ކ. މާލެ
|
26 މެއި 2021 | ބުދަ 02:13
ރައީސް ޞާލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެކު
ރައީސް ޞާލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެކު
ރައީސް އޮފީސް
އައްޑޫ ކޮންސިއުލޭޓް ޤާއިމުކުރުން
އައްޑޫ ކޮންސިއުލޭޓްގެ ވާހަކަ ސަރުކާރާއި ރަސްމީކޮށް ހިއްސާކޮށްފައެއް ނުވޭ
 
ތަރައްގީގެ އައު ޕްރޮޖެކްޓްތައް ހިންގުމަށް މަގު ފަހިވާނެކަމަށް އިންޑިއާއިން ވަނީ ބުނެފައި
 
ސަރުކާރުންވެސް މިކަމުގައި އަދި ވަކި ގޮތެއް ނުނިންމާ
 
މިކަމާ ގުޅޭ ޑިޕްލޮމެޓިކް އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވޭ

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ތަރައްޤީކުރުމުގެ ވާހަކަ މިހާތަނަށް އައިރު، ސަރުކާރާއި ރަސްމީކޮށް ހިއްސާކޮށްފަ ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ކޮންސިއުލޭޓާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙްވަނީ، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމުގެ ކަންކަން ކުރަނީ އިންޑިއާ ސަރުކާރުން އިސްނަގައިގެންކަމަށެވެ. އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން ނިންމައި އެކަމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދިންނަމަވެސް، މިކަމާ ގުޅޭ ޑިޕްލޮމެޓިކް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ. ރައީސް ޞާލިޙް ވަނީ އައްޑޫ ކޮންސިއުލޭޓް ތަރައްޤީކުރުމުގެ ވާހަކަ މިހާތަނަށް އައިރު، ސަރުކާރާއި ރަސްމީކޮށް ހިއްސާކޮށްފަ ނުވާކަމަށް ވިދާޅުވެފައެވެ. ސަރުކާރުންވެސް މިކަމުގައި އަދި ވަކި ގޮތެއް ނުނިންމާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއީ ޑިޕްލޮމެޓިކް މަޝްވަރާތަކެއް. މިހާތަނަށް އައިރު އިންޑިއާ ސަރުކާރުން މިގޮތައް ޝައުޤުވެރިކަން ވަނީ ފާހަގަކޮށްފައި. އެކަމަކު ރަސްމީކޮށް އެއްވެސް މަޝްވަރާއެއް މިކަމުގައި ހިނގާފައެއް ނުވޭ. ސަރުކާރުންވެސް އަދި ވަކި ގޮތެއް މިކަމުގައި ނުނިންމަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް

ރާއްޖެއިން އިންޑިއާގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އާއި ވާހަކަ ދައްކަވަމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ކޮންސިއުލަރ ޚިދުމަތްތައް އަވަސްމިނެއްގައި ދިނުމަށް ހައިކޮމިޝަނަކާއެކު ކޮންސިއުލޭޓްތައް ގާއިމުކޮށް ޚިދުމަތް ދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ. އިންޑިއާގައިވެސް ރާއްޖޭގެ ހައިކޮމިޝަން ވެރިރަށް ދިއްލީގައި ހުރި އިރު، އެންމެ ގިނަ އަދަދަކަށް ދިވެހިން ދަތުރުކުރާ ޓްރިވެންޑްރަމްގައި ޚިދުމަތް ދެމުން އައުމުގެ މައިގަނޑު ސަބަބަކީ މިއީ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

މިފަދަ ނެޓްވޯކެއް ރާއްޖޭގައިވެސް އޮތުން މުހިންމުކަން ފާހަގަކޮށް އިންޑިއާ ހައިކޮމިޝަނުން ވަނީ ޚިދުމަތްތައް ހަރުދަނާކުރުމަށް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން ނިންމައި އެކަމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާކަން ހާމަކޮށްފައެވެ. މިކަމުގައި ރާއްޖޭގެ ސަރުކާރުން އަދި ވަކިގޮތެއް ނުނިންމާކަން ފާހަގަކޮށް އިންޑިއާއިން ވަނީ މި ނިންމުމަށް އިންތިޒާރު ކުރަމުންދާ ކަމަށް ބުނެފައެވެ.

މި ކޮންސިއުލޭޓް މުހިންމުވާ ސަބަބުތައްވެސް ހައިކޮމިޝަނުން ވަނީ ތަފުސީލުކޮށްދީފައެވެ. އިންޑިއާގެ އެހީގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި އެކަނިވެސް 200 މިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިންގަމުންދާއިރު، މީގެ ތެރޭގައި އައްޑޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމާއި، ގަން އިންޓަނޭޝަނަލް އެއަރޕޯޓް އަލުން ތަރައްގީކުރަމުން ދިއުންފަދަ ބޮޑެތި ޕްރޮޖެކްޓްތައް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މަސް ފިނިކުރާ ކާރުޚާނާތައް ތަރައްގީކުރުމާއި، ތިމާވެއްޓާއި ރައްޓެހި އީކޯ ޓުއަރިޒަމް ޒޯންތައް އަދި މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަހައްދެއްގައި ފުރަތަމަ ފަހަރަށް ރިހެބް ސެންޓަރެއްވެސް އައްޑޫގައި ގާއިމުކުރަނީ އިންޑިއާގެ އެހީގައިކަން ވަނީ ފާހަގަކޮށްފައެވެ. މި މަސައްކަތްތައް ނިންމައި ސަރުކާރުގެ އަމާޒަކީ އައްޑޫއަކީ ރާއްޖޭގެ އިގްތިސާދީ އަދި ވިޔަފާރީގެ ހަބަކަށް ހަދަންކަމުގައިވާއިރު، އައްޑޫއަކީ ހުރިހާ ޚިދުމަތްތަކެއް އެއްތާކުން ފަސޭހައިން ލިބެން ހުންނަ ތަނަކަށް ވާންޖެހޭނެކަން ހައިކޮމިޝަނުން ފާހަގަކުރެއެވެ. އަދި މިގުޅުން އިންޑިއާއިން ދޭ ޚިދުމަތްތަކުގައިވެސް ކަށަވަރުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ވިސާ ލިބުމުގައި ދިމާވާ މައްސަލައަކީ ހައިކޮމިޝަނަށް ލިބޭ އެންމެ ބޮޑު އެއް ޝަކުވާކަން ފާހަގަކޮށް، ހައިކޮމިޝަނުން ވަނީ އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމުން މާލެއަށް ނުގޮސް މި ޚިދުމަތް ރަށުގައި ހުރެގެން އަވަސްކަމާއެކު ލިބޭނެކަން ކަށަވަރުވާނެ ކަމަށް ބުނެފައެވެ. މިކަމުގެ އެދެވޭ އަސަރު އައްޑޫގައި މިވަގުތު މަސައްކަތް ކުރަމުންދާ އެތަކެއް ސަތޭކަ އިންޑިއާ ނަރުހުންނާއި ޓީޗަރުންނަށް ކުރުމަކީ މަސައްކަތް އިތުރަށް ހަލުވިކުރަން ބޭނުންވާ ސަބަބުކަން ހައިކޮމިޝަނުން ފާހަގަކުރެއެވެ.

ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމުން ރައީސުލްޖުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ބަދަހިވެފައިވާ އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް އިތުރު ބާރަކާއި ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ. އެގޮތުން އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫއަށް ކުރާ ސީދާ ކާގޯ ދަތުރުތައް މެދުކެނޑުމެއްނެތި ހިނގާތޯ ކަށަވަރުކުރެވި މި ޚިދުމަތް ހަރުދަނާވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ. ހަމަމިއާއެކު އިންޑިއާއިން އައްޑޫގައި ހިންގާ ޕްރޮޖެކްޓްތައް ހިންގުމަށް އިތުރު ބާރެއް ލިބި ތަރައްގީގެ އައު ޕްރޮޖެކްޓްތައް ހިންގުމަށް މަގު ފަހިވާނެކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމުގެ ހުއްދަ ރާއްޖެއިން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން ފާހަގަކޮށް އިންޑިއާ ހައިކޮމިޝަނުން ވަނީ، އައްޑޫގައި ކޮންސިއުލޭޓް ގާއިމުކުރާ ތަނަކީވެސް އެކި ގޮތްގޮތަށް ވިސްނައިގެން ހުރިހާ ގޮތަކުން ފައިދާ ވާނެ ތަނެއްގައި އިމާރާތްކުރާ ތަނެއްކަން ކަށަވަރު ކުރަން ޖެހޭކަމަށް ބުނެފައެވެ. އެގޮތުން ހުޅުމީދޫ ފިޔަވާ މައިގަނޑުގޮތެއްގައި އެއް ފަސްގަނޑެއްގެ މައްޗަށް އެކުލެވޭ, މާލެއާއި އަޅާބަލާއިރު ބިމުގެ ސަރަހައްދު ބޮޑު އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން ޖެހޭނީ މިކަންކަމަށް ވިސްނައި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ހޯދުމަށް ދަތުރުކުރެވޭ އަދި ވިޔަފާރިވެރިންގެ މަޝްވަރާއާ އެކުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް