ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 13:27
މަރުތައް ތަހުގީގު ކުރަން އުފެއްދި ކޮމެޝަންގެ ރައީސަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވަނީ
މަރުތައް ތަހުގީގު ކުރަން އުފެއްދި ކޮމެޝަންގެ ރައީސަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވަނީ
ޕްރެޒިޓެންޑް އިލެކްޓް
ރައްޔިތުންގެ މަޖިލިސް
ހައްޔަރު ކުރުމާއި އެކައުންޓް ފްރީޒު ކުރުމުގެ ބާރު ރައީސް އުފެއްދެވި ދެ ކޮމިޝަނަށް
އެ ބާރުތައް ދިނުމަށް މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައި
ބަލައިފާސްކޮށް، ތަކެތި ހިފަހައްޓަން ބާރު ދީފައިވޭ
މުދަލާއި ފައިސާ ބޭރަށް ގެންދިއުން ހުއްޓުވޭނެ

މީހުން ހައްޔަރު ކުރަން އެންގުމާއި އެކައުންޓުތައް ފްރީޒު ކުރުމުގެ ބާރު ރައީސް އުފެއްދެވި ދެ ކޮމިޝަނަށް ލިބޭނެ ކަމަށް އެ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ އެ ބިލު ތަސްދީގުވުމުން، ޖިނާއީ ކުށް ތަހުގީގު ކުރުމުގެ ބާރު ރައީސް ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ލިބޭނެ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ތަހުގީގީ އިދާރާއަކަށް ލިބިގެންވާ ހުރިހާ ބާރުތައް ރައީސް އުފައްދާފައިވާ ކޮމިޝަންތަކަށް ލިބޭނެ ކަމަށެވެ.

ނަމަވެސް އެ ދެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގައި ދައުވާ ކުރާނީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުންނެވެ.

"ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު"ގެ ނަމުގައި ހުށަހަޅާފައިވާ ބިލުގެ ދަށުން ގާނޫނީ ބާރު ލިބެނީ "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ކޮމިޝަން" އާއި "ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"އަށެވެ.

އެ ދެ ތަނުން ބަލާ މައްސަލަތައް ދައުލަތުގެ އެހެން މުއައްސަސާތަކުން ބެލުން ހުއްޓުވުމުގެ ބާރު ވެސް ބިލުގައި ދީފައިވެއެވެ. ހިޔާނާތާއި މަރުތައް ބަލާ ދެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން، އެހެން މުއައްސަސާއަކުން ހޯދާއިވާ މައުލުމާތާއި ހޯދުންތައް އެ ކޮމިޝަންތަކާ ހަވާލު ކުރަން ވަނީ ބާރު އަޅާފައެވެ.

ބިލު ފަރުމާކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި މަރުގެ މައްސަލަތައް ބަލަންޖެހޭ ގޮތަށެވެ.

ކޮމިޝަންތަކަށް ލިބިދޭ ބާރުތައް:

  • ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުން
  • އެކައުންޓް ފްރީޒު ކުރުން
  • ޕާސްޕޯޓު ހިފެހެއްޓަން އެންގުން
  • ހާޒިރުކޮށް ސުވާލުކޮށް، ހެބިބަސް ނެގުން
  • މުދަލާއި ފައިސާ ބޭރަށް ގެންދިއުން ހުއްޓުވުން
  • ބޭރުގެ މާހިރުންނާއި ފޮރެންސިކް އެކްސްޕަރޓީޒް ހޯދުން
  • ބޭންކުތަކުން ބޭނުންވާ މައުލޫމާތު ހޯދުން
  • ބޭނުންވާ މުވައްޒަފުން ތަހުގީގަށް ވީއްލައިދިނުން

ސަރުކާރާ އިދިކޮޅު ޕާޓީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުން އަމާޒުވި އެ ބިލުގައި ބުނެފައިވާ ގޮތުން ރައީސް އުފެއްދެވި ދެ ކޮމިޝަނުން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތައް ބަލާނީ ޕީޖީގެ ދަށުން ހިނގާ ހާއްސަ ޑިޕާޓްމަންޓަކުން ކަމަށެވެ. އެ ޑިޕާޓްމަންޓް ހިންގަން ވާނީ ޕީޖީގެ ރަސްމީ އޮފީހާ ވަކި އިމާރާތެއްގައި ކަމަށާއި އެ ޑިޕާޓްމަންޓަށް އަންނަ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ. އަދި ދައުވާ ކުރާ އެފަދަ މައްސަލަތަކުގައި ދަށު ކޯޓުން 60 ދުވަހުގެ ތެރޭގައި ގޮތް ނިންމަންޖެހޭ ކަމަށާއި އިސްތިއުނާފު ކުރުމަށް ލިބޭނީ 10 ދުވަސް ކަމަށް ބިލުގައިވެ އެވެ. އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުން އެފަދަ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ޝަރީއަތް ހިންގައި ގޮތް ކަނޑައަޅަންޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

އެ ބިލުގައި ބުނެފައި ވަނީ ހިޔާނާތާއި މަރުތައް ބެލުމަށް އުފެއްދެވި ދެ ކޮމިޝަނުން ކޮންމެ ތިން މަހަކު އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓު ފޮނުވަންވާނެ ކަމަށެވެ. އެ އެ ކޮމިޝަން އުވޭނީ އެ ކޮމިޝަނަށް ގާނޫނީ ބާރު ދިން ބިލުގެ މަގުސަދު ހާސިލުވެއްޖެ ކަމަށް ރައީސަށް ފެނިގެން އެކަން ގެޒެޓް ކުރާ ހިސާބުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް