ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 13:17
ފަޔަރ އެކްސަސައިޒް ޖައްރާފާ 2018 ގައި އަލަށް ތައާރަފް ކުރާ ސައިކަލް
ފަޔަރ އެކްސަސައިޒް ޖައްރާފާ 2018 ގައި އަލަށް ތައާރަފް ކުރާ ސައިކަލް
މުހައްމަދު ޝަރުހާން
އެމްއެންޑީއެފް
އެކްސަސައިޒް ޖައްރާފާ 2018ގައި އަލަށް ތައާރަފްކުރާ އަލިފާން ނިއްވާ ސައިކަލް ބޭނުންކުރާނެ: އެމްއެންޑީއެފް
އެކްސަސައިޒް ޖައްރާފާ 2018 އެމްއެންޑީއެފްގެ ޔުނިޓްތަކުން ބައިވެރިވާނެ
މި އެކްސަސައިޒަކީ ސިފައިންގެ ޤާނޫނާއި ޤަވާޢިދު ތަކުން ރެސްކިޔު ސާރވިސްއަށް މަތިކޮށްފައިވާ ޒިންމާއެއް

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަޔަރ އެކްސަސައިޒް ޖައްރާފާ 2018ގައި އަލަށް ތަޢާރަފު ކުރާ އަލިފާން ނިއްވާ ސައިކަލް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސަސައިޒް ޖައްރާފާ 2018 މިއެކްސަސައިޒްގެ މަޤްޞަދަކީ އަލިފާން ނިއްވާ މީހުންނަށް ދެވިފައިވާ ޢިލްމާ، ހުނަރު އަދި ލިބިފައިވާ ވަޞީލަތްތައް ޢަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމާއި ދިމާވާ މައްސަލަތައް ހުނަރުވެރި ކަމާއެކު ހައްލުކުރާނެ ގޮތްތައް ފަރިތަކުރުން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.  

މި އެކްސަސައިޒްގެ މައުލޫމާތު ދިނުމަށް އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަޔަރ އެންޑް ރެސްކިއު ސާރވިސަސްގެ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ ހަނި އުނދަގޫ ތަންތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ  މަސައްކަތްކުރާނެ ގޮތްތައް މި އެކްސަސައިޒުން ދަސްވެގެން ދާނެކަމަށާއި ކެމިކަލް އިންސިޑެންޓު ތަކުގައި މަސައްކަތްކުރާނެ ގޮތްތައްވެސް ފަރިތަ ކުރެވޭނެކަމަށެވެ.

 އަދި މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މީހުންނަށް ލިބޭ ގެއްލުމުގައި ހަރަކާތްތެރިވާނެ ގޮތްތަކާއި، އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކާއި، އިމާރާތްތަކުގައި ރޭގަނޑު ހިނގާ އަލިފާނުގެ ހާދިސާތަކާއި، އަދި ރެސްކިއު ހާދިސާތަކުގައި މަސައްކަތްކުރާނެ ގޮތްތައް ފަރިތަ ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޒުހުރީ ވިދާޅުވިއެވެ

" ހަގީގަތުގައި އަޅުގަނޑުމެން ކޮންމެ ހާދިސާއެއް ހިގައިގެންވެސް އަޅުގަނޑުމެންނާއި އެއްކޮށް މަސައްކަތް ކުރާ ފަރާތްތަކަށް މި އެކްސަސައިޒްގައި ޚާއްސަ ސަމާލްކަމެއް ދީފައި މިއޮތީ އިނގޭތޯ. އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއްޔާ ނުވަތަ ގުދުރަތީ ބޮޑު ކާރިސާއެއްގައި ފަޔަރ އެންޑް ރެސްކިއުގައި ހަރަކާތްތެރިވާ ސިފައިން ނޫނަސް އެމްއެންޑީއެފްގެ ވަރަށް ގިނަ ޔުނިޓްތަކުގެ ސިފައިން އަޅުގަނޑު މެންނާއެކު ބައިވެރިވާނެ" ޒުހުރީ ވިދާޅުވިއެވެ.

މީގެ އިތުރުން ފަޔަރ އެކްސަސައިޒް ޖައްރާފާ 2018 ގެ ޕްލޭނިން ކޮމެޓީގެ މެންބަރު ވޮރެންޓް އޮފިސަރ ގްރޭޑް ދޭއް އާޒިމް ރަޝީދު ވިދާޅުވީ މި އެކްސަސައިޒަކީ ސިފައިންގެ ޤާނޫނާއި ޤަވާޢިދު ތަކުން ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް މަތިކޮށްފައިވާ ޒިންމާއާއި މަސްޢޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ ގޮތްތައް ފަރިތަ ކުރުމަށް ބޭއްވޭ އެކްސަސައިޒެއް ކަމަށެވެ.  

އެކްސަސައިޒް ޖައްރާފާ 2018 ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ޔުނިޓްތަކުގެ އިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން މޯލްޑިވްސް ރެޑްކްރެސެންޓްގެ އެހީތެރިކަމާއިއެކުގައެވެ.

މިމަހުގެ 29 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒްގައި މާލެ، ހުޅުމާލެ، ވިލިނގިލި، އަދި ތިލަފުށީގެ އިތުރުން މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ހިނގާ ރެސްކިއު ހާދިސާތަކުގައި އެމްއެންޑީއެފް ޔުނިޓްތަކާއި ގުޅިގެން މަސައްކަތް ކުރާނެގޮތްތައްވެސް ފަރިތަ ކުރާނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް