ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 22:30
މާލޭގެ މޭޔަރު، އާދަމް އާޒިމް
މާލޭގެ މޭޔަރު، އާދަމް އާޒިމް
މާލެ ސިޓީގައި ފެން ބޮޑުވާ މައްސަލަ
މާލެ ސިޓީގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން: މޭޔަރު އާޒިމް
 
މާލެ ސިޓީގެ އެންމެ ބޮޑަށް ފެން ބޮޑުވާ ސަރަހައްދުތައް މިހާރު ދެނެގަނެވިފައި
 
މާލެ ސިޓީގެ ހުރިހާ ކާނުތަކާއި މަގުތަކުގެ ހޮޅިތައް ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މާލެ ސިޓީގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް، މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ފަހަކަށްއައިސް މާލެއަށް ބޯކޮށް ވާރޭވެހޭ ކޮންމެ ދުވަހަކު ފެން ބޮޑުވެ، ގެތަކަށް ފެންވަދެ، ބައެއް ގެއްލުން ދަނީ ލިބެމުންނެވެ. އެކަމަށް އިޝާރާތް ކުރައްވައި ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީގެ ހުރިހާ ކާނުތަކާއި މަގުތަކުގެ ހޮޅިތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މި މަސައްކަތް ކުރަމުންދަނީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއެކު، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް، އެމްޑަބްލިޔުއެސްސީ އަދި އާރްޑީސީގެ މުވައްޒަފުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މާލެ ސިޓީގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތައް މިހާރު ދެނެގަނެވިފައި ވާކަމަށެވެ. އަދި ހައްލުކުރުމަށް ކުރެވޭނެ ކަންކަން ބަލަމުން ދާކަމަށާއި، އެ މަސައްކަތް ކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެން އެކުވެގެން މުޅި މާލޭގެ ހުރިހާ ކާނުތަކެއް ސާފުކޮށް، އަދި އެޅިފަ ހުރި ހުރިހާ ހޮޅިތަކެއް ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފަ. މިކަން ރަނގަޅަށް ކުރެވުނީމަ އިރާދަކުރެއްވިއްޔާ ދެން ސްޓޯމެއްގަ، މީގެ ކުރިން ފެންބޮޑުވާ ގޮތަށް އެމައްސަލަ ދިމާވާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެއަށްވުރެ ރަނގަޅަށް މިކަން މެނޭޖްކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މާލޭގެ އެންމެ ފެންބޮޑުވާ ހިސާބަކީ ހަވީރީ ހިނގުމާ، ވެސްޓް ޕާކު ސަރަހައްދު، މަޖީދީ މަގުގެ ބައެއް ދިމާތަކާ އަދި އައިޖީއެމްއެޗްގެ ދިމާތައް، އަޅުގަނޑުމެންނަށް އެކަންތައް އައިޑެންޓިފައި ކުރެވިފަ ހުރީ. އެމްޑަބްލިޔުއެސްސީއާއެކު އަޅުގަނޑުމެން އެތަންތަނަށް ޒިޔާރަތްކޮށް، އެކަންތައްތައް ބަލާ އަޅުގަނޑުމެން ވީހާވެސް އަވަހަށް ގެނެވޭނެ ހައްލުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ކުރަމުން މިދަނީ.
މާލޭ މޭޔަރު، އާދަމް އާޒިމް

އާޒިމް ވިދާޅުވީ ކާނުތަކާއި، ހޮޅިތައް ސާފުކުރެވުމުން މާލޭ ފެންބޮޑުވުމުގެ މައްސަލައަށް ކޮންމެ ވަރެއްގެ ރަނގަޅު ހައްލެއް ލިބޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް