ކ. މާލެ
|
31 މާރޗް 2024 | އާދީއްތަ 23:21
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް
އެމްޑީޕީ
ގާނޫނު ތަންފީޒުކުރުން
ގާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓު ކޮށްލެވޭ ގޮތަށް ގާނޫނުތައް ތަންފީޒުކުރަންޖެހޭ: އާޒިމް
 
މާލެސިޓީ ކައުންސިލަށް ވެސް ބާރުތަކެއް ލިބިފައިވޭ، އެބާރުތަކުގެ ބޭނުން ދަނީ ހިފަމުން
 
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ޖުރިމަނާ ކުރިނަމަވެސް އެފައިސާ ދެއްކިތޯ ބަލާނެ ގޮތެއް ވެސް ނެތް
 
ގާނޫނު ތަންފީޒު ކުރާކަމަށްވާނަމަ މާލެތެރެއަށް ކުނި ނޭޅޭނެ

ރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓު ކޮށްލެވޭ ގޮތަށް ގާނޫނުތައް ތަންފީޒުކުރަންޖެހޭ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ މުޅިރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން ގާނޫނު ތަންފީޒު ނުކުރާ މައްސަލަ ކަމަށެވެ. އެކަމުގެ ސަބަބުން ގިނަ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވަނީ މާލެސިޓީއަށް ކުނިއަޅާ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް ވާހަކަދައްކަވާފައެވެ. މަދުބަޔަކު ކުރާ ކަމެއްގެ ސަބަބުން ގިނަ ބަޔަކު ގިނަ އުދަނގޫތަކާއި ކުރިމަތިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ ގާނޫނު ތަންފީޒު ކުރާކަމަށްވާނަމަ މާލެތެރެއަށް ކުނި ނޭޅޭނެ ކަމަށެވެ.

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންނަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މާލޭގެ އެކި ހިސާބުތަކަށް ބިދޭސީން ކުނި އަޅާ ކަމަށާއި، ނަމަވެސް ލިޔެކިއުމެތް ނެތް ބިދޭސީން ޖޫރިމަނާ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް ކުނި އަޅާ ދިވެހިންތަކެއް ޖޫރިމަނާކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ޖުރިމަނާ ކުރިނަމަވެސް އެފައިސާ ދެއްކިތޯ ބަލާނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ގައުމެއްގައި މިކަންކަން ހިގަންޖެހޭ ގޮތް ނޫން ކަމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

މިހުރިހާ ކަމެއް މިދިމާވަނީ. ގާނޫނު ތަންފީޒު ކުރުމަށް އެއްވެސް އުޒުރެއް ދެއްކޭކަށް ނޯންނާނެ. ގާނޫނު ތަންފީޒު ކުރަންޖެހޭނީ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން. އެއަށް އުޒުރެއް ނުވެސް ދެއްކޭނެ. އެހެންވީމަ އުޒުރެއް ދައްކަންޏާ އޭގެ މާނައަކީ ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހެނީއޭ. ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނެތް. ގާނޫނު ތަންފީޒު ކުރަންޏާ މާލެތެރެއަށް ކުންޏެއް ނޭޅޭނެ. ގާނޫނު ތަންފީޒު ނުކުރެވޭ ކަންތައްތަކުގެ ތެރޭގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިފާހަގަކުރެވެނީ ގާނޫނާ ހިލާފަށް މާލޭއާއި ރާއްޖޭގައި މިއުޅޭ ބިދޭސީންގެ މައްސަލަ. ބޮޑު މައްސަލައެއް. އެބޭފުޅުން ޖޫރިމަނާ ކުރަން ބަލާއިރު އެބޭފުޅުން ޖޫރިމަނާ ކުރެވޭނެ ގޮތެއް އެއްކަމަކަށް ނޯވޭ. ވަރަށް އުދަނގޫ. އެއީ އެމީހުން ޖޫރިމަނާކޮށްފައި އެފައިސާ ދެއްކިތޯ ނުދެއްކިތޯ ބަލަން ވެސް އުދަނގޫ. އެކަމުގެ ސަބަބުން. އެހެންވީމަ އަންޑޮކިއުމަންޓް މީހުންނަކީ ގައުމެއްގައި އުޅެވޭނެ ބައެއް ނޫން އެގޮތަކަށް. އެމީހުން ބޭނުން ގޮތަކަށް މާލޭގައި އުޅެމުންދާއިރު، ބޮޑު ކުށެއް ކޮށްގެން އުޅެމުންދާއިރު، އަޅުގަނޑުމެން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ކުރެވޭ ކަމެއްނެތިފައި ހަތަރެސްފައި ބަދެވިފައި ތިބޭ މަންޒަރު މިފެންނަނީ. އެއީ ގައުމެއްގެ ހާލަތުގައި އެއްވެސް ހާލަތެއްގައި ވެގެންވާނެ ގޮތެއް ނޫން.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ މާލެސިޓީ ކައުންސިލަށް ވެސް ބާރުތަކެއް ލިބިފައިވާ ކަމަށާއި، އެބާރުތަކުގެ ބޭނުން ހިފަމުންދާ ކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން ވަރަށް އުފާވޭ އަސްލު ގާނޫނު ތަންފީޒުކުރާތަން ފެނުނީމަ. އުފަލާ އަރާމުގައި އުޅެވޭނީ ގާނޫނު ތަންފީޒުކުރަންޏާ. ގާނޫނުު ތަންފީޒު ނުކުރާ ތަނެއްގައި އޮންނާނީ ޖަންގަލީގެ އުސޫލު. އެނޫން އުސޫލެއް ނޯންނާނެ. މިއަދު މާލެއާ ތަންތާގައި މިފެންނަނީ އެއުސޫލު. މިއަދުކުނި ނެގީ. މާދަން އެތަނަށް ކުނި އަޅާނީ. ވީޑީއޯ ފޫޓޭޖުން ފެންނަން ހުއްޓަސް އެތަނަށް ކުނި އަޅަނީ. ކެމަރާ އަޅުފައި ހުއްޓަސް ކުނި އަޅަނީ. އޭގެން އެނގޭ އެއްޗަކީ އެއްވެސް ގޮތެއް ފޮތެއް ނެތްގޮތަށް މީހުން އުޅެން މިތަން ދޫކޮށްލިފައި މިއޮތީ. ޚާއްސަކޮށް ރާއްޖެއަށް އައިސް އުޅޭ ބޭރު މީހުން އެމީހުން އެގޮތަށް އުޅެންޏާ ވަގުތުން ޑީޕޯޓު ކޮށްލެވޭ ވަރަށް އަޅުގަނޑުމެން ގާނޫނުތައް ތަންފީޒުކުރަންޖެހޭ. އެގޮތަކަށް މާލެތެރެ ހަޑިކުރާކަށް އެހެން ނޫޅެވޭނެ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ކުނި ނެގުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ވެމްކޯއާއި ކަމަށާއި، މިވަގުތު ކެޕޭސިޓީއަށް ދިމާވެފައިވާ ދަތިކަމެއްގެ ސަބަބުން ބައެއް ގަޑިތަކުގައި ކުނި ނެގުމަށް ލަސްވަމުންދާ ކަމަށެވެ. މާލެސިޓީ ކައުންސިލުން އެއްބާރުލުން ދެމުން ގެންދާ ކަމަށާއި، ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް އެވްރެޖްކޮށް 35 ހާސްޓަނުގެ ކުނި ނަގަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް