އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވޯޓްލާން ފުރުސަތު ލިބިގެންދިޔުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް އެމްޑީޕީގެ ލީޑަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި، ސްރީލަންކާގައި ހުންނަވައިގެން ވޯޓް ދެއްވުމަށް ފަހު ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ ޕާޓީގެ ހުރިހާ މެންބަރުން ވެސް ވަރަށް ޝައުގުވެރިކަމާ އެކު ހިންގަމުން ގެންދާ ހަރަކާތެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ. އަދި މި ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ޗެއާޕާސަން އިންޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ޚާއްސަކޮށް ހަސަން ލަތީފަކީ ގާނޫނީ ޢިލްމު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް، އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެމްޑީޕީއަށް ލިބޭ ރަނގަޅު ފުރުސަތެއް"
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ލިބިގެން މިދަނީ ޗެއާޕާސަނެއް އިންތިޚާބުކޮށް އިދާރީ މަސައްކަތްތައް ހިންގުން އިތުރު ހަރުދަނާ ކުރުމަށް ލިބިގެންދާ އިތުރު ފުރުސަތެއް ކަމަށެވެ.
އެމްޑީޕީގެ ހުރިހާ މަޤާމަކަށް ވެސް އިންތިޚާބުވާ ބޭފުޅުންނަކީ ވަރަށް ޤާބިލު ބޭފުޅުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ޚާއްސަކޮށް ހަސަން ލަތީފަކީ ގާނޫނީ ޢިލްމު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް، ސަރުކާރުގައި ވެސް އިދާރީ ގޮތުން ވެސް ވަރަށް ގިނަދުވަހު އުޅެއްވާފައި ހުންނެވި ބޭފުޅެއް، އެހެންވެ އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެމްޑީޕީއަށް ލިބޭ ރަނގަޅު ފުރުސަތެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ ޗެއާޕާސަންގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމުމުނެވެ. އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ ހަސަން ލަތީފް އެކަންޏެވެ. އިންތިޚާބު ކާމިޔާބުކުރެއްވޭނީ 5،000 މެންބަރުންގެ ތައީދު ލިބުމުންނެވެ.