ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެއާ ބައްދަލުކުރައްވައިފި އެވެ.
އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެމަނިކުފާނު ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެ އާއި ބައްދަލުކުރައްވާފައިވާ ކަން ހާމަކުރައްވާފަ އެވެ. އެހެން ނަމަވެސް މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް ރައީސް ނަޝީދު ހާމަކުރައްވާފައެއް ނުވެ އެވެ.
ޖަލަށް ހުކުމް ކުރައްވާފައިވާ ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ހިމާޔަތުގަ އެވެ.
ރައީސް ނަޝީދު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ހޮނިހިރު ދުވަހު ވަނީ އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާ ވެސް ބައްދަލުކުރައްވާފަ އެވެ.
މީގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާ އެމްޑީޕީގެ ކަންކަން އިސްލާހުކޮށް އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން އެ ޕާޓީގެ މެމްބަރުންނާ ވަނީ މަޝްވަރާކުރައްވާފަ އެވެ.
އެގައުމުގައި ހުންނަވާ އެމަނިކުފާނު ނޫސްވެރިންނާވެސް ބައްދަލުކުރައްވާފައި ވާއިރު ލަންކާގައި ތިއްބަވާ އެކި ގައުމުތަކުގެ އިސްވެރިންނާއި ސަފީރުންނާވެސް ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފަ އެވެ.
ރައީސް ނަޝީދު ލަންކާގައި ހުންނަވާތާ ދެ ހަފްތާވެފައިވާ އިރު އެނބުރި އިނގިރޭސިވިލާތަށް ވަޑާއިގަތުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އެވެ.