ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގު ބޮޑު ކުރުމުގެ ގޮތުން ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ނިސްބަތްވާ ކޯލިޝަންގައި މިވަގުތު އޮތް ހަމައެކަނި ޕާޓީ އެމްޑީއޭގެ މެންބަރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.
މިހަފްތާގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ހޯމަދުވަހުގެ ޖަލްސާގައި މިބިލުގެ ފުރަތަމަ ކިޔުން އިއްވަން މިހާރު ވަނީ ތާވަލް ކޮށްފައެވެ.
ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވެފައިވަނީ ސަރުކާރުގެ ބޭނުމަކީ ސިއްހަތަށް ގެއްލުން ލިބޭ ބާވަތްތައް ބޭނުންކުރުމުން އާންމުން ދުރުހެލިކުރުން ކަމަށެވެ.
މިދިޔަ އަހަރު ބަޖެޓް ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ އެނާޖީ ޑްރިންކާއި ސިގިރެޓުން ޑިއުޓީ ބޮޑުކުރަން މަޖިލީހުގައި އެދި ވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މިދިޔަ އަހަރުގެ ބަޖެޓްގައިވާ ގޮތުން މި އަހަރުން ފެށިގެން ސިނގިރޭޓަކުން ނަގާ ޓެކްސް 1.75 ރުފިޔާއަށް ބޮޑުވާނެ އެވެ. ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން މިހާރު 47 ރުފިޔާއަށް ލިބޭ ސިނގިރޭޓް ފޮއްޓެއް ދެން ލިބޭނީ 60 ރުފިޔާއަށް ވުރެ ބޮޑުކޮށެވެ.
ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު އެނާޖީ ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.