ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 17:19
ފުލުހުންގެ ޖާސޫސީ ޚިދުމަތުގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު)
ފުލުހުންގެ ޖާސޫސީ ޚިދުމަތުގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު)
ރާއްޖެއެމްވީ
އެމްސީ ހަމީދު
އަލުން ޔުނިފޯމް އަޅާނަން، އަމާޒަކީ ފުލުހުންނަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުން: އެމްސީ ހަމީދު
ކޮންމެ ރޭންކެއް ނުވަތަ މަޤާމެއްގައި ހުރި ނަމަވެސް، މަސައްކަތް ކުރާނީ ޖުމްލަ ގޮތެއްގައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް

ސުޕްރީމް ކޯޓުގެ ހުކުމާއި އެކު ފުލުހުންގެ ޚިދުމަތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށާއި، އަމާޒަކީ ރައްޔިތުންގެ މެދުގައި ފުލުހުންނަށް ގެއްލިފައިވާ އިތުބާރު އަލުން ޤާއިމްކޮށްދިނުން ކަމަށް ފުލުހުންގެ ޖާސޫސީ ޚިދުމަތުގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

ހަމީދު މިފަދައިން ވިދާޅުވީ، ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާއި ޚިލާފަށް ކަމަށް ނިންމައި، ހަމީދަށް ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމަށް އާދީއްތަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.

ހަމީދުގެ ޓްވީޓްގައި ވަނީ، ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން އަލުން ޔުނީފޯމް އަޅައި، ފުލުހުންގެ ޚިދުމަތާއި ގުޅޭނެ ކަމަށެވެ. އަދި ކޮންމެ ރޭންކެއް ނުވަތަ މަޤާމެއްގައި ހުރި ނަމަވެސް، ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ މެދުގައި ފުލުހުންނަށް ގެއްލިފައިވާ އިތުބާރު އަލުން ޤާއިމްކޮށްދިނުމަށް ކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.

ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓާ 2012 ވަނަ އަހަރުގެ އޮގަސްޓް މަހު ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރިކަމުގެ ތުހުމަތުގައެވެ. ހަމީދު ލީކުކުރި ކަމަށް ބުނާ މައުލޫމާތުތަކަކީ އެ އަހަރުގެ ފެބްރުއަރީ މަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭ މައުލޫމާތުތަކެކެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށްވެސް ހަމީދުގެ މައްޗަށް ދައުވާއެއް ކޮށްފައެއް ނުވެއެވެ.

ހަމީދު މަގާމުން ވަކިކުރި މައްސަލާގައި އެންމެ ފުރަތަމަ ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ހަމީދަށް އަނބުރާ ވަޒީފާ ދިނުމަށެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.

ހަމީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ހަމީދު ވަޒީފާއިން ވަކިކޮށްފައި ވަނީ ގޯސްކޮށްކަމަށް ދައުލަތުން އެއްބަސްވެފައިވާ ކަމަށް އެ ޝަރީއަތް އަޑުއެހުމުގެ ހުއްދަ ލިބުނު ނޫސްވެރިން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ހަމީދު ވަކިކުރުމުގައި އިޖުރާއަތްތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލާ ހައްވާ ސަނާ ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި ވިދާޅުވެފައިވާ ކަމަށް މީޑީއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއި އެކު ފުލުހުންގެ ޚިދުމަތާއި އަލުން ގުޅޭނެ ކަމަށް ހަމީދު ވިދާޅުވިއިރު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހަމީދު އައްޔަން ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް