ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 16:00
ގުޅިފައިވާ ހަތަރު ޕާޓީގެ ޅީޑަރުން، ރައީސް ސޯލިހު އަދި ނައިބު ރައީސް ފައިސަލް އާއި އެކު
ގުޅިފައިވާ ހަތަރު ޕާޓީގެ ޅީޑަރުން، ރައީސް ސޯލިހު އަދި ނައިބު ރައީސް ފައިސަލް އާއި އެކު
ގޫގުލް
މަޖިލިސް އިންތިޚާބު 2019
އެމްޑީޕީއިން 87 ދާއިރާއަށް ވާދަކުރަން ނިއްމުމާ މެދު ގުޅިފައިވާ ޕާޓީތަކުން އެއްޗެއް ނުބުނި
ޖުމްހޫރީ ޕާޓީ ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ ރައީސް އާއި މަޝްވަރާ ކުރުމަށް ފަހު
އަދާލަތު ޕާޓީން ވަނީ މަޖިލީސް އިންތިޚާބުގައި 13 ދާއިރާއަކަށް ވާދަ ކުރައްވާނެކަމަށް އިއުލާން ކޮށްފަ
ކޯލިޝަންގެ ހިއްސާ އޮތްގޮތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވާދަކުރަން ލިބޭނީ 35 ދާއިރާ

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން އެމްޑީޕީ އިން ނިންމުމާއި މެދު ގުޅިފައިވާ އިއްތިހާދު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކު އެއްވެސް ބަހެއް ބުނެފައެން ނުވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން ނިންމި ނިންމުމާއި ގުޅިގެން އެކަމާއި ދެކޮޅައްވެސް އަދި އެއްކޮޅަށްވެސް ގުޅިފައިވާ ޕާރޓީތަކުން ރަސްމީ ގޮތެއްގައި އެއްޗެއް ބުނެފައި ނުވާއިރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް ފަހު ކަމަށާއި ޖޭޕީ އަބަދުވެސް އޮންނާނީ ރައީސް ސޯލިހާއި އެކު ކަމަށެވެ.

މިކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ، އެމްޑީޕީގެ އެ ނިންމުމަކީ އެޕާޓީގެ ގައުމީ މަޖިލީހުގެ އެތެރޭގެ ނިންމުމެއް ކަމަށާއި އެހެން ކަމުން އެކަމާއި މެދު އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުޤައްރިރު އަލީ ނަޒީރު ވިދާޅުވީ، އެމްޑީޕީގެ ނިންމުމާއި މެދު އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އެއްބަސް ވެފައިވާ ކަންތައްތަކެއްގެ މައްޗަށް އެކުލެޥޭ އެއްބަސްވުމެއްގައި ޕާޓީތަކުގެ ލީޑަރުންގެ ފަރާތުން މަންދޫބުން ސޮއި ކޮށްފައިވާނެ ކަމަށެވެ. އަދި އެ އެއްބަސްވުމަށް ރައީސް ސޯލިހް އިހްތިރާމް ކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޒީރު ވިދާޅުވިއިރު އާދިއްތަ ދުވަހު އެޕާޓީން ވަނީ މަޖިލީސް އިންތިޚާބުގައި 13 ދާއިރާއަކަށް ވާދަ ކުރާނެކަން އިއުލާން ކޮށްފައެވެ.

ކޯލިޝަންގެ ސަރުކާރު ދެމެހެއްޓުމުގައި ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ތިއްބަވާނެކަމަށް އެމްއާރުއެމްގެ ސެކެޓްރީޖެނެރަލް އަބްދުލް އަލީމް ވިދާޅުވެފައިވެއެވެ. އަދި މަޖިލީހުގެ އިންތިޚާބުގައި 17 ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު އެ މޫވްމަންޓަށް ލިބިފައިވާ ކަމަށާއި އެހެން ކަމުން އެ ދާއިރާތަކަށް ވާދަ ކުރައްވާނެ ކަމަށް އަލީމް ވިދާޅުވިއެވެ. އަދި އިތުރު ދާއިރާތަކަށް ވާދަކުރުމަށް ފުރުސަތު ލިބިއްޖެނަމަ އެ ދާއިރާތަކަށް ވާދަ ކުރައްވާނެ ކަމަށްވެސް އަލީމް ވިދާޅުވިއެވެ.

ކޯލިޝަން ބެހޭ ގޮތާއި ގުޅޭގޮތުން ވެފައިވާ އެއްބސްވުމެއް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާއިރު، އެމްޑީޕީން ސޮއިކޮށްފައިވާ ލިޔުމުގައިވާ ގޮތުން، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާއަކީ 40 އިންސައްތައެވެ. ޖުމްހޫރީ ޕާޓީއަށް ކޯލިޝަންގެ 25 އިންސައްތަ އަދި އަދާލަތު ޕާޓީއަށް 15 އިންސައްތަ ދިނުމަށް މި އެއްބަސްވުމުގައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓް ކަމަށް އެއްބަސްވުމުގައި ވެއެވެ.

އަދި އެ އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި އެމްއާތްއެމްއަށް ލިބޭނީ 17 ދާއިރާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް