ކ. މާލެ
|
8 މެއި 2023 | ހޯމަ 14:13
ޕީޕީއެމްގެ އިސް ބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލު ކުރެއްވުން
ޕީޕީއެމްގެ އިސް ބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލު ކުރެއްވުން
ސޯޝަލްމީޑިއާ
މަގޭ ރިޕޯޓް
ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
 
ފޮޓޯ ގަނޑާއެކު ތަފާތު ވާހަކަތައް ވަނީ ފެތުރިފައި

ފޭސްބޫކުން މި ފޮޓޯގަނޑު ފެނުނީ ރައްޓެހިންތަކެއް އެކުގައި ކޮފީ ބޯން ތިއްބައެވެ. ފުރަތަމަ އަހާލެވުނީ މިއީ އަސްލު ފޮޓޯއެއް ހެއްޔެވެ. އިއްތިފާގުން އައިޓީ އާއި ކޮމްޕިއުޓަރ ގްރެފިކްސް އިން ހެޔޮވަރު ވަރަކަށް ކިޔަވާފައި އިން ކުއްޖަކުވެސް އިނެވެ. އޭނާ ބުނީ ތިއީ އެޑިޓެއް ނޫންކަން ކަށަވަރު ކަމަށެވެ. ދެން އެފެށުނީ މި ފޮޓޯގަނޑާމެދު ސަކަ އަނގަ ތަޅާށެވެ.

އެކަކު ބުނީ ތެލާއި ފެނާ އެކުވީ ހެއްޔޭއެވެ. ރައީސް ނަޝީދު ޕީޕީއެމާ ގުޅުނީ ހެއްޔެވެ. އެނިންމާލީ އެބައްދަލުވުމުގެ ވާހަކަތައް ބާވައެވެ.

އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހާމެދު ނުރުހި ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކުގައި ރައީސް ޔާމީން ރަނގަޅުވެ ތައުރީފް ކުރައްވަން ވަނީ ފަށްޓަވާފައެވެ. އަދި ޕީޕީއެމާއެކު މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފާނެ ކަމުގެ އިޝާރާތެއްވެސް ވަނީ ކުރައްވާފައެވެ. އެހެންކަމުން އެފޮޓޯ ގަނޑުގެ ސިއްރަކީ އެއީ ކަމަށްވެސް ވެދާނެއެވެ.

އަނެއް ކުއްޖަކު ބުނީ ހީވާގޮތުން ތިޔައީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ނޯ ކޮންފިޑެންސް ވޯޓެއް ނަގަން ތައްޔާރު ވަނީއެވެ. ދެފަރާތުން ވާހަކަ ދައްކައިގެން އެފަދަ ކަމެއް ރާވަނީ ކަމަށްވެސް ވެދާނެ ކަމަށެވެ.

އެއީވެސް ތެދަކަށް ވެދާނެއެވެ. ދާދި މިދާކަށް ދުވަހު އިދިކޮޅުން ބޭއްވި ޕްރެސްގައިވެސް އެފަދަ އިޝާރާތެއް ކުރިއެވެ. އެ ޕްރެސްގައި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ބައިވެރިވީ އަމްރުއެވެ. ރައީސް ނަޝީދާއެކު އެހުންނެވީވެސް އަމުރުއެވެ. އަދި ސިޔާސީ ވާހަކަ ދައްކަވަމުންދާ ބައެއް ދީނީ އިލްމުވެރިންވެސް ހިމެނޭގޮތައް ރައީސް ސާލިހު މަގާމުން ދުރުކުރުމުގެ ވާހަކަތަކެއް ދަނީ ދައްކަމުންނެވެ. އެހެންކަމަށްވާނަމަ އެ ބައްދަލުވުމުގައި ދެއްކީ އެވާހަކަ ކަމަށްވެސް ވެދާނެއެވެ.

އެހެން ކުއްޖަކު ބުނީ ޗާގޯސް މައްސަލައިގާ އިދިކޮޅުން ބޮޑު އެއްވުމެއް ބާއްވަން އުޅޭ ކަމަށާއި ފަހަރުގައި އެކަމުގެ މަޝްވަރާތަކެއް ކުރީކަމަށްވެސް ވެދާނެ ކަމަށެވެ.

އެއީވެސް ނުވެ ނުދާނެ ކަމެއް ނޫނެވެ. އެކަމަށްޓަކައި ޔާމީނާ އެންމެ އިދިކީލި އެކަކު ކަމުގައިވާ އުމަރު ނަސީރާވެސް ބައްދަލުކޮށްފިއެވެ. އަދި އިތުރު މީޓިންތައް ދަނީ ބާއްވަމުންނެވެ. އެ މީޓިންތަކުން އެބުނާ ފިކުރެއްގެ ދިރުމުގެ ބޭފުޅުންވެސް ފެނެއެވެ. ބައްދަލުވުމުގެ އަސްލަކީ އެކަން ރޭވުން ކަމަށްވެސް ވެދާނެއެވެ.

ދެންހުރި ކުއްޖާ ބުނީ ހީވަނީ ގާސިމަށް ޕީޕީއެމްގެ ތާއީދު ހޯދުމަށް ކުރެވޭ މަސައްކަތުގެ ބޮޅަކަށް ވެދާނެ ކަމަށެވެ.

އެއީވެސް ވުން ދުރުކަމެއް ނޫނެވެ. ރައީސް ސާލިހާ ދެކޮޅަށް ރައީސް ނަޝީދާއި ނަޝީދުގެ ފިކުރެއްގެ ދިރުމުން މިހާތަނަށް އެންމެ ގިނަ ބައްދަލުވުންތައް ބޭއްވީ ގާސިމް އިބްރާހީމާއި ޖޭޕީގެ ޓީމާއެކުގައެވެ. އަދި ގާސިމްއަކީ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި އަމްރުއަކީ ރަނިންމޭޓުގެ ގޮތުގައި ނުކުންނަވަން ނިންމަވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަނެއްކޮޅުން ޖޭޕީގެ އިސްބޭފުޅުން ޖައްސަވާ ހިސާބުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމުން ޕީޕީއެމްއިން ތާއީދު ކުރާނީ ގާސިމަށެވެ. އަދި ޕީޕީއެމުން ކެނޑިޑޭޓަކު ނުނެރި ގާސިމަށް ތާއީދު ކުރައްވަން ރައީސް ޔާމީން ނިންމަވާފައިވާކަމަށް ބުނެ ޕީޕީއެމް އެތެރޭގައި ކޯޅުންތަކެއް އޮތްކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. އެހެންކަމަށްވާނަމަ އެ ބައްދަލުވުމަކީ ގާސިމްގެ ފަރާތްޕުޅުން ރައީސް ނަޝީދު ޕީޕީއެމާއެކު ބޭއްވި ބައްދަލުވުމަކަށްވެސް ވެދާނެއެވެ.

ދެން އިން ކުއްޖާ ބުނީ އަދި މާއެހެންކަހަލަ ވާހަކައެކެވެ. އެއީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ޕީޕީއެމާ ގުޅި ރިޔާސީ އިންތިޚާބަށް ނުކުންނަނީ ކަމަށް ވެދާނެ ކަމަށެވެ. އަދި ޕެއަރ އަކީ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު ސިޔާމްއާއި ރަނިންމޭޓުގެ ގޮތުގައި ފިކުރެއްގެ ދިރުމުން އަމުރު ކަމަށް ވެދާނެ ކަމަށެވެ. އަދި އެހެން ވާހަކައެއްވެސް އޭނާ ބުންޏެވެ. ވެރިކަމަށް އައިސް ރައީސް ޔާމީންވެސް މިނިވަންކޮށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްލަނީކަމަށް ވެދާނެއެވެ.

އެއީވެސް ނުވާނެޔޭ ބުނެވޭވަރު ވާހަކައެއް ނޫނެވެ. ރައީސް ނަޝީދާއި ގާސިމް އިބްރާހީމާއެކު މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި އަދި ގޮތެއް ނިމިފައި ނުވާކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. އެކަމަށް ބާރު ލިބެނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުންތަކުގައި ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އޮތުމެވެ. އަދި ޖޭޕީން އެކަމަށް ދެކޮޅު ހަދާއިރު އެ ސިއްރު ހުށަހެޅުން ލީކުވުމެވެ. އެހެންކަމުން ރައީސް ނަޝީދު އެބޭނުންވާ ނަތީޖާ ހާސިލް ނުވުމުން މިސްރާބު ބަދަލުކޮށް ޕީޕީއެމާއެކު ޑީލެއް ހެއްދެވޭތޯ ބައްލަވަނީ ކަމަށް ވެދާނެއެވެ.

ކޮންމެއަކަސް އެފޮޓޯއަކީ ތަފާތު ފޮޓޯއެކެވެ. ގިނަބަޔަކު އަޅައިގެން ތަފާތު ސުވާލު އުފެއްދި ފޮޓޯއެކެވެ. އެކަމަކު އެބައްދަލުވުމުގެ ހަގީގީ ސިއްރު އެނގިވަޑައިގަންނަވާނީ ހެއްދެވި ފަރާތަށާއި އެފޮޓޯއިން އެފެނިވަޑައިގަންނަވާ ބޭފުޅުންނަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
11%
6%
11%
11%
17%
44%
ކޮމެންޓް