ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 19:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްަމަދު ސޯލިހު ގިރިފުށީގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްަމަދު ސޯލިހު ގިރިފުށީގައި
ޕްރެޒިޓެންޑް އިލެކްޓް
ކެޑޭޓް ކޭމްޕް
ގައުމީ ކެޑޭޓް ކޭމްޕާއި ބެހޭ ބްރީފިންގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފި
ކެޑޭޓް ކޭމްޕް ކުރިއަށް ދާނީ 27 ނޮވެމްބަރު އިން އަށެއް ޑިސެމްބަރުގެ ނިޔަލަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގިރިފުށީގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، ގިރިފުށީގައި ކުރިއަށްދާ 20 ވަނަ ކެޑޭޓް ކޭމްޕާއި ބެހޭ ބްރީފިންގގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގިރިފުށްޓަށް ފައިބައި ވަޑައިގެންނެވުމާ އެކު، އެމަނިކުފާނުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ ފަރާތުން ގާރޑް އޮފް އޮނަރ އެއް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކެޑޭޓް ކޭމްޕްގެ ބައިވެރިންގެ ޙަރަކާތްތަށް ބައްލަވައިލައްވާފައެވެ.

މި ކެޑޭޓް ކޭމްޕް ކުރިއަށް ދަނީ 27 ނޮވެމްބަރު އިން 8 ޑިސެމްބަރުގެ ނިޔަލަށެވެ. ގައުމީ ކެޑޭޓް ކޭމްޕްގައި 27 ސްކޫލަކުން 120 ދަރިވަރުން ބައިވެރިވާ އިރު، މީގެ ތެރޭގައި ހިމެނެނީ މާލޭގެ 13 ސްކޫލަކުންނާއި އަތޮޅުތެރެއިން 14 ސްކޫލެކުން ބައިވެރިވި ކެޑޭޓުންނެވެ.

މި ކެޑޭޓް ކޭމްޕްގައި ބައިވެރިވެފައި ވަނީ 13 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންނެވެ. ރާއްޖޭގެ ކެޑޭޓުންގެ އިތުރުން ރާއްޖެ އިން ބޭރުގެ ކުދިން ވެސް މި ކެޑޭޓް ކޭމްޕްގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ އިން ބޭރުގެ 16 ކެޑޭޓުންނާއި ފަސް އޮފިސަރުންނެވެ.

ބޭރުގެ ގައުމުތަކުގެ ތެރެއިން މި ކެޑޭޓް ކޭމްޕްގައި ބައިވެރިވެފައި ވަނީ އިންޑިއާގެ ހަތަރު ކެޑޭޓުންނާއި އޮފިސަރަކާއި، ސްރީލަންކާގެ ހަތަރު ކެޑޭޓުންނާއި ދެ އޮފިސަރުންނާއި، އަދި ބަންގްލަދޭޝްގެ ހަތަރު ކެޑޭޓުންނާއި އޮފިސަރެއްގެ އިތުރުން ނޭޕާލްގެ ހަތަރު ކެޑޭޓުންނާއި އޮފިސަރެކެވެ.

ކެޑޭޓް ކޭމްޕްގައި 31 މުދައްރިބުން ކިޔަވައިދޭ އިރު، މީގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ 23 މުދައްރިބުންނާއި، މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯގެ 8 މުދައްރިބުންނެވެ.

މި ކެޑޭޓް ކޭމްޕްގެ މަގްސަދަކީ މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖްތަމައަށް ފާއިދާހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމެވެ.

މީގެ އިތުރުން ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަހުލާގާއި ރިވެތި ސުލޫކެއްގެ ވެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ގައުމީ ރޫހު އާލާކޮށް ދިރުވުން ވެސް މި ކޭމްޕްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ގައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓޫންނަށް ތައާރަފް ކޮށްދިނުން ވެސް މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. 

މި ކެޑޭޓް ކޭމްޕްގެ ކަރިކިއުލަމްގައި 11 މާއްދާ ކެޑޭޓުންނަށް ކިޔަވައިދޭއިރު، ތިން ދާއިރާއަކުން ގެސްޓް ލެކްޗަރަރ އިން ވެސް ބައިވެރިވާއިރު، އިލެކްޓްރޯނިކް މޮޑިއުލްސްގެ ހަތަރު މޮޑިއުލް ކިޔަވައިދެއެވެ. މީގެ އިތުރުން ވާދަވެރި ތިން މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޭމްޕް ނިމުމުން އެކި ވަނަތަކަށް ހޮވޭ ކެޑޭޓުންނަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ މޮޅު ފިރިހެން ދަރިވަރު ހޮވުމާއި، އެންމެ މޮޅު އަންހެން ދަރިވަރު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އުނގަންނައި ދެވުނު އެކެޑެމިކް މާއްދާތަކުން އެންމެ މޮޅު ދަރިވަރު ހޮވުމާއި، ކޭމްޕްގެ އެންމެ މޮޅު 10 ދަރިވަރުން ހޮވުމާއި، އެންމެ މޮޅު ޕްލެޓޫން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޭމްޕްގެ އެންމެހާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ އެމްއެންޑީއެފްގެ ފަރާތުންނެވެ. މީގެ އިތުރުން ސްކޫލްތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސާ ފަރާތަކީ މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯއެވެ. މީގެ އިތުރުން ކޭމްޕްގެ މުއްދަތުގައި އެމްއެންސީސީ ގެ ފަރާތުން އެކަމަށް ކަނޑައެޅޭ މުދައްރިބުން ގިރިފުށީގައި ހަރަކާތްތެރި ވަމުންދާނެކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް