ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 20:36
ޖަޕާނުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޖަޕާނުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރާއްޖެ - ޖަޕާން
ޖަޕާނަކީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމުގައި ނުހަނު އެހީވާ ޤައުމެއް: ރައީސުލްޖުމްހޫރިއްޔާގެ ނާއިބު
ރާއްޖެއާއި ޖަޕާނު ގުޅިގެން އިތުރު ކަންކަން ކުރިއަށްގެންދިއުމަށް އުއްމީދުކުރައްވާކަމަށް ނާއިބް ރައީސް ވިދާޅުވި

ޖަޕާނަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ގިނަ އެހީތަކެއްވާ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިހެން ވިދާޅުވީ، ޖަޕާނުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮޓެލް ޖެންގައި ބުދަ ދުވަހުގެ ރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ޖަޕާނުގެ އެމްޕެރަރ އަށާއި، ޝާހީ އާއިލާއަށާއި އަދި ޖަޕާނުގެ އެންމެހާ ރައްޔިތުންނަށް ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އާއި ޖަޕާނާއި ދެމެދުގައި ޒަމާނުއްސުރެ އޮންނަ ރަޙްމަތްތެރި ގާތް ގުޅުމާއި، އިތުބާރާއި އެއްޤައުމު އަނެއް ޤައުމު ދަންނަ މިންވަރު ހާމަކުރެއްވިއެވެ. އަދި ރާއްޖެ އަށް ޖަޕާނު ސަރުކާރުން ކޮށްދެއްވާފައި ހުރި ބައެއް ކަންތައްތައް ފާހަގަކުރައްވައި އެކަންތައްތަކުގެ މައްޗަށް ނާއިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައި ލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ކުރިމަގުގައި ރާއްޖެ އާއި ޖަޕާނު ގުޅިގެން އިތުރު ކަންކަން ކުރިއަށް ގެންދިއުމާއި އެކު ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް