ކ. މާލެ
|
1 މާރޗް 2024 | ހުކުރު 12:10
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަކަށް ކާން ދެނީ
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަކަށް ކާން ދެނީ
ރާއްޖެއެމްވީ
ކެޓް ޝެލްޓަރ ގާއިމުކުރުން
ކެޓް ޝެލްޓަރ ގާއިމްކުރުން: ''ރޯދަމަސް ނިމެންވާއިރަށް ބޮޑުބައެއްގެ މަސައްކަތް ނިމޭނެކަމުގެ އުންމީދު އެބައޮތް''
 
މާލެސިޓީގެ މަގުތަކުގައި އުޅޭ ބުޅާތައް ނެގި ރީތި ސާފު މާލެއެއް ރައްޔިތުންނަށް ހޯދައިދޭނަން
 
އެތަނުގައި މަސައްކަތް ކުރާނެ މުވައްޒަފުން ތަމްރީން ކުރެވިގެންދާނެ
 
ކެޓް ޝެލްޓަރ ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ އިއުލާންކޮށްފައި

ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ކެޓް ޝެލްޓަރ ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ރޯދަމަސް ނިމެންވާއިރު ބޮޑު ބައެއްގެ މަސައްކަތް ނިމޭނެ ކަމަށް އުންމީދުކުރާ ކަމަށް މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، މާލެސިޓީގެ ރައްޔިތުންނަށް ހިތް ފަސޭހަ އަދި ދިރިއުޅޭހިތްވާ ކަހަލަ ސިޓީއަކަށް ހެދުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބުޅާ ރައްކާތެރި ތަނަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ކެޓް ޝެލްޓަރ ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކުރެވިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކެޓް ޝެލްޓަރ އެޅުމުގެ މަސައްކަތުގެ ޕްރޮގްރެސް ރަނގަޅު ކަމަށާއި، ރޯދަ މަސް ނިމެންވާއިރު ބޮޑު ބައެއްގެ މަސައްކަތް ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެގޮތުން އެތަނުގައި މަސައްކަތް ކުރާނެ މުވައްޒަފުން ތަމްރީން ކުރެވިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންނާއި ގުޅުންހުރި މުހިންމު ކަންތައްތަކެއް އަޅުގަނޑު އައިއިރު ވެސް ވަނީ ފަށާފައި. މަގުތަކުގައި އުޅޭ ބުޅަލުގެ ކަންތައްތަކާއި އެބުޅަލަށް ވެސް އޯގާތެރި މާހައުލެއް ކްރިއޭޓް ކުރުމަށް ކައުންސިލް މެންބަރުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައި. މިފަހަރު އައު ސަރުކާރާއެކު އަޅުގަނޑުމެން މިވަނީ ބިން ހަވާލުކުރެވިފައި. މިހާރު އޭގެ އަމަލީ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ އިއުލާންތައް ކުރެވި މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވަނީ ބައުންޑަރީ ވޯލް މިވަނީ އިއުލާން ކުރެވިފައި. އަދި ކެޓް ޝެލްޓާ އަޅައިދޭނެ ފަރާތެއް ހޯދުމަށްޓަކައި މިއަދު އެވަނީ އިއުލާން ކުރެވިފައި. ވަރަށް ރަނގަޅު ޕްރޮގްރެސްއެއް އެބަ ލިބޭ. އަޅުގަނޑުގެ އުންމީދަކީ ރޯދަމަސް ނިމެންވާއިރަށް އަޅުގަނޑުމެންނަށް އެތަން ތައްޔާރުކުރެވި އަދި އެތަނަށް ބޭނުންވާ ވަސީލަތްތައްތަކާއި މީހުންނާއި، އިއުކްޕްމެންޓްސާއި ބޭނުންވާ ޓްރޭނިންތަކާއި އެއްޗެހި ދެވިގެން އެހިސާބަށް ދާންވާއިރަށް ރަނގަޅު ފެންވަރުގެ ހިސާބަށް މަސައްކަތްތައް ގެންދެވެވޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަނީ.
މާލޭ މޭޔަރު އާދަމް އާޒިމް

ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ކެޓް ޝެލްޓަރ ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވާއިރު، މި މަސައްކަތަށް އަގު ހުށައެޅުމުގެ ފުރުސަތު މާޗު މަހުގެ 7 ވަނަ ދުވަހު އޮންނާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މާލޭސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ގުޅިގެން ހުޅުމާލޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ވަގުތީ ބުޅާ ހިޔާ އިމާރާތްކުރުމަށް ބޭނުންވާ ބިން ކައުންސިލާ ހަވާލުކޮށްފައިވަނީ 9 ފެބްރުއަރީ 2024 ގައެވެ. އެއީ 5،000 އަކަފޫޓުގެ ބިމެކެވެ. އެތަން ނިމޭއިރު ބުޅާތަކަށް ޚާއްސަ ހޮޓަލާއި ޕާކް އަދި ފިހާރަ ހުންނާނެ އެވެ. އަދި އެ ތަން ހަދައި ބަލަހައްޓާނީ ސިޓީ ކައުންސިލުންނެވެ.

މީގެ އިތުރުން މާލެސިޓީ ކައުންސިލުން ބުނީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކެޓް ޝެލްޓަރ ހެދި ނަމަވެސް ކުރިއަށް އޮތްތަނުގައި ދޫނި ފަދަ ދިރޭތަކެތި ބެލެހެއްޓޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށާއި، ރާއްޖޭގައި މީހުން ގެންގުޅޭ ޕެޓްތަކަށް ފަރުވާ ދެވޭގޮތަށް ޚިދުމަތް ފުޅާކުރާނެ ކަމަށެވެ. އަދި މި މަޝްރޫއަށް ޖުމްލަ 18،000 އަކަފޫޓުގެ ބިމެއް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް