ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 16:51
ޕީޖީ ބިޝާމަށް މަޤާމުގެ ފަތްކޮޅު ކުރީގެ ރައީސް ޔާމީން އަބްދުﷲ އަރުވަނީ
ޕީޖީ ބިޝާމަށް މަޤާމުގެ ފަތްކޮޅު ކުރީގެ ރައީސް ޔާމީން އަބްދުﷲ އަރުވަނީ
މުހައްމަދު ފަޒީން
ޕީޖީ ބިޝާމް
ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް ހުށަހަޅައިފި
ޕީޖީގެ މަގާމަށް އައްޔަންކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު

ޕްރޮސިކިއުޓަރ ޖެނަރަލް އާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އަނެއްކާވެސް ހުށަހަޅައިފިއެވެ. 

ޕީޖީ ބިޝާމްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިފަހަރު ވެސް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ. 

މެމްބަރު އަބުޅޯ ވިދާޅުވީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ މަޖިލީހަށް ލާފައިވަނީ ފާހަގަ ކުރަންޖެހޭ ކަންކަން ފާހަގަ ކުރުމަށްފަހު ކަމަށެވެ. މިއީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޭނާ ހުށައެޅުއްވި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް އެ މައްސަލަ ހުށައެޅުއްވުމަށްފަހު ގެންދެވީ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ވިދާޅުވެއެވެ.

ކުރީގެ މައްސަލައާއި ޚިލާފަށް މިފަހަރު ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އަބުޅޯ ހުށަހަޅުއްވާފައި ވަނީ ފަސް ސަބަބެއް ބަޔާންކޮށްފައި ނަމަވެސް ފަހުން މައްސަލަ ހުށައެޅީ އިތުރު ތިން ސަބަބަކާއެކުއެވެ. 

އޭގެ ތެރޭގައި ހިމެނެނީ:

  • . ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެދިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު މެންބަރުންނަށް ތުހުމަތުކުރެވޭ ކަންކަން ބުނެދީފައި ނުވުމާއި ފުލުހުންގެ އިދާރާއިން އެދޭ ކޮންމެ ކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން ޕީޖީ ބިޝާމު އަމަލުކުރައްވާފައިވާ ކަން،
  • . މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ޕީޖީގެ އެދިވަޑައިގަތުމަކާ ނުލައި ބަންދުކޮށްފައި ބެހެއްޓިއިރު އެމައްސަލަ ބައްލަވާ އިޖުރައާތުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންގުމުގެ ގޮތުން ގާނޫނީ މަގުން ޕީޖީ ބިޝާމު އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަން،
  • .ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބަންދުގެ މުއްދަތު އިތުރުކުރިއިރު އެކަން ހުއްޓުވާ އެކަމުން މަނާވެގެންފައި ނުވުން،
  • ޖިނާއީ އިޖުރައާތުގެ ގާނޫނާއި ޚިލާފަށް މަޖިލީހުގެ ބައެއް މެމްބަރުންގެ މބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެކަން ހުއްޓުވާފައި ނުވުމާއި އެކަމުން މަނާވެގެންފައިވުން،
  • ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރައާތުތައް ފުރިހަމަ ނުވެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ޝަރީއަތް ކުރަމުންދިޔައިރު އެކަން ހުއްޓުވާފައި ނުވުމާއި ގާނޫނާ އެއްގޮތަށް އެކަން ކުުރުމަށް ބާރުއަޅާފައި ނުވާ މައްސަލައިގައި،
  • . ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން އެތަށް އާންމު ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަނެވޭނެގޮތަށް ބަންދުކުރެވިފައިވާއިރު، އެކަމުގައި ޕީޖީ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވުން،
  • . ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފުލުސް އޮފީހަށް ހާޒިރުވާން ޝަރުތުކޮށް އޭނާގެ އަނބިމީހާ ފުލުސްތެރޭގައި ރަހީނުކުރެވުނު މައްސަލާގައި ޕީޖީގެ އެއްވެސް ބަހެއް ވިދާޅު ނުވުމާއި އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުން،
  • . ސިޔާސީ އެކި ސަބަބުތަކައްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި ބަންދުގައި ބޭތިއްބުނު ފަރާޓްތަކަށް ބަންދުގައި ތިބޭއިރު ލިބެންޖެހޭ އިނާޔަތްތައް ނުލިބުމާއި، ބަންދުކޮށްފައި ތިބޭ ތަނުގެ ހާޅަތާއިމެދު ހުށައެޅުނު ޝަކުވާތައް ބައްލަވައި ފިޔަވަޅު އަޅާފައި ނުވުން.

ބިޝާމް ޕީޖީގެ މަގާމަށް އައްޔަންކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް