ހޮނިހިރު 21 ސެޕްޓެންބަރ 2019
01 އަތަ
1441 މަހައްރަމް 22
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16
ރިޕޯޓު - ބިދޭސީންގެ މައްސަލަ

ބިދޭސީންގެ މައްސަލަ: ބޮޑީ ވިޔަފާރިވެރިންނާއި، ވުޒާރާތަކުގެ އިހުމާލު!

  • ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް 63،000 ބިދޭސީން އުޅޭ

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 13 އޯގަސްޓު 2019 | އަންގާރަ 21:22 5,759

ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް މަސައްކަތުގައި ހަރަކާތްތެރިވަނީ - މުހައްމަދު ޝަރުހާން

ބިދޭސީންނާއި ގުޅުންހުރި މައްސަލަތަކުގެ ވާހަކައަކީ އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބުތަށް ދައްކަގޮތުން ރާއްޖޭގައި 144,607 ބިދޭސީން އުޅެއެވެ. އޭގެތެރެއިން 63،000 ބިދޭސީންނަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނެވެ.

ކޮންމެ ސަރުކާރުންވެސް ވެރިކަމަށް އަންނައިރު ރައްޔިތުންނަށްވާ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުން ހިމެނެއެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިހާތަނަށް ބިދޭސީންގެ މައްސަލަ ހައްލުކުރެވިފައެއް ނުވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށްވެސް ނުވަ މަސް ވެގެން ދިޔައިރުވެސް ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނެސްދެވިފައެއް ނުވެ އެވެ. ބިދޭސީންގެ މައްސަލަތައް އަދިވެސް އޮތީ މަޝްވަރާ ކުރުމާއި ދަފްތަރު ހެދުމާއި ހިސާބުގައި ފުނި ޖައްސާލާފަ އެވެ. ދައްކަމުންގެންދަނީ އެ މައްސަލަ ހައްލުކުރުމުގެ ޕްލޭންތަކެއް އެކުލަވާލާ ވާހަކަ އެވެ. ޕްލޭނެއްގެ ވާހަކަ ދެއްކުން ފިޔަވައި، އެކަމުގައި އަމަލީ އެއްވެސް މަސައްކަތެއް މި ސަރުކާރަށްވެސް ކުރެވިފަ ނުވެއޭ ބުނެވިދާނެ އެވެ.

މައްސަލައަކީ ދިވެހިން އުފަންކުރުވި މައްސަލައެއް

މިއަދު މި ފުރަ މާލޭއިން ފެށިގެން ގޮސް ގައުމުގެ ކޮންމެ ހިސާބަކަށް ބަލާލިކަމުގައިވީ ނަމަވެސް ހުސް ބިދޭސީންނެވެ. ވިޔަފާރިއެއް ކުރިއަސް، ބަޔަކަށް އެހީގެ އަތެއް ދިއްކޮށްލިޔަސް ހުންނަނީ ބިދޭސީއެކެވެ. ހަގީގަތުގައި ދިވެހިންނަށް ވުރެ މިގައުމު ހިންގުމުގައި މިހާރު ބޮޑު ދައުރެއް އަދާކުރަނީ ބިދޭސީންނެވެ. މިއީ ބަޔަކު ހިތްހަމަޖެހުނަސް ނުޖެހުނަސް ކަމުގެ ހަޤީޤަތެވެ.

ކުންފުނިތަކުގެ ހިސާބު ބަލަހައްޓާ މީހާއިން ފެށިގެން ގޮސް "އޮފީސް ބޯއި" ވަޒީފާގައި ވެސް ހުންނަނީ ބިދޭސީއެކެވެ. ދިވެހިން ފެންބޮވައިގަނެފައިވާ އުމްރާނީ ތަރައްގީގެ މުގުލުގައި ވެސް ހުސް ބިދޭސީންނެވެ. މުޅި މިރާއްޖެ ބިނާކޮށް އާރާސްތުކުރުމުގައި ހަމަ ހުސް ބިދޭސީންނެވެ.

މާލޭ ސިޓީގެ ގެތަކަށް ބަލައިކަމުވީނަމަވެސް ފެނިގެންދަނީ ގޭގައި ތުއްތު ދަރިފުޅު ބަލަންވެސް ހުންނަ ބިދޭސީ އަންހެން މީހާ އެވެ. ގޭތެރެ ސާފުކޮށް ގޭގައި ކައްކާ، ކާރު ދޮންނަ މީހަކަށް ވެސް ހުންނަނީ ބިދޭސީ އެކެވެ. ފިހާރަ އަދި ކެފޭ ރެސްޓޯރެންޓަކަށް ވަންނައިރު ކޭޝިއަރުން ފެށިގެން ގޮސް ވޭޓަރުންނަށް ވެސް ތިބެނީ ބިދޭސީންނެވެ.

ސެލޫންތަކާއި ކޮންސްޓްރަކްޝަން މަސައްކަތްތަކާއި، ސަޕްލައި ވިޔަފާރިތަކާއި، ޑޮލަރު ވިއްކުމުގައިވެސް ކުރީގައި އުޅެނީ ބިދޭސީންނެވެ. ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރުމުގައިވެސް މިހާރު ހަރަކާތްތެރިވަމުންދަނީ ބިދޭސީންނެވެ. ދެން މިއޮތީ އޭގެތެރެއިން ގަވައިދުން އުޅޭ ބަޔަކާއި ނުގަވައިދުން އުޅޭ ބަޔެއްގެ ވާހަކައެވެ.

މާލެއާއި ހުޅުމާލޭގައި ގަވާއިދާއި ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ އަދަދުވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ނަމަވެސް އެވެރިން ހުއްޓުވާ އެމީހުންނާއި މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ މުއައްސަސާތަކުން ވަނީ ނުކުޅުދިފައެވެ. ނުގަވައިދުން އުޅޭ މީހުން ބިދޭސީންގެ މައްސަލަ ހައްލު ނުވެގެން އުޅޭއިރު، މިގައުމުގެ އިގްތިސާދީ ދުވެލި މަޑުނުޖެހި ދަމަހައްޓަން އަދިވެސް އިތުރަށް ބިދޭސީން ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވެސް ވަނީ ވިދާޅުވެފައެވެ.

ދެން އޮތީ ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންނާއިމެދު ފިޔަވަޅު ނޭޅޭ ވާހަކަ އެވެ. މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަތުގައި ހުންނަންޖެހޭ ރަސްމީ ލިޔެކިޔުންތައް ނެތުމާއި އެ މީހުން ބުނާ ނަމާއި ޕާސްޕޯޓްގައި އޮންނަ ނަމާއި ދިމާނުވުން، ފަދަ ގިނަ މައްސަލަތައް ހުރުމުން އެފަދަ ވިޔަފާރިތަށް ހުއްޓުވާ، އެ މީހުން ފޮނުވުމުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. ހައްލެއް ހޯދަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ގަބޫލުކުރެއެވެ.

ކުށް ކުރުމުގައި ދިވެހިންނާއި ގުޅިގެން ބިދޭސީން

ސަރުކާރުގެ އެކި އިދާރާތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ބޮޑެތި ކުށްތައް ކުރުމުގައި ބިދޭސީން ޝާމިލްވާ މިންވަރު ދަނީ ނުރައްކާވާ މިންވަރަކަށް އިތުރުވަމުންނެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުން ފެށިގެން ގޮސް، ގޭންގް މާރާމާރިތަކާއި، މީހުން މެރުމުގެ މައްސަލަތަކުގައި ވެސް ބިދޭސީން ބައިވެރިވާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ބިދޭސީން ނުކުރާނީ ދެން ކޮންކަމެއްތޯއެވެ. ދިވެހިންނާއި ގުޅިގެން ހަށިވިއްކުމުގައިވެސް ބިދޭސީން ދަނީ ހަރަކާތްތެރިވަމުންނެވެ. ރާއްޖެ މިހާރު ގޮސްފައި އޮތް ހާލަތުން ދިވެހިންނަށް އޮތް ނުރައްކާ މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި ކިޔެއްތަ، ލޭބަރުންގެ ގޮތުގައި ރާއްޖެ އައިސް ވަޒީފާ އަދާކޮށް މަހުޖަނުންނަށްވެ ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީން މިހާރު ރާއްޖޭގައި މަދެކޭ ނުބުނެވޭނެއެވެ.

ބިދޭސީން އެނަގަނީ ދިވެހިންގެ އިހުމާލުގެ ފައިދާ

ބިދޭސީންގެ މައްސަލަ ގޯހުން ގޯހަށް ދިޔައީ ބައެއްގެ އިހުމާލުންނެވެ. ދިވެހިންގެ އިހުމާލުންނެވެ. ސަރުކާރުތަކުގެ އިހުމާލުންނެވެ. މަގާމުތަކުގައި ތިބި ބައެއްގެ އަމިއްލަ އެދުން ބޮޑުވެގެންނެވެ. ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުންނެވެ. ލިބޭ މަންފާތަކަށްޓަކައި ބިދޭސީން ނާޖައިޒު ބޭނުންކުރުމުގެ ސަބަބުންނެވެ. ދިވެހި ބިމުގައި ދިވެހިން ނިދާފައި ތިއްބާ ދިވެހި ބިމުގެ ނަފާހޯދަމުންދާ ބަޔަކީ މިހާރު ބިދޭސީންނެވެ.

މިކަން މިހެން ހިނގީ އިއްޔެއަކު މިއަދަކު ނޫނެވެ. ޒަމާންތަކެއް ވަންދެން މަގާމުތަކުގައި ތިބި ބައެއްގެ އަމިއްލަ އެދުން ބޮޑުވެގެންނެވެ. ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުންނެވެ. ލިބޭ މަންފާތަކަށްޓަކައި ބިދޭސީން ބޭނުންކުރުމުގެ ސަބަބުންނެވެ. މިއީ ބަޔަކަށް ނޭނގި ހިނގި ކަމެއް ވެސް ނޫނެވެ. އަދި މިއީ ސަރުކާރު އިސްވެރިނަށް ނޭނގި ހިނގި ކަމެއް ވެސް ނޫނެވެ.

ބިދޭސީންނަށް ދިވެހިންގެ ހާލަތު ވަރަށް ރަނަގަޅަށް އިނގެއެވެ. ދިވެހިންގެ ކަންނެތްކަމުގެ ފައިދާ ނަގާ ބިދޭސީން އެދަނީ ވަކިހިއްޕަމުންނެވެ. ރާއްޖެއަށް އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މަސައްކަތް ކަމުގައިވާ ޓޫރިޒަމް ދާއިރާގައިވެސް ހަރަކާތްތެރިވަނީ ބިދޭސީންނެވެ. ރާއްޖެއަށް މުދާ އެތެރެކުރުމާއި މާލީ ހިސާބުތައް ބެލެހެއްޓޫމާއި ކޮންސަލްޓަންސީ ދިނުމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީން މަދެކޭ ނުބުނެވޭނެ އެވެ.

މިދާވަރުން ދާކަމުގައި ވަނީނަމަ ޤާނޫނު ހަދާ މަޖިލީހުގައިވެސް ބިދޭސީންގެ ގޮޑިއެއް ކުރިއަށް އޮތް ތާނގައި ނުއިނދެ ނުދާނެއޭ ބުނާކަށް ހަމަ ލާހިކަ ކެރި ކުޅަދާނައެއް ނޫނެވެ.

ދިވެހި ބިމުގައި ބިދޭސީން އަތްގަދަ ކުރަމުންދާ ސަބަބުތައް ބަލަންޖެހެއެވެ. މިއީ ދިވެހިން ކަންނެތްކަމުން ވާކަމެއްތޯއެވެ. މަސައކަތް ތަކުގައި ދިވެހިން ޝާމިލް ނުވަނީ ލިބޭ އާމްދަނީ ކުޑަވާތީ ތޯއެވެ؟

ދިވެހިންނޭ ހޭ އަރާށެވެ. ބިދޭށީންގެ މައްސަލަ އަކީ އާދައިގެ މައްސަލައެއްގެ ގޮތުގައި ދޫކޮށްލެވެން އޮތް މައްސަލައެއް ނޫނެވެ. ބިދޭސީންގެ މައްސަލަ ހައްލުނުވެ ރާއްޖެގައި މިހާލުތުގައި އޮންނަން ޖެހިއްޖެ ނަމަ މަދު އަހަރުތަކކެއްގެ ތެރޭގައި އެކަމުގެ ހިތި ނަތީޖާ ދިވެހިންނަށް ފެންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް