ކ. މާލެ
|
14 ފެބްރުއަރީ 2020 | ހުކުރު 14:36
ޚުތުބާ ކިޔަނީ
ޚުތުބާ ކިޔަނީ
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
ދަރިންނަށް މާގިނައިން ނަސޭހަތް ދިނުމަކީ ފޫހިވާނެ ކަމެއް: ޚުތުބާ
 
ހަޤީޤީ ލޯބިވުމަކީ އިސްލާމީ ތަރުބިއްޔަތަކުން އެދަރިން ތަރުބިއްޔަތު ކުރުން ކަމަށް ޚުތުބާގައިވޭ
 
ދަރިންނަށް ލޯތްބާއި އޯގާތެރިކަން ދިނުމަކީ އެދަރިންގެ އަޚްލާގަށާއި ސުލޫކަށް ވަރަށް ހެޔޮ އަސަރެއް ކުރާނެކަމެއް ކަމަށް ޚުތުބާގައިވޭ
 
އޯގާތެރިކަމާއި މަޑުމައިތިރިކަމާއި އެކު ނަސޭހަތް ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ޚުތުބާގައިވޭ

ދަރިންނަށް ނަސޭހަތް ދިނުމުގައި މާގިނަ ވަގުތު ހޭދަކުރުމަކީ އޭގެ ސަބަބުން ކުދިން ފޫހިވެ ބައެއް ފަހަރު ނަފްސާނީ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ތަރުބިއްޔަތު ކުރަނިވި ވަސީލަތްތަކުގެ ތެރެއިން ކުއްޖާއަށް އެންމެ ބޮޑަށް އަސަރު ކުރަނިވި ވަސީލަތަކީ ނަސޭހަތް ކަމަށާއި މައިން ބަފައިން ދަރިންނަށް ނަސޭހަތް ދޭއިރު އޯގާތެރިކަމާއި މަޑުމައިތިރިކަމާއި އެކު ނަސޭހަތް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ހުތުބާގައި ވެއެވެ.

އަދި ހަރުކަށި އިބާރާތް ބޭނުން ކުރުމާއި މާގިނައިން ނަސޭހަތް ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ޚުތުބާގައިވެއެވެ.

ދަރިންނަށް ލޯތްބާއި އޯގާތެރިކަން ދިނުމަކީ އެދަރިންގެ އަޚްލާގަށާއި ސުލޫކަށް ވަރަށް ހެޔޮ އަސަރެއް ކުރާނެ ކަމެއް ކަމަށެވެ.

ކުޑަކުދިންނަކީ ވިސްނުމާއި އިޖާބަދިނުމާއި ހަލަބޮލިކަމާއި މިޒާޖުގައިވެސް ތަފާތު ބައެއް ކަމަށް ހުތުބާގައިވެއެވެ.

ބައެއް ކުދިންނަކީ ވަރަށް މަޑުމައިތިރި މިޒާޖުގެ ކުދިން. ބައެއް ކުދިންނަކީ ވަރަށް ސަކަ މިޒާޖުގެ ކުދިން ބައެއް ކުދިންނަށް އެކުދިން ކުރާ ގޯސްކަމަކަށް އެއީ ގޯސްކަމެއްކަން ބަޔާން ކޮށްދިނުމުގެ ގޮތުން އެންމެ އިޝާރާތަކުން ފުދޭ.އަނެއްބައި ކުދިން ތަފާތު. ދަރިންނަށް ނަސޭހަތް ދޭއިރު އެކުދިން ނިކަމެތި ކޮށްލާފަދަ ބަސްތައް ބުނެ އެހެން ކުދިންނާއި އަޅާކިޔާނަމަ ކުއްޖާއަށް އޭނާއަކީ އަގެއް ނެތް ގޯސްކުއްޖެއް ކަމަށް ވިސްނެން ފަށާނެ
ހުކުރު ޚުތުބާ

ހުތުބާގައި ބުނެފައިވަނީ ބައެއް މީހުން ދެކޭ ގޮތުގައި ދަރިންދެކެ ލޯބި ވުމަކީ އެކުދިންގެ އުމުރާއި ބޭނުންތަކަށް ނުބަލާ އެކުދިން ބޭނުންވަރަކަށް ފައިސާ ދިނުމާއި ބޭނުންހާ އެއްޗެއް ހޯދައިދިނުމެވެ. އަދި ދަރިންގެ ހިތަށް ތަދުވެދާނެތީ މާބޮޑު ބެލުމެއްނެތި އެކުދިން ބޭނުންހާ ކަމެއްކޮށް ބޭނުންތަކަށް ގޮސް އުޅުމުގެ މިނިވަންކަން ދިނުމެވެ.

ނަމަވެސް ދަރިން ދެކެ ހަޤީޤީ ލޯބިވުމަކީ އިސްލާމީ ތަރުބިއްޔަތަކުން އެދަރިން ތަރުބިއްޔަތު ކުރުން ކަމަށް ޚުތުބާގައި ވެއެވެ.

ހަލާލު އާމްދަނީން އެދަރިންނަށް ރަނގަޅު ތައުލީމްދީ ފައިދާ ހުރި ކާނާ އާއި ފޭރާން ހޯދައިދިނުން. ދަރިންގެ އުމުރާއި ގުޅޭ ގޮތަށް ބޭނުންތައް ފުއްދައިދިން
ހުކުރު ޚުތުބާ

އެކުދިންގެ އުޅުމާއި އަޚްލާގާއި ސުލޫކް ރަނގަޅު ކުރުމަށްޓަކައި އަބަދާއި އަބަދު މަސައްކަތް ކުރުމަކީ މައިންބަފައި ކޮންމެހެން ކުރަން ޖެހޭނެ ކަންކަން ކަމަށް ޚުތުބާގައި ވެއެވެ.

ދަރިންތަރުބިއްޔަތު ކުރުމަށްޓަކައި މައިންބަފައިން ކުރާ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މައިންބަފައިން ދަރިންނަށް ރިވެތި ނަމޫނާއަކަށް ވެގެންކަމަށާއި މައިންބަފައިން ދޭ ނަސޭހަތާއި އިރުޝާދުން ކުދިންނަށް އަސަރު ކުރާނީ އެންމެ ފުރަތަމަ މައިންބަފައިން އެކަންތައް ތަންފީޒުކޮށް ކުދިންނަށް މަނާ ކުރާ ކަންތައްތަކުން މައިންބަފައިން ދުރުހެލިވެގެން ކަމަށް ޙުތުބާގައި ވެއެވެ.

ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅު ނަމާދަށް ދާށޭ ބުނުމަށްފަހު ބައްޕަ، އަމިއްލަ މަސައްކަތަށް އެނބުރިގަންނަ ނަމަ އަދި މަންމަ ގޭތެރޭގައި ކަމެއް ނެތި އިންނަ އިރުވެސް ނަމާދުކުރާތަން ނުފެންނަ ކަމުގައިވާނަމަ ނަސޭހަތުން ކުރާނީ ކޮންފައިދާއެއްތޯ ހުތުބާގައި ވަނީ ސުވާޅު އުފައްދާފައެވެ.

އަދި އެއާއި ޚިލާފަށް ބައްޕަ ނަމާދަށް ދަމުން ދަރިފުޅު ގޮވައިގެން ދާނަމަ އެއީ ތިމާވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ދަރިފުޅަށްވެސް ޤަބޫލު ކުރެވޭނެ ކަމަށާއި މަންމަ ގޭގައި ނަމާދު ކުރާ މަންޒަރު ދަރިފުޅަށް ފެންނަ ނަމަ ނަމާދު ކުރުމަށް ދަރިންނަށް އިތުރު ހިތްވަރަކަށް ވާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށް ހުތުބާގައި ވެއެވެ.

ޚުތުބާގައި ބުނެފައިވީ ބަވަނަ ވެފައިވާ މި ފަދަ ޒަމާނެއްގައި އިންޓަނެޓަކީ ދެމިޔަލީ ކަނޑިއެއްފަދަ އެއްޗެއް ކަމަށާއި އެހެންކަމުން އިންޓަނެޓަށް ވަދެވޭ ގޮތަށް ލެޕްޓޮޕާއި، ފޯނާއި، އެނޫންވެސް ވަސީލަތްތައް ބޭބުންކުރުމުގެ ފުރުސަތު ދަރިންނަށް ދޭންޖެހޭ ހާލަތްތަކުގައި މައިންބަފައިން ޚާއްސަ ސަމާލުކަމެއް ދޭން ވާނެ ކަމަށެވެ.

ދަރިން އެފަދަ ވަސީލަތްތަކުގެ ބޭނުން ހިފަނީ ރަނގަޅަށްތޯ ބެލުމަކީ މައިންބަފައިންގެ ޒިންމާއެއް އެއް ކަމަށާއި ޓީވީ ޗެނަލްތަކުން ދައްކާ ކުޑަކުދިންގެ ޕްރޮގްރާމުތަކަކީ އެކުދިންނާއި އެކަށީގެންވާ، އަދި އަޚްލާޤީ މިންގަނޑުތަކާއި އިސްލާމް ޑީނާއި ފުށޫ ނާރާ ޕްރޮގްރާމްތަކެއްތޯ ބަލައި ކަށަވަރު ކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެއް ކަމަށް ޚުތުބާގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
95%
0%
5%
0%
0%
ކޮމެންޓް