ކ. މާލެ
|
6 ޑިސެންބަރ 2022 | އަންގާރަ 15:20
ބްރިޖް ޕްލެޓްފޯމު
ބްރިޖް ޕްލެޓްފޯމު
ޓްވިޓަރ
ކެރޭނުން ބިނދުނު ބައި ނެގުން
ކެރޭނުން ބިނދުނު ބައި ނަގައިފި، ބްރިޖު މަޝްރޫއުގެ ޝެޑިޔުލަށް ބަދަލު އަންނާނެކަމަށް ނުބެލެވޭ
 
މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އިކުއިޕްމަންޓަކަށް ގެއްލުމެއްނުވޭ

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ވިލިމާލެ ކައިރީގައި މަސައްކަތް ކުރަމުންދިޔަ ޖެކްއަޕް ޕްލެޓްފޯރމްގައި ބަހައްޓާފައިވާ މޯބައިލް ކްރޭނަކުން ޕައިލިންގ މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޓީރިއަލް އުފުލަނިކޮށް ކްރޭންގެ ބޫމްވަނީ ފެއިލްވެފައިކަމަށާއި، މިހާރު ކްރޭންގެ ބޫމްވަނީ ޖެކްއަޕް ޕްލެޓްފޯރމް މަތިން މިހާރު ނެގިފައިކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

މިހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ މެންދުރުއެވެ. ޕްލޭނިންގ މިނިސްޓްރީން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އިކުއިޕްމަންޓަކަށް ގެއްލުމެއްނުވާކަމަށެވެ. އަދި މިކަމާ ގުޅިގެން މި މަޝްރޫއުގެ މަސައްކަތުގެ ޝެޑިއުލަށް އެއްވެސް ބަދަލެއް އަންނާނެކަމަކަށް ނުބެލެވޭކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބައެއް ފަރާތްތަކުން މިކަމުގެ އަސްލު އޮޅޭގޮތަށް ޚަބަރު ފަތުރަމުން ގެންދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ބްރިޖުގެ ޖިއޯ ޓެކްނިކަލް ސަރވޭއަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އޮގަސްޓް 16ގައި ވިލިމާލެ ފަރަށް އެރިއެވެ. ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށް އެ ޕްލެޓްފޯމް ފުންކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ. އެ މައްސަލާގައި އެފްކޮން، 69 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް އެ ފައިސާ އަދި ނުދައްކައެވެ.

އީޕިއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ; ޕްލެޓްފޯމުގެ ވެރިފަރާތާއި އެ އިދާރާ ގުޅިގެން ސަރވޭއެއް ކުރި ކަމަށާއި، 14-22 އޮކްޓޯބަރަށް އެފްކޮންސްއިން ކުރި ދިރާސާގައި އެ އެޖެންސީގެ އޮބްޒަރވަރުން ބައިވެރިވެފައިވާނެ ކަމަށެވެ. އެގޮތުން ބެލި ބެލުމުން، ޕްލެޓްފޯމްގެ ބައިތަކުންނާއި އެތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމަދިމާއިން އެކިވަރުގެ ގެއްލުން ލިބިފައިވާކަން އެނގިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ. އީޕީއޭއިން ބުނީ 2755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ.

ބްރިޖުގެ މަސައްކަތްތަކަށް ބަލާއިރު ތަނބުތަކުގެ ތެރެއިން އެއްގަމުގައި ޖަހާ ފުރަތަމަ ތަނބު ވަނީ ޖަހާފައެވެ. މިތަނބު ޖެހީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައެވެ. ތިލަމާލެ ބުރިޖްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލޭ ކޮޅުންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގުޅާލާނީ މާލެއާއި ވިލިމާލެއެވެ. އެ މަސައްކަތް އަންނަ އަހަރު ނިމޭނެކަމަށް ސަރުކާރުން ބުނެއެވެ. ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި މުޅި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2024ގައި ކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް