ފަނޑިޔާރަކު ޤާނޫނުތަކާއި ހިލާފުވެއްޖެނަމަ އެ ފިނޑިޔާރަކު ވަކިކުރާނެ އިޖުރާއަތް ޤާނޫނު އަސާސީ އާއި، ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ކަމަށާއި، އެ އިޖުރާއަތްތަކާ ހިލާފަށް ފަނޑިޔާރަކު މަޤާމުން ވަކިކުރެވިދާނެކަމާމެދު އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ސުވާލު އުފައްދަވައިފި އެވެ.
ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާ އަލީ ޒާހިރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފަނޑިޔާރަކު ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ހިލާފުވެއްޖެނަމަ ކަންކުރަންޖެހޭ އިޖުރާއަތްތައް ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި އޮންނަ ކަމަށެވެ. އެ އިޖުރާއަތްތަކުގެ ބޭރުން ފަނޑިޔާރަކު ވަކިކުރެވިދާނެތޯ އަލީ ޒާހިރު ވަނީ ސުވާލު އުފައްދަވާފަ އެވެ.
އިޖުރާއަތުގެ ބޭރުން ފަނޑިޔާރަކު ވަކިކުރެވިދާނެ ކަމާމެދު އަލީ ޒާހިރު ސުވާލު އުފެއްދެވިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތްކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓްގެ ގާޒީ މަރިޔަމް ވަހީދަށް ލިބިގެންނުވާކަމަށް ކަނޑައަޅާފައެވެ.
ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން މި ނިންމުން ނިންމީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ސިވިލް ކޯޓުން އަލުން ބަލައި ދައުލަތުގެ މައްޗަށް އަމުރެއް ނެރުމުންނެވެ.
ގާޒީ މަރިޔަމް ވަހީދަށް ޝަރީއަތްކުރުމުގެ ހައިސިއްޔަތެއް ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިނަމަވެސް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ބުނާގޮތުން އެ ބާރަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ވަނީ ފަނޑިޔާރުން މަޤާމުން ވަކިކުރުން އަދި މަޤާމުން ވަކިކުރެވޭނެ ހަލާތްތައް ބަޔާންކޮށްފަ އެވެ. އެގޮތުން 22 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުގައިހުރި މީހަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލްނޫން ކަމަށް ނުވަތަ އެ މަޤާމަށް އެކަށީގެންނުވާފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަދެބައިގެ އަޢުލަބިއްޔަތުން ކަމަށެވެ.