ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 15:52
މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަންގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލު ކުރައްވަނީ
މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަންގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
ޕީޕީއެމުން އިހުތިޖާޖު ކުރަމުން ދަނިކޮށް، ދެ ކޮމިޝަނަށް ބާރު ދޭ ބިލު ބަލައިގެންފި
ބިލު ބަލައިގަތީ 42 މެމްބަރުންގެ އަގުލަބިއްޔަތުން

ޕީޕީއެމުން އިހްތިޖާޖު ކުރަމުންދަނިކޮށް، ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން އަންގާރަ ދުވަހު މަޖިލީހުގެ ރިޔާސަތުގެ މޭޒު ކުރިމަތީގައި ތިއްބަވައިގެން، އަޑުގަދަކޮށް ހަޅޭލަވަމުން ގެންދަވަނިކޮށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިމްރާހިމް ވަނީ އެ ބިލު ބަލައިގަތުމާ މެދު ވޯޓަށް އައްސަވާފައެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ ސަރުކާރު ކޯލިޝަންގެ 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް ފަސް މެމްބަރަކު ވޯޓު ދެއްވިއެވެ.

ހިޔާނާތާއި މަރުތައް ތަހުގީގު ކުރުމަށް ހާއްސަކޮށްފައިވާ ބިލަކީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި މަރުގެ މައްސަލަތައް ބަލަންޖެހޭ ގޮތަށް ހަދާފައިވާ ބިލެކެވެ. އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަންކަން ބަލަން އުފައްދާފައި ވަނީ "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ކޮމިޝަން" އާއި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އެވެ.

އެ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ސަރުކާރުގެ ފަރާތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހުށަހެޅުއްވި ބިލުގެ ދަށުން ދެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީފައިވެއެވެ. އެގޮތުން ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމާއި އެކައުންޓުތައް ފްރީޒު ކުރުމާއި ޕާސްޕޯޓު ހިފެހެއްޓަން އެންގުމާއި ހާޒިރުކޮށް ސުވާލުކޮށް، ހެބިބަސް ނެގުމާއި މުދަލާއި ފައިސާ ބޭރަށް ގެންދިއުން ހުއްޓުވުމާއި ބޭރުގެ ބޭންކުތަކުން ބޭނުންވާ މައުލޫމާތު ހޯދުން ހިމެނެއެވެ.

އަލިފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ ބިލުން ރައީސް ސޯލިހު އުފައްދަވާފައިވާ ކޮމިޝަންތަކުން ބަލާ މައްސަލަތައް ދައުލަތުގެ އެހެން މުއައްސަސާތަކުން ބެލުން ހުއްޓުވުމުގެ ބާރު ދީފައިވެއެވެ. ހިޔާނާތާއި މަރުތައް ބަލާ ދެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން، އެހެން މުއައްސަސާއަކުން ހޯދާއިވާ މައުލުމާތާއި ހޯދުންތައް އެ ކޮމިޝަންތަކާ ހަވާލު ކުރަން ވަނީ ބާރު އަޅާފައެވެ.

ސަރުކާރާ އިދިކޮޅު ޕާޓީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުން އަމާޒުވި އެ ބިލުގައި ބުނެފައިވާ ގޮތުން ރައީސް އުފެއްދެވި ދެ ކޮމިޝަނުން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތައް ބަލާނީ ޕީޖީގެ ދަށުން ހިނގާ ހާއްސަ ޑިޕާޓްމަންޓަކުން ކަމަށެވެ. އެ ޑިޕާޓްމަންޓް ހިންގަން ވާނީ ޕީޖީގެ ރަސްމީ އޮފީހާ ވަކި އިމާރާތެއްގައި ކަމަށާއި އެ ޑިޕާޓްމަންޓަށް އަންނަ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ. އަދި ދައުވާ ކުރާ އެފަދަ މައްސަލަތަކުގައި ދަށު ކޯޓުން 60 ދުވަހުގެ ތެރޭގައި ގޮތް ނިންމަންޖެހޭ ކަމަށާއި އިސްތިއުނާފު ކުރުމަށް ލިބޭނީ 10 ދުވަސް ކަމަށް ބިލުގައިވެ އެވެ. އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުން އެފަދަ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ޝަރީއަތް ހިންގައި ގޮތް ކަނޑައަޅަންޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

އެ ބިލުގައި ބުނެފައި ވަނީ ހިޔާނާތާއި މަރުތައް ބެލުމަށް އުފެއްދެވި ދެ ކޮމިޝަނުން ކޮންމެ ތިން މަހުން އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓު ފޮނުވަންވާނެ ކަމަށެވެ. އެ އެ ކޮމިޝަން އުވޭނީ އެ ކޮމިޝަނަށް ގާނޫނީ ބާރު ދިން ބިލުގެ މަގުސަދު ހާސިލުވެއްޖެ ކަމަށް ރައީސަށް ފެނިގެން އެކަން ގެޒެޓް ކުރާ ހިސާބުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް