ކ. މާލެ
|
12 ޖުލައި 2021 | ހޯމަ 23:37
ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް
ރާއްޖެ އެމްވީ
ހިޔާ ފްލެޓްތަކަށް ކަރަންޓް ގުޅައިދިނުން
ހިޔާ ފްލެޓްތަކުގެ ޓްރާންސްފޯމަރުތަކާ ހަމައަށް ކަރަންޓް ގުޅާލައިފި
 
ހުޅުމާލެ ފޭސް 1އިން ފޭސް 2އަށް ކަރަންޓު ނެޓްވޯކް ގުޅުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައި
 
ޓްރާންސްފޯމަރުތަކަށް ކަރަންޓު ގުޅާނިމުނަސް ޓަވަރުތަކަށް ކަރަންޓް އަދި ނުލިބޭނެ
 
17 ޓްރާންސްފޯމަރަކަށް ވަނީ ކަރަންޓު ގުޅާނިންމާލާފައި

ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޓްރާންސްފޯމަރުތަކަށް ސްޓެލްކޯއިން ކަރަންޓު ގުޅައިދީފިއެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުރި 17 ޓްރާންސްފޯމަރަށް ކަރަންޓް ގުޅައިދީފައިވާކަން ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. ސްޓެލްކޯއިން ބުނީ ޓްރާންސްފޯމަރުތަކަށް ކަރަންޓް ގުޅާނިމުނަސް ޓަވަރުތަކަށް ކަރަންޓު އަދި ނުލިބޭނެކަމަށާއި، މިކަމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އަން ބުދަ ދުވަހު ހިޔާ ފްލެޓުތައް އޭގެ ވެރިފަރާތާ ހަވާލުކުރާއިރު އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެތަނުގައި ކަރަންޓު ނެތުމެވެ. ހިޔާ ފްލެޓުގެ ކަރަންޓުގެ މަސައްކަތް އެއްކޮށް ކުރަމުން އަންނަނީ ޗައިނާ ކުންފުންޏަކުންނެވެ. އެގޮތުން ހިޔާގެ 16 ޓަވަރަށް، އަދި އިތުރު ބޭނުންތަކަށް ގާއިމުކުރި 1 ޓްރާންސްފޯމަރާއެކު، ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ޖުމްލަ 17 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 188 ކޭބަލް އަޅާފައިވާއިރު، ގްރޭޓަރ މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތްދޭ މައި ކުންފުނި ސްޓެލްކޯއިންވަނީ މިހާރު މި ކޭބަލްތައް މެދުވެރިކޮށް ޓްރާންސްފޯމަރުތަކަށް ކަރަންޓު ގުޅާދީފައިކަމަށް އެކުންފުނިން ހާމަކުރެއެވެ. އެހެންނަމަވެސް ފްލެޓުތަކަށް ކަރަންޓު ދިނުމަށް މިއިން ކޮންމެ ޓްރާންސްފޯމަރަކުން ފްލެޓުގެ ކޮންމެ އެޕާޓްމަންޓަކަށް ކޭބަލް އެޅުމުގެ މަސައްކަތް އަދި ކުރަންޖެހޭނެކަމަށާއި، މިމަޝްރޫއުގެ ދަށުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ކުންފުންޏާކަމަށް ސްޓެލްކޯއިން ބުނެއެވެ.

ހުޅުމާލެ ފޭސް 1އިން ފޭސް 2އަށް ކަރަންޓު ނެޓްވޯކް ގުޅުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯއިން ނެޓްވޯކް އަޅާނީ ފޭސް 1ގެ އިންޖީނުގެއިން ފޭސް 2އަށް އެކަނި ކަމަށެވެ. އަދި އެތެރޭގެ ކޭބަލްތައް އަޅައި ސްޓެލްކޯގެ ނެޓްވޯކާ ގުޅާލާނީ ފޭސް 2ގެ ކަރަންޓު ނެޓްވޯކް އެޅުމަށް ހަވާލުކޮށްފައިވާ ޗައިނާގެ ސީއެމްއީސީ ކުންފުނިން ކަމަށް މުޣުނީ ވިދާޅުވިއެވެ. ފޭސް 2ގެ ކަރަންޓު ނެޓްވޯކް އެޅުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ބޭރު ގައުމެއްގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ ސްޓެލްކޯއިންވެސް މިކަމަށް ބިޑްކޮށްފައި ވަނިކޮށްކަން މުޣުނީ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް