ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 15:19
މުހައްމަދު ހަމީދު
މުހައްމަދު ހަމީދު
ރާއްޖެއެމްވީ
ސުޕްރީމް ކޯޓު
އެމްސީ ހަމީދަށް އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
ވަކިކުރީ އިޖުރާއަތާ ހިލާފަށް ކަމަށް ދައުލަތުން އެއްބަސްވި

ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، މުހައްމަދު ހަމީދު (އެމްސީ ހަމީދު)އަށް ވަޒީފާ އަނބުރާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އާދީއްތަ ދުވަހު ކުރެއްވި ހުކުމްގައި ބުނެފައި ވަނީ ހަމީދު ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އޭނާއަށް އަލުން ދިނުމަށެވެ.

ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓާ 2012 ވަނަ އަހަރުގެ އޮގަސްޓް މަހު ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމަށް ތުހުމަތުކޮށެވެ. ހަމީދު ލީކުކުރި ކަމަށް ބުނާ މައުލޫމާތުތަކަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭ މައުލޫމާތުތަކެކެވެ. އެކަމަކު އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.

އޭނާ މަގާމުން ވަކިކުރި މައްސަލާގައި އެންމެ ފުރަތަމަ ސިވިލް ކޯޓުން ހުކުމް ކުރީ އަނބުރާ ވަޒީފާ ދިނުމަށެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.

ރާއްޖެޓީވީ ނުވައްދައި ކުރިއަށް ގެންދިޔަ ޝަރީއަތަށްފަހު، އާދީއްތަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުން މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އެމްސީ ހަމީދު ވަޒީފާއިން ވަކިކޮށްފައި ވަނީ ގޯސްކޮށްކަމަށް ދައުލަތުން ޝަރީއަތުގައި އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ހަމީދު ވަކިކުރުމުގައި އިޖުރާއަތްތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ހައްވާ ސަނާ ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި ވިދާޅުވެފައިވާ ކަމަށް މީޑީއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ހަމީދަށް ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އޭނާއަށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް