، އެކަހެރިކުރުން، އޮބްޒާވްކުރުން އަދި އެހެނިހެން ފިޔަވަޅުތައް އެޅޭނެ ކަމަށާއި، ތައިލެންޑަށް ވަންނަ އިރު، ކޯވިޑް-19 ޖެހުމުގެ ފުރުސަތު ނެތްކަން ކަށަވަރުކޮށްދޭ، 3 ދުވަސް ހަމަ ނުވާ ހެލްތު ސެޓްފިކެޓެއް ހުށަހެޅުން ހިމެނެއެވެ.

މީގެ އިތުރުން ތައިލެންޑަށް ވަންނަ އިރު، އެންމެ މަދުވެގެން 100،000 (އެއްލައްލަ) ޑޮލަރުގެ މެޑިކަލް އިންޝުއަރެންސް ޕޮލިސީ އެއް ހުށަހެޅުން ހިމެނއެވެ.

އެހެންކަމުން މި ދުވަސްތަކުގެ ތެރޭގައި ތައިލޭންޑްގައި ދިރިއުޅޭ އަދި ތައިލޭންޑަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ތައިލެންޑަށް ދަތުރުކުރާ އަދި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށާއި، އެގޮތުން، ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށް އެދިފައިވެއެވެ.

21 މާރޗް 2020 | ހޮނިހިރު 05:39