ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 21:55
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މަޖިލީހުން ނުކުމެވަޑައިގަންނަވަނީ
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މަޖިލީހުން ނުކުމެވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ކުރީގެ މިނިސްޓަރ ޝަރީފު ހާޒިރު ކުރަން އުޅުނު ކޮމެޓީ ސިއްރުކޮށްފި
ކޮމެޓީ ސިއްރު ކުރަން ނިންމީ ޕީޕީއެމްގެ ވޯޓުން
އެ ކޮމެޓީއަކީ ސަރުކާރު އަގުލަބިއްޔަތު އޮންނަ ކޮމެޓީއެއް
ޝަރީފު ހާޒިރު ކުރާ ދުވަސް ވަނީ ފަސްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތް މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ހާޒިރު ކުރަން އުޅުނު އިމްތިޔާޒު ކޮމެޓީ ސިއްރުކޮށްފިއެވެ.

ކޮމެޓީ ސިއްރު ކުރަން ނިންމީ އިދިކޮޅު ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ވޯޓުންނެވެ. އެގާރަ މެމްބަރުން ހިމެނޭ އެ ކޮމެޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ 7 މެމްބަރުންގެ އަޣުލަބިއްޔަތު އޮންނަ ކޮމެޓީއެކެވެ. ނަމަވެސް ޕީޕީއެމުން ބޭނުންވި ގޮތަށް އެކޮމެޓީ ސިއްރު ކުރަން ނިންމީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ކޮމެޓީއަށް އެމްޑީޕީގެ ބައެއް މެމްބަރުން ހާޒިރުވެވަޑައި ނުގެންނެވުމުން، ޕީޕީއެމަށް އަޣުލަބިއްޔަތު ލިބިގެންނެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ކޮމެޓީއަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާ ސުވާލު ކުރަން އޮތީ ނިންމާފައެވެ. ނަމަވެސް އޭނާ މަޖިލީހަށް ހާޒިރުވެވަޑައިގެންފައި ވަނިކޮށް، ކޮމެޓީން ނިންމާފައި ވަނީ އިދާރީ ބައެއް ކަންކަން ސާފުކުރުމަށްފަހު އޭނާ ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.

މަޖިލީހުން ނުކުމެވަޑައިގެން "ރާއްޖެއެމްވީ"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ މަޖިލީހަށް ދެން ހާޒިރުވާންޖެހޭ ދުވަހެއް އަދި އަންގާފައި ނުވާ ކަމަށެވެ.

"އިދާރީ ބައެއް ކަންކަން ސާފު ކުރުމަށްޓަކާ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ. އެހާ ބޮޑަކަށް ތަފްސީލެއް ނޭނގޭ،" އާދަމް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ކޮމެޓީއަށް ހާޒިރު ކުރަން ނިންމީ މިދިޔަ އަހަރުގެ ޖުލައި 24 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލަ ތަހުގީގު ކުރަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. ޝަރީފުގެ އިތުރުން އެ މައްސަލާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ މަސީހާއި ކުރީގެ އަމީންއާންމު އަހުމަދު މުހައްމަދު ވެސް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް