ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 07:01
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދާއި ގައުމީ މަޖިލީހުގެ އެހެން މެމްބަރުން
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދާއި ގައުމީ މަޖިލީހުގެ އެހެން މެމްބަރުން
ރާއްޖެއެމްވީ
މަޖިލިސް އިންތިޚާބު 2019
87 ދާއިރާއަށް ކުރިމަތިލައިގެން އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ނުލިބޭނެ: ނަޝީދު
ހޯދޭނެ ގޮނޑިތަކެއް ދޫކޮށްލުމުގެ މާނައެއް ނެތް: ނަޝީދު
ގޮނޑިތަކާ ގުޅޭ މަޝްވަރާ ރައީސަށް އެރުވި ކަމަށް ވިދާޅުވި
ހުރިހާ ދާއިރާއަށް ނުކުމެ، އެމްޑީޕީއަށް 2014ގައި ލިބުނީ 26 ގޮނޑި

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް އެމްޑީޕީން ކުރިމަތިލައިގެން އެންމެ ގިނަ ގޮނޑި އެ ޕާޓީއަށް ނުލިބޭނެ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހަމައެކަނި އަމާޒަކީ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ހޯދުން ނޫން ކަމަށާއި އެ ޕާޓީގެ އަމާޒަކީ ރައީސް ސޯލިހުގެ ސަރުކާރު ދެމެހެއްޓުން ކަަމަށެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ އިސް ވާޖިބަކީ ވެސް އެއީ ކަމަށާއި އެކަން ކުރުމަށްޓަކައި ގައުމީ މަޖިލީހުގެ އެންމެން އެކަމުގައި މަސްއޫލުވާންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް، އެމްޑީޕީން އެކަނި ނުކުމެ އަޣުލަބިއްޔަތު ހޯދޭނެ ގޮނޑިތަކެއް އެހެން ޕާޓީތަކަށް ދޫކުރުމުގެ މާނައެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިހާތަނަށް ކުރެވުނު މަޝްވަރާތަކުން ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް އެމްޑީޕީން ހުށަހެޅި ކަންތައްތަކަށް އެއްބަސްވެވިފައި ނުވާތީ، އެމަނިކުފާނަށް ވެސް ރަނގަޅީ 87 ދާއިރާއަށް އެމްޑީޕީން ވާދަކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް ފެނުނީ އެމްޑީޕީން 61 ގޮނޑިއަށް ކުރިމަތިލެވޭނެ ގޮތެއް ހޯދުމަށް. މި ދެންނެވި 61 ގޮނޑީގެ ތެރެއިން މާލޭގެ 10 ގޮނޑިއާއި އައްޑޫގެ ހަތް ގޮނޑިއާ، ނުވަތަ އެހެން ގޮތަކުން ދަންނަވަންޏާ 56 ޕަސެންޓަށް ވުރެ ދަށުން ލިބޭ ގޮނޑިތަކުގެ ތެރޭގައި މި ވަނީ 14 ވަރަކަށް ގޮނޑި. އަޅުގަނޑުމެން އެހެން ޕާޓީތަކުގެ ކިބައިން ދޫކޮށްލުމަށް މި އެދެނީ އަޅުގަނޑުމެން އެކަނި ނުކުމެ އަގުބަލިއްޔަތު ނުހޯދޭ ގޮނޑިތައް. އަޅުގަނޑުމެން އެކަނި ނުކުމެ އަޣުލަބިއްޔަތު ހޯދޭ ގޮނޑިތަކުގައި އެހެން ޕާޓީތަކަށް ދޫކުރުމުގެ މާނައެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ވެސް ފެންނަނީ 87 ގޮނޑިއަށް ތާއިދު ކުރަން. އަޅުގަނޑެއް ނުދެކެން އަޅުގަނޑުމެންނަށް އެންމެ ގިނަ ގޮނޑި ލިބޭނީ 87 ގޮނޑިއަށް ވާދަ ކުރީމާ ކަމަކަށް. އެހެން ނަމަވެސް މި ޕާޓީގެ އެންމެ ބޮޑު މަސްލަހަތު އޮތީ 87 ގޮނޑިއަށް ވާދަ ކުރަން ކަމަށް މި މަޖިލީހުން އަޅުގަނޑަށް ފެންނާތީ އަޅުގަނޑު ވެސް ތާއިދު ކުރަނީ 87 ގޮނޑިއަށް ތާއިދު ކުރަން."

ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަނުން މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ދިޔައިރު، ކޮންމެ ދުވަހަކު ދެ ފަހަރު ރައީސް ސޯލިހަށް އެކަން ހިނގަމުންދާ ގޮތް ދެންނެވި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލައިގެން 2014 ވަނަ އަހަރު އެމްޑީޕީއަށް ލިބުނީ މަޖިލީހުގެ 26 ގޮނޑިއެވެ. އެފަހަރު އެމްޑީޕީއާ ދެކޮޅަށް ކޯލިޝަން ހަދައިގެން ނުކުތް ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ ކޯލިޝަނުން މަޖިލީހުގެ 53 ގޮނޑި ކާމިޔާބު ކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް