ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 22:10
މާލޭގެ މޭޔަރ އާދަމް އާޒިމް
މާލޭގެ މޭޔަރ އާދަމް އާޒިމް
އެމްޑީޕީ
މާލޭގެ ކުނީގެ މައްސަލަ
ކުނީގެ މައްސަލަ ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުން ބޭނުންވޭ، ގަދަބާރުން އެއްވެސް ކަމެއް ހައްލެއް ނުވާނެ: މޭޔަރު އާޒިމް
 
އަމާޒަކީ ހިތްފަސޭހަ މާލެއެއް ރައްޔިތުންނަށް ހޯދައިދިނުން
 
އެއްވެސް ކަމެއް މަޖުބޫރުކޮށްގެން ވެސް ހައްލު ނުވާނެ
 
އެއްވެސް ވަރަކަށް މާލެއަށް ކުނި ނޭޅުމަށް އަޒުމް ކަނޑައަޅަންޖެހޭ

ހިތްފަސޭހަ މާލެސިޓީއަށް ހެދުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ގަދަބާރުން އެއްވެސް ކަމެއް ހައްލެއް ނުވާނެ ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު އާޒިމް ވިދާޅުވީ މާލެސިޓީއަކީ އުޅޭހިތްވާ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ކާމިޔާބުވެފައިނުވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަސައްކަތް ކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ކުނީގެ މައްސަލައަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އެއްވެސް ވަރަކަށް މާލެއަށް ކުނި ނޭޅުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި، ކުނި ޑަސްބިން ނޫންތަނަކަށް އެއްލާނަމަ އެކަމުގެ އުނދަގޫ އެހެން މީހުނަށް ވާނެކަން ދަންނަންޖެހޭ ކަމަށެވެ. އެނަމޫނާ ބޮޑެތި މީހުންގެ ފަރާތުން ކުޑަ ކުދިންނަށް ފެންނަ ނަމަ ކުދިން ވެސް މާލޭގެ މަގުތަކަށް ކުނި ނާޅާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ވެސް މަގުމައްޗަށް ކުނި އަޅާ ބިދޭސީންނަށް ނަސޭހަތްތެރިވާންޖެހޭ ކަމަށެވެ. އެކަން ހުރިހާ ރައްޔިތުން އެކުވެ، މަނާކުރާނަމަ އެމައްސަލައަށް ހައްލު ލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ބުނެއުޅޭނެ މުބާރާތެއްގައި މެޗެއް ވިން ކުރެވިދާނެއޭ. އެކަނި މީހަކު މޮޅުވެއްޖެއްޔާ. އެކަނި މީހަކު މޮޅުވެއްޖެއްޔާ މެޗެއް ވިން ކުރެވިދާނޭ އެކަމަކު ޗެންޕިއަންޝިޕް ވިން ކުރެވޭނީ ހުރިހާ އެންމެން މަސައްކަތްކޮށްގެން ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ހުރިހާ މެޗެއް އެންމެން އެއް އަމާޒަކަށް ކުޅެފިއްޔާ ޗެންޕިއަންޝިޕް ވިން ކުރެވޭނެ. އެހެންނަމަވެސް އެންމެން އެއް އަމާޒަކަށް މަސައްކަތް ނުކޮށްފިއްޔާ އެއްދުވަހު މޮޅުވާނެ އަނެއް ދުވަހު ބަލިވާނެ. އެހެންވީމަ އަޅުގަނޑު ހަމަ އެދެނީ މާލޭގެ ރައްޔިތުންގެ ކިބައިން އަޅުގަނޑުމެން އެންމެން އެކުގައި ހިނގާށޭ މަސައްކަތް ކުރަން. މާލެއަކީ ތިޔަ ރައްޔިތުމީހާ ބޭނުންވާތަނަށް ހަދައިދޭން ހިނގާށޭ އެންމެން އެކުގައި މަސައްކަތް ކުރަން.
މާލޭގެ މޭޔަރ އާދަމް އާޒިމް

އާޒިމް ވިދާޅުވީ މައްސަލަތައް ހައްލުވާނީ އޯގާތެރިކަމާއެކު ލޯތްބާއެކު ކަންތައްތައް ކޮށްގެން ކަމަށާއި، އެއްވެސް ކަމެއް ގަދަބާރުން ހައްލެއް ނުވާނެ ކަމަށެވެ. އަދި އެއްވެސް ކަމެއް މަޖުބޫރުކޮށްގެން ވެސް ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އަމާޒަކީ ހިތްފަސޭހަ މާލެއެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށާއި، ކުރިއަށް އޮތް ދޭއްބައި އަހަރުގެ ތެރޭގައި އެއަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް