ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 08:31
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ އަބްދުﷲ މައުސޫމް
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ އަބްދުﷲ މައުސޫމް
ރާއްޖެއެމްވީ
ފަލަ ސުރުޚީ
މިވެރިކަމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ އިންސާފުގެ މަގުން ރާއްޖެ ގެންދަން: ޑރ މައުސޫމް
ރައީސް ސޯލިހު ވެރިކަމުގެ ދިހަ ދުވަސް ވަރަށް ކާމިޔާބު
ރައްޔިތުންގެ މަންފާއަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި
ރާއްޖޭން ކޮރަޕްޝަން ނައްތާލެވޭނެ ކަމުގެ އުންމީދު ބޮޑު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޚާއްސަ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ އިންސާފުގެ މަގުން ރާއްޖެ ގެންދިއުން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. މައުސޫމް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގެ ދިހަ ދުވަސް ވަރަށް ކާމިޔާބު ކަމަށާއި، ގައުމާއި، ރައްޔިތުންގެ މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ބޭނުން ކުރި ޝިޔާރަކީ ޖަޒީރާ ރާއްޖެ އިންސާފުގެ މަގަށްކަން ފާހަގަކުރައްވައި ޑރ. މައުސޫމް ވިދާޅުވީ މި ފަސް އަހަރު އެންމެ ޚާއްސަ ކަމެއް ދީގެން މަސައްކަތް ކުރަނީ އިންސާފުގެ މަގަށް ރާއްޖެ ގެންދިއުން ކަމަށާއި، މި މަގުގައި ކުރިއަށް ދިއުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ކުރުމަށް ކަމަށެވެ.

ޑރ. މައުސޫމް ވިދާޅުވީ ރާއްޖޭން ކޮރަޕްޝަން ނައްތާލުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށާއި، މިވަބާ ގައުމުން ނައްތާލުމަށް މިހާރު މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. މިކަން ކާމިޔާބުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއާއެކު ގައުމު ތަރައްގީ ކުރަން އެބަޖެހޭ ތެދެއްތޯ. އޭގެ އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ކެމްޕޭންގައި އަޅުގަނޑުމެން ގޮވާލަމުން ދިޔައިމު ގާނޫނު އަސާސީގައި ރައްޔިތުންނަށް ލިބިދިނުން ލާޒިމްކޮށްފައިވާ އަސާސީ ޚިދުމަތްތައް. އެއީ ބޯފެނާއި، ނަރުދަމާ، ކަރަންޓާއި، ސިއްހީ ޚިދުމަތްތައް. މިކަންތައްތަކަކީ ހަމަ ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ޚިދުމަތެއް،" މައުސޫމް ވިދާޅުވިއެވެ.

ޑރ. މައުސޫމް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި މިހާރު ވެސް ރައްޔިތުންގެ އުންމީދު އާލާވާ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ވަރަށް ކާމިޔާބު ކަމާއެކު އިންސާފުގެ މަގަށް ފެށި ދަތުރުގައި ކުރިއަށް ދެވޭ ކަމަށެވެ.

ލަނޑުދަނޑިތައް ކާމިޔާބު ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަން ޑރ. މައުސޫމް ފާހަގަ ކުރައްވަމުން ވިދާޅުވީ، ކޯލިޝަންގެ ހަތަރު ލީޑަރުންގެ ވިސްނުންފުޅާ އަދި އެބޭފުޅުން މާޒީގައި ކުރައްވާފައިވާ ތަޖުރިބާގެ އަލީގައި ގޮންޖެހުންތައް ހައްލު ކުރެވޭނެ ކަމަށެވެ.

"ވާދަވެރިކަމުން މިއޮތީ އެކުވެރިކަމަކަށް އައިސްފަ އެނގޭތޯ. އެކުވެރިކަމުގެ ތެރޭގައި އަދިވެސް އެސިޔާސީ ވާދަވެރިކަން އޮންނާނެ. ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލިސް. މުހިހުރިހާ ކަމެއް އޮތް އިރުގައި ވެސް ހަމަ ދެން އެންމެ ރައްޔިތުންގެ ހިތަށް ހިތްހަމަޖެހުމެއް ލިބޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ވަރަށް ތަފާތު މަރުހަލާތަކުގައި ވިދާޅުވެއްޖެ އެހެން ރައީސް ސޯލިހުގެ ވެރިކަން ދިފާއު ކުރުމަށް މިފަސް އަހަރަށް ދިފާއު ކުރުމަށް ތިމަންނަ އެކަނި ވެސް ހުންނާނެ ކަމަށް. " މައުސޫމް ވިދާޅުވިއެވެ.

ޑރ މައުސޫމް ވިދާޅުވީ ކޯލިޝަންގެ ހަތަރު ލީޑަރުން ތިއްބެވީ ގައުމާއި ރައްޔިތުން އިސްކޮށް ޚިދުމަތް ކޮށްދެއްވުމަށް ތައްޔާރަށް ކަމަށާއި، ރައްޔިތުންނަށް ދެރަވާފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަތަރު ލީޑަރުން މަސައްކަތް ކޮށްދޭނެ ކަމަށާއި، ކޯލިޝަނަށް ރައްޔިތުން ވޯޓު ލުމުގައި އުންމީދު ދަމަހައްޓާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް