ކ. މާލެ
|
29 ނޮވެންބަރ 2018 | ބުރާސްފަތި 15:40
ތިމާވެށި މައްތިނި ވޯކްޝޮޕްގެ ތެރެއިން
ތިމާވެށި މައްތިނި ވޯކްޝޮޕްގެ ތެރެއިން
ރާއްޖެ އެމްވީ
ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަސް
ކައުންސިލަރުން ތިމާވެއްޓަށް އަހުލުވެރިކުރުމުގެ މަސައްކަތް ފަށައިފި
މިއީ ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއް ފުރިހަމަ ކުރުމަށް ހިންގޭ ހަރަކާތެއް

ތިމާވެއްޓަށް ކައުންސިލަރުން އަހުލުވެރި ކުރުވުމުގެ ގޮތުން އެންވާރަމަންޓް މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ބާއްވާ "ތިމާވެށީ މައްތިނި" ވޯކްޝޮޕް ފަށައިފިއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން ރަށް ރަށުގެ ކައުންސިލަރުން އަހުލުވެރި ކުރުން ކަމުގައި އެންވާރަމަންޓް މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.

ވޯކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު، ޑރ. ހުސައިން ރަޝީދް ހަސަން ވިދާޅުވީ މި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ ކަމަށެވެ. ކައުންސިލްތަކަށް ކުނީގެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ އެކަން ކުރާނެ ވަސީލަތްތަކެއް ނެތުމުން ކަމަށް ގަބޫލުކުރާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ވިޔަސް ކުނި ނައްތާލަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކުނި މެނޭޖް ކުރުމަށް ރިސޯސްތައް ދިނަސް، ތަކެތި ދިނަސް، އެތަކެތި ބޭނުން ނުކޮށް ދަބަރުޖަހާފަ އެބަހުރި. އެތަން ފެނިއްޖެ އަޅުގަނޑަށް. ތިމަންނަ މެންނަށް މިވެނި އެއްޗެއް ނުލިބޭތި ކުނިގޮނޑުގައި އެއްވެސް ހިދިމަތެއް ނުދޭ ތަންތަން ހުރިކަން ހިތާމަޔާއި އެކު އަޅުގަނޑު ފާހަގަކުރަން. ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ރަށްރަކުގެ ކުނި މަނޭޖު ކުރެވޭތޯ މަސައްކަތް ކޮށްދެއްވަން ޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.

ރަށްރަށުން ރިސޯޓުތަކަށް ބޭނުންވާ ގަސް ނަގާ މައްސަލައަށް އަލި އަޅުއްވާލާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރިސޯޓުތަކަށް ރުއްގަސް ބޭނުންވާކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މި ގަސްތައް ވާން ޖެހޭނީ ޖަންގަލީގައި ހެދިފައި ހުރި ގަހަކަށް ނޫން ކަމަށާއި، އެ ގަސްތައް ވާންޖެހެނީ ރިސޯޓުތަކަށް ވިއްކުމުގެ ބޭނުމުގަ އެކަމަށް ހާއްސަ ކޮށްގެން އިންދައިގެން ހެއްދޭ ގަސްތަކެއް ކަމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ.ހުސައިން ވަނީ މި ވޯކްޝޮޕްގެ ބައިވެރިންނަށް ތިމާވެށީ ރައްކާކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ބާރު އަޅުއްވާފައެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި ކޮންމެ މީހަކުވެސް އެ މީހަކު އުފައްދާ ކުނީގެ ޒިންމާ ނަގަން ޖެހޭ ކަމަށް ވެސް އެބޭފުޅާ ވަނީ ވިދާލުވެފައެވެ. މިކަން މިހެން ނުކުރެވިއްޖެ ހާލަތެއްގައި ދިވެހިރާއްޖެ ޖަޒީރާ ވަންތަ ގައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލް ނުކުރެވޭނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޖުމްލަ 60 ކައުންސިލަރުން ބައިވެރިވާ މި ވޯކްޝޮޕްއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ހުރިހާ އިންތިޚާބީ އަދި އައްޔަންކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ ޕްރޮގްރާމްތައް ފެށި، ދާއިމީ ގޮތެއްގައި ހިންގުމުގެ ވައުދު ފުރިހަމަ ކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް