ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 16:26
ލޯކަލް މާރުކޭޓް ސަރަހައްދު ކައިރީގައި އޮތް ދޯންޏަކުން މުދާ ބަލަނީ
ލޯކަލް މާރުކޭޓް ސަރަހައްދު ކައިރީގައި އޮތް ދޯންޏަކުން މުދާ ބަލަނީ
މުހައްމަދު ޝަރުހާން
މުދާ އުފުލާ ގަޑިތައް
މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި
މި އުސޫލަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެ

މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓު އޮތޯރިޓީން ބަދަލު ގެނެސްފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުދަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލޭ ވިޔަފާރި ބަނދަރުން ނެރެގެން ގެންދެވޭ ޕެރިޝަބަލް ލޫސް ކާގޯ ކޮންމެ ގަޑިއެއްގައި ވެސް މާލެ ތެރޭގައި ގެންދެވޭނެ ކަމަށާއި ވިޔަފާރި ބަނދަރުން ގުދަން ކުރުމަށް ގެންދެވޭ އެންމެހާ މުދާ ކޮންމެ ދުވަހަކު ހަވީރު 03:00 އަކުން ފެށިގެން ހެނދުނު 06:00 އަކާ ދެމެދު މުދާ ނެރެގެން ގެންދެވޭނެ ކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ ވަރަށް ގިނަ އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކާއި ގުޅިގެން ކަމަށާއި އެ އުސޫލަށް އަމަލުކުރަން ހަމަޖެހިފައިވަނީ ބުދަ ދުވަހުން ފެށިގެން ގޮސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.   

ރައީސް ޔާމީންގެ ސަރުކާރުން ވަނީ މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅެން ދަތިވާ ކަމަށް ބުނެ ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް، މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސް މި އަހަރުގެ އޭޕްރިލް މަހު އެ ބަދަލަށް އަމަލު ކުރަން ފަށާފައެވެ.

އޭރު ރައީސް ޔާމީންގެ ސަރުކާރުން ގެބަނައި ބަދަލާ ގުޅިގެން މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫންވެސް ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލާފައިވަނީ އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށެވެ.

މި ބަދަލާ ގުޅިގެން ވަރަށް ގިނަ އާންމުންނާއި ވަރަށް ގިނަ ވިޔަފާރިވެރިން ވަނީ އެކަމުގެ ޝަކުވާކޮށް، ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހެންނަމަވެސް މިހާރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން އާންމުންނަށާއި ވިޔަފާރިވެރިންނަށް ފަސޭހަ ވެގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް