ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 18:38
މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް
ރާއްޖެއެމްވީ
މާލެ ސިޓީގެ ކާނުތައް ސާފުކުރުން
މާލެ ސިޓީގެ މަގުތަކުގެ ކާނުތައް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސާފުކޮށް ނިންމުމަށް ވަނީ އަމާޒުހިފާފައި: އާޒިމް
 
ކާނުތައް ސާފުކުރުމުގެ މަސައްކަތް އެންމެ އެދެވޭގޮތުގައި ކުރިއަކަށްނުދޭ
 
ކާނު ސާފުކުރުގެ މަސައްކަތް ކުރަން މިވަގުތު ތިބީ 5 މުވައްޒަފުން

މާލެ ސިޓީގެ މަގުތަކުގެ ކާނުތައް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސާފުކޮށް ނިންމުމަށް އަމާޒު ހިފާފައިވާކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީއަށް ކުޑަކޮށް ވާރޭ ވެހުނު ނަމަވެސް ފެންބޮޑުވެ، ގޯތިގެދޮރަށް ފެން ވަންނަ މައްސަލަ ވަނީ ބޮޑުވެފައެވެ. މި މައްސަލައާ ގުޅިގެން އާއްމު ރައްޔިތުންގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ. އެގޮތުން މާލެ ސިޓީގެ މަގުތަކުގެ ކާނުތައް ސާފު ނުކުރާކަމުގެ ޝަކުވާ ލިބިފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ، ކާނުތައް ސާފުކުރުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށްނުދާކަމަށާއި، އެ މަސައްކަތް ކުރަން މިވަގުތު ތިބީ 5 މުވައްޒަފުން ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ބޭނުންވާ ރަނގަޅު އާލާތްތައް ވެސް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި މަސައްކަތް ކުރުމަށް ކުރިއަށް އޮތްތަނުގައި ޕްލޭނެއް އެކުލަވާލައި، އަމަަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި، އަމާޒަކީ އަހަރެއްގެ ތެރޭގައި މާލެ ސިޓީގެ ހުރިހާ މަގެއްގެ ކާނުތަކާއި، ކާނުތަކާ ގުޅިފައިވާ ހޮޅިތައް ސާފު ކުރުން ކަމަށެވެ.

ކާނުތައް ސާފުކުރުމުގަ ޕްލޭނެއް އެކުލަވާލަން މިއުޅެނީ. އެއް އަހަރުގެ ތެރޭގައި ހުރިހާ ކާނެއް ސާފުވެފަ ހުންނާނީ. އެވަރަށް ރިސޯސްއާ އެއްޗެހި ލާފަ. އެއީ ރައްޔިތުން އަޅުގަނޑުމެންނަށް ފައިސާ މި ދެނީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށް، ހިތްހަމަޖެއްސުމަށްޓަކާ. އަޅުގަނޑުމެން މި ފައިސާ ބޭނުންކުރުމުގަ އެ ރިސޯސް ބޭނުންކުރުން ވަރަށް މުހިންމު. ކާނުތަކާ، ކާނުތަކާ ގުޅިފަ ހުރި ހޮޅިތައް ސާފުކޮށް އެއްކޮށް ނިމެންޖެހޭނެ އެއް އަހަރުގެ ތެރޭގަ. އަހަރަކު ބުރެއް ޖަހަންޖެހޭނެ.
މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް

އާޒިމް ވިދާޅުވީ މާލެ ސިޓީ ސާފު ތަނަކަށް ހައްދަވާނެ ކަމަށާއި، ރައްޔިތުން އެދޭފަދަ ރީތި މަގުތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް ފޯކަސްކޮށްގެން ވަރަށް ބޮޑަށް މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް