ކ. މާލެ
|
9 މާރޗް 2021 | އަންގާރަ 21:26
ދިޔަމިގިއްޔާއި ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ގުރައިދޫ މޮޅުވީ 4-1 ން
ދިޔަމިގިއްޔާއި ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ގުރައިދޫ މޮޅުވީ 4-1 ން
ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީ
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް
ދިޔަމިގިލި ބަލިކޮށް ގުރައިދޫ ސެމީއަށް
 
ދިޔަމިގިލި އަތުން ގުރައިދޫ މޮޅުވީ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން
 
ވިލުފުއްޓާއި ހިރިލަންދޫ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާނެ

ތ. ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021" ގައި އަންގާރަ ދުވަހު ކުޅުނު މެޗުން ދިޔަމިގިލި ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ގުރައިދޫން ހޯދައިފިއެވެ.

މި މުބާރާތަކީ ތ. އަތޮޅުގެ 21 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ގުރައިދޫ މޮޅުވީ ދިޔަމިގިލި އަތުން ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.

ވިލުފިށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ގުރައިދޫން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ދެވަނަ މިނެޓުގައި ގުރައިދޫއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ޒިދާނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 34 ވަނަ މިނެޓުގައި ހަމްމާދު ވަނީ ގުރައިދޫއަށް ލީޑު ފުޅާކޮށްދީފައެވެ.

ގުރައިދޫގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 57 ވަނަ މިނެޓުގައި ހައިޝަމް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އެކަމަކު މެޗުގެ 70 ވަނަ މިނެޓުގައި ރާޝިދު ދިޔަމިގިއްޔަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ހައިޝަމް ވަނީ އިތުރު ލަނޑެއް ޖަހައި ގުރައިދޫގެ ލީޑު ފުޅާކޮށްދީފައެވެ.

ތ. އަތޮޅުގެ ހަތަރު ރަށެއް ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ، ލީގު ބުރުގެ އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

އެހެންކަމުން ތިންވަނަ ޓީމުގެ ހައިސިއްޔަތުން ސެމީއަށް ގުރައިދޫ ދަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. އަދި މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ދިޔަމިގިއްޔަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އަދި ތާވަލުގެ ކުރީގައި އޮތް ވިލުފުއްޓާއި ހިރިލަންދޫއަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބުދަ ދުވަހު ވިލުފުއްޓާއި ހިރިލަންދޫ ބައްދަލުކުރާއިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބިގެންދާނެއެވެ. އަދި އެ މެޗުން ބަލިވާ ޓީމެއް ސެމީގައި ބައްދަލުކުރާނީ ގުރައިދޫއާއެވެ.

ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ ސްޕޯޓްސްއެވެ. އަދި މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް އިންކްޑް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް ޖާޒީ ޕާޓްނަރަކީ ދަ ޑަބްލިއު ސްޕޯޓްސްއެވެ. މީގެ އިތުރުން ލައިވް ކަވަރޭޖް ޕާޓްނަރަކަށް ޗޮކޮލެޓް ކެފޭ އެންޑް ބިސްޓްރޯ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ.އެމްވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
8%
75%
8%
0%
8%
0%
ކޮމެންޓް